ކުޅިވަރު

އަމާޒަކީ ފަލަސްތީން މެޗުގައި ފެންވަރު މަތިކުރުން

އޭޝިއަން ކަޕުން ރާއްޖެއަށް ފުރުސަތު ގެއްލިފައި ވުމުން، މިރޭ ފަލަސްތީނާ ދެކޮޅަށް އެގައުމުގައި ކުޅޭ މެޗުގައި ރާއްޖޭގެ އަމާޒަކީ ކުޅުމުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނެފި އެވެ.

ފަލަސްތީނާ، ރާއްޖެ ކުޅޭ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ 7:00 ގަ އެވެ. ފަލަސްތީނުން ވަނީ މިހާރުވެސް އޭޝިއަން ކަޕަށް ކޮލިފައި ވެފައެވެ. މި ގުރޫޕުން ދެން ކޮލިފައި ވެފައި ވަނީ ގުރޫޕްގެ ދެ ވަނައިގައި އޮތް އޮމާން އެވެ.

ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ފަލަސްތީންގެ ޓީމުން ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. ފަލަސްތީންގެ ކޯޗް އަބްދުލް ނާސިރު ބަރަކާތު ޓީމު ނެގުމުގައި އިސްކަން ދެނީ، ކޮލިފައިންގެ ގިނަ މެޗުތައް ކުޅެފައިވާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް އަނިޔާއާ ހެދި ބައެއް ކުޅުންތެރިންނަށް އޭނާގެ ޓީމުން ފުރުސަތެއް ނުދެއެވެ.

އަދި އިޒުރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލު ތަކުގެ ތެރެއިން ދެ ކުޅުންތެރިޔަކަށް ޖެނިން ސަރަހައްދަށް ނުވަދެވުނެވެ. އެގޮތުން ބަހްރެއިންގެ ލީގްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މަހުމޫދު ވާދީ އާއި މުހައްމަދު ބަލާހްއަށް ފަލަސްތީން ޓީމާ ގުޅުމުގެ ފުރުސަތެއް އިސްރާއީލުން ނުދިނެވެ.

ރާއްޖޭގެ ގައުމީ ކޯޗް ވެސް ވަނީ ފަލަސްތީން ފަދަ އުނދަގޫ މާހައުލެއް އޮތް ތަނެއްގައި ރާއްޖޭގެ ޓީމަށް ފަލަސްތީންގެ ފުޓްބޯޅަ ފެޑްރޭޝަނުން ފޯރުކޮށްދިން އެއްބާރުލުން ފާހަގަ ކޮށްފަ އެވެ.

ފަލަސްތީނުން މެޗަށް ތައްޔާރުވުމުގެ ގޮތުން ވަނީ އަށް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ރާއްޖެއަ ދެކޮލަށް ފަލަސްތީނުން މެޗު ކުޅެން ހަމައްޖައްސާފައިވާ ދަނޑަކީ ޖެނިންގެ އަރަބި އެމެރިކް ޔުނިވަސިޓީގެ ދަނޑުގަ އެވެ. މިދަނޑުގެ ސަޕޯޓަރުންގެ ޖާގަ އަކީ 5000 މީހުން ނެވެ. މިއީ ފަލަސްތީނުން އެ ދަނޑުގައި މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ. ފަލަސްތީންގެ ރަސްމީ ދަނޑަކީ ފައިސަލް އަލް ހުސައިނީ ސްޓޭޑިއަމް އެވެ. ނަމަވެސް މިހާރު ކުރިއަށް ދަނީ އެ ސްޓޭޑިއަމް މަރަމާތު ކުރުމުގެ މަސައްކަތެވެ.