ހަބަރު

ރާއްޖެ-ޖަޕާން ގުޅުމުގެ ބައި ގަރުނަށް ސްޓޭމްޕް ސެޓެއް ނެރެފި

ރާއްޖެއާ ޖަޕާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ދެގައުމުގެ ގުޅުމުގެ ހަނދާން އާކޮށްދޭ ފޮޓޯތަކަކާއި އެކު ސްޓޭމްޕް ސެޓެއް ނެރެފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓޭމްޕްސެޓް ނެރެދެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. އެ ރަސްމިއްޔާތުގައި ޖަޕާނު ސަފީރު އެންޑޯ ކަޒޫމީއާއި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު ބައިވެރިވަޑައިގެންނެވިއެވެ. އަދި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އެހެން އިސް ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މާލޭގެ ތޮށި ލުމަށް ޖަޕާނު ސަރުކާރުން ހިންގި މަޝްރޫއުގެ ފޮޓޯއަކާއި ޖަޕާނުން ހިންގި އެހެން ބައެއް މަޝްރޫއުތަކުގެ ފޮޓޯތައް ސްޓޭމްޕް ސެޓްގައި ހިމެނެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެމްޕެރާ އަކިހީޓޯއާ ބައްދަލުކުރެއްވި މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސްޓޭމްޕްސެޓްގައި ހިމެނެއެވެ. އަށް ސްޓޭމްޕް ހިމެނޭ އެ ސެޓްގައި ވާ ކޮންމެ ސްޓޭމްޕެއްގެ އަގަކީ 15 ރުފިޔާއެވެ.

ރައީސް ޔާމީނު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގެންނެވީ 2014 ވަނަ އަހަރުގެ އޭޕްރިލްމަހުއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ޖަޕާނާއި ރާއްޖޭގެ ގުޅުމަކީ ސުލްހަވެރިކަމާއި އެކު ދެމި އޮތުމުގެ އުސޫލުތަކާއި އެއްގައުމުން އަނެއް ގައުމަށް އިހުތިރާމް ކުރުމުގެ ހަގީގީ ރޫހު ދައްކައިދޭ ގުޅުމެއް ކަމަށެވެ. އަދި ވިދާޅުވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ޖަޕާނާއި ރާއްޖޭން ވަނީ ތަފާތު ގިނަ ދާއިރާތަކަކުން އެއްބާރުލައި، ގުޅިގެން މަސަައްކަތްކޮށްފައި ކަމަށެވެ. ރައީސް ޔާމީނު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވި ކަމަަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭމްޕް ސެޓް ނެރުމުން އެކަމަށް ޓަކައި ޖަޕާނު ސަފީރު އެންޑޯ ކަޒޫމީ ފޮރިން މިނިސްޓްރީއަށާއި މޯލްޑިވްސް ޕޯސްޓަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިދާޅުވީ ދެގައުމުގެ ގުޅުމަށް 50 އަހަރު ފާހަގަ ކުރުމަށް ޖަޕާނުގައި ވެސް މިއަދު ސްޓޭމްޕް ސެޓެއް ނެރުނު ކަމަށެވެ.