ހަބަރު

20 ކުށްވެރިޔަކަށް އަދަބު ލުއިކޮށްދީ ދޫކޮށްލައިފި

އެކިއެކި ޖަލު ހުކުމްތައް ތަންފީޒު ކުރަމުންދިޔަ 20 ކުށްވެރިޔަކަށް އަދަބު ލުއިކޮށްދީ ދޫކޮށްލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު އަހްމަދު ލުގްމާން މިއަދު ވިދާޅުވީ ކުށްވެރިންނަށް މާފު ދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ 20 ކުށްވެރިއަކަށް އިއްޔެ އަދަބު ލުއިކޮށްދީފައިވާ ކަމަށެވެ. އަދި މިހާތަނަށް އަދަބު ލުއިކޮށްދީފައިވަނީ ވެސް 20 ކުށްވެރިންނަށް އެކަނި ކަމަށެވެ. އެއީ ކުދި ކުށްތަކުގައި ޖަލަށް ލާފައިވާ ކުށްވެރިންނެވެ.

ލުގުމާން ވިދާޅުވީ އެންމެ ފުރަތަމަ އެ ކުށްވެރިން ދޫކުރާނީ އެއް މަސް ދުވަހަށް ގޭ ބަންދަށް ކަމަށާއި އެ ދުވަސްތަކުގައި އެއްވެސް ކުށެއް ނުކުރާނަމަ ދެ މަސް ދުވަހަށް ރަށު ބަންދަށް ދޫކޮށްލާނެ ކަމަށެވެ. އަދި އެ ދުވަސްތަކުގައިވެސް އެއްވެސް ކުށެއް ނުކުރާނަމަ ފަސް އަހަރަށް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާނެ ކަމަށެވެ. ފަސް އަހަރަށްވުރެ ކުޑަ ޖަލު ހުކުމެއް އައިސްފައިވާނަމަ އެ މުއްދަތު ހަމަވުމުން މިނިވަންވާނެ ކަމަށެވެ. މި މުއްދަތުތަކުގެ ތެރޭގައި ކުށެއް ކޮށްފިނަމަ އަނބުރާ ޖަލަށް ގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދުގެ ނަމުގައި އާ ގަވައިދެއް އެކުލަވާލައި އާގަވާއިދެއް މިދިޔަ އަހަރު ވަނީ ގެޒެޓުކޮށްފަ އެވެ. އެ ގަވާއިދަކީ، ޖިނާއީ ކުށުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އުޅުމަށާއި އަހުލާގަށް ބެލުމަށްފަހު، އަދި މުޖުތަމައަށް އެނބުރި އައިސް، މުޖުތަމައަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުސަތެއް އޮތް މީހުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ މީހަކު ކޮށްފައިވާ ކުށަށް މައާފުދިނުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދެކެވެ.

މި ގަވައިދުގެ ދަށުން ލުއި ދޭނީ ރައީސް އަމިއްލައަށްފުޅަށް އިސް ނަންގަވައިގެންނެވެ. ގަވައިދުގައިވާ ގޮތުން ރައީސްގެ އިސްނެންގެވުމުގެ މަތިން ޝަރުތާއެކު މައާފުދޭން ފެންނަ މީހުން ކަނޑައެޅުމަށްޓަކައި، ކަމާބެހޭ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، "ރައީސުލްޖުމްހޫރިއްޔާގެ މައާފުދިނުމުގެ ހާއްސަ ފުރުސަތު ދޭ ފަންނީ ކޮމިޓީ" ގެ ނަމުގައި ހޯމް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ.

މިނިސްޓަރުގެ އިރުޝާދާއެކު ހިންގާ މި ކޮމެޓީން މައާފު ދިނުމަށް ފުރުސަތު ދޭން ނިންމައިފިނަމަ، އެނބުރި މުޖުތަމައަށް އައިސް، ކުށުން ދުރުހެލިވެފައިވާ އަދި މުޖުތަމައަށް ފައިދާހުރި މީހެއްގެ ގޮތުގައި ދިރިއުޅުމުގެ ފުރުސަތު އޮތް ކަމަށް ފެންނަ މީހުންގެ ލިސްޓު އެކުލަވައިލުމަށްފަހު، ކޮމިޓީން ރައީސްއަށް އެ މައުލޫމާތު ފޮނުވަން ޖެހޭނެ އެވެ.

އެ ގަވާއިދުގެ ދަށުން މާފު ނުދޭނެ ކުށްތަކުގެ ތެރޭގައި ހިމެނެނީ އިސްތިއުނާފު މަރުހަލާގައި ތިބި ކުށްވެރިންނާއި، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކުށްވެރިންނާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވާ މީހުންނާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ މީހުން އަދި ގަދަކަމުން ޖިންސީގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ މީހުންނެވެ.

އަދި މާފު ދެވޭނީ ގަވައިދުގައިވާ ގޮތުން އެ މީހެއްގެ މައްޗަށް އެންމެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާނަމަ އެވެ. އެ މީހެއްގެ މައްޗަށް އެއް ހުކުމަށް ވުރެ ގިނަ ހުކުމްކޮށްފައިވާނަމަ، ތަންފީޒުކުރަމުންދާ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކުރުމުން ނޫނީ މާފު ނުދެވޭނެ އެވެ.

މާފު ދޭން ފެންނަ ކަމަށް ކޮމެޓީން ނިންމާ މީހުންނަށް ހާއްސަ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ކޮމެޓީން ހިންގަން ޖެހެ އެވެ. ރައީސް މާފު ދޭނީ އެ ޕްރޮގްރާމް ފުރިހަމަކަމާއެކު ނިންމުމުންނެވެ.

މައާފުދިނުމަށް ފުރުސަތުދޭން ކޮމިޓީއަށް ފެންނަ މީހުންނާ ގުޅޭގޮތުން ރައީސް ވަކި ގޮތެއް ނިންމަވައި، ހޯމް މިނިސްޓަރަށް އެންގެވުމުން، އެ ނިންމެވުން ކަރެކްޝަނަލް ސާވިސްއިން މިނިސްޓަރުގެ އެންގެވުމުގެ މަތިން ތަންފީޒުކުރަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.

މީގެ ކުރީގެ ސަރުކާރުތަކުންވެސް އެ ގާނޫނުގެ ދަށުން ކުށްވެރިންތަކަކަށް މާފު ދިނުމަށްފަހު ދޫކޮށްލާފައިވެ އެވެ.