ދުނިޔެ

އަސްކަރިއްޔާގައި ހުރި ބާރެއް ލާފައި ލުބްނާނަށް ހަމަލާދިނުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި

އަސްކަރިއްޔާގައި ހުރި ނަމަ ހުރި ބާރަކުން ލުބްނާނަށް ހަމަލާދިނުމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމުގެ އަސްކަރިއްޔާއަށް އަމުރުކުރައްވައިފި އެވެ.

ނަތަންޔާހޫ މި ގޮތަށް އަމުރުކުރެއްވިއިރު، ލުބްނާނަށް ހަމަލާދިނުން ހުއްޓާލުމަށް އދ އަދި ބައިނަލްއަގްވާމީ ސުލްހައަަށް މަސައްކަތްކުރާ ޖަމާއަތްތަކުން އޮތީ އިޒުރޭލަށް ގޮވާލާފަ އެވެ.

އިޒުރޭލުގެ ޒަޔަނިސްޓް ޔަހޫދީންނަކީ ބަޔަކު ދައްކާހާ ވާހަކައެއް އަޑުއަހައި ގަބޫލުކުރާ ބައިގަނޑެއް ނޫނެވެ. އިޒުރޭލުގެ ވެރިކަމަށް އެއްވެސް އިރެއްގައި ނަސޭހަތް ގަބޫލުކުރަން ކެރޭ ވަރުގެ ޔަހޫދީއަކު އައްޔަންކޮށްފައެއް ނުވެ އެވެ.

ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރުމަށް ވަގުތު ހޯދުމަށްޓަކައި 21 ދުވަހަށް ހަމަލާަތައް ހުއްޓާލުމަށް އެމެރިކާ އާއި ފަރަންސޭސިވިލާތުން ވެސް އޮތީ އިޒުރޭލަށް ހުށަހަޅާފަ އެވެ.

ނަމަވެސް، އިޒުރޭލުގެ ގާތް އެކުވެރިންގެ އެދުމަށްވެސް ބެލުމެއް ނެތި އަސްކަރިއްޔާގައި ހުރި ހުރިހާ ބާރެއް ލުބްނާންއާ ދެކޮޅަށް ބޭނުންކުރުމަށް ބޮޑުވަޒީރު އެ ވަނީ ނިންމަވާފަ އެވެ.

އިޒުރޭލުން ލުބްނާނަށް ހަމަލާދެނީ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ބިމާ ހަމަކުރުމަށް ކަމަށް ބުނެ އެވެ. އެކަމަކު އިޒުރޭލުގެ ހަމަލާތަކުގައި އެންމެ ބޮޑަށް އަނިޔާލިބި ގެއްލުން ވަނީ އާންނު ރައްޔިތުންނަށެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީގާތީ ވެސް ވަނީ އެމެރިކާ އާއި ފަރަންސޭސިވިލާތުން ހުށަހެޅި ހުށަހެޅުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަަމަލާތައް މެދުކަނޑާލައި މަޝްވަރާކުރުން ވަރަށް މުހިންމު ކަމަށްވެސް ލުބްނާންގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

އިޒުރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ކަންބޮޑުވަުން ފާޅުކުރައްވާފަ އެވެ. އަދި ލުބްނާން ދެވަނަ ޣައްޒާއަށް ވާން ދޫކޮށްނުލެވޭނެ ކަމަށް ވެސް ގުޓަރެސް ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުން އެއީ ޣައްޒާގައި ނަމަވެސް އަދި ލުބްނާންގައި ނަމަވެސް، ހުރިހާ ތަކުލީފެއް ތަހަންމަލުކުރަނީ އާންމު ރައްޔިތުންނެވެ. އާންމުން ދިރިއުޅޭ ހިސާބުތަކަށް އަދި އަމިއްލަ މީހުންގެ ބިނާތަކަށް ހަމަލާދިނުަމަކީ ހަނގުރާމަކުރުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ލުބްނާނުން މި އަދަދަށް މީހުން މަރުވާން ވެއްޖެ ނަމަ މެދުއިރުމަތީގައި ފަނަކުރަނިވި ހަނގުރާމައެއް ފެށިދާނެ ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.