މިނިސްޓަރު އިބްރާހީމް ފައިސަލް

ހޮޓެލް ސްކޫލެއް ތަރައްގީކުރަނީ

ރާއްޖޭގައި ހޮޓެލް ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ގިނަ މަސައްކަތްތަކުގެ ތެރެއިން ހޮޓެލް ސްކޫލެއް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

މިމަސައްކަތް ހަގީގަތަކަށް ހެދުމަށްޓަކައި ސްވިޓްޒަލޭންޑުގައި ހުންނަ ހޮޓެލް ސްކޫލަކާއެކު ކަމާ ގުޅޭ މަޝްވަރާތައް މިހާރު ވަނީ ފަށާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ހޮޓެލް ސްކޫލު ތަރައްގީކުރާނީ ވަކި ރަށެއްގައި ކަމަށާއި އެކަން ހަގީގަތަކަށް ވާނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މެނޭޖްމަންޓް ލެވަލްގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ދުވަހެއް ދެކެން ބޭނުންވާ ކަމަށްވެސް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

"އެކަން ހާސިލުކުރުމަށް ސަރުކާރުން މަސައްކަތްވެސް ކުރާނެ،" ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އެކި ކަހަލަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަމަށެވެ.