ދުނިޔެ

ޗައިނާއަށް ދިން 2.5 ބިލިޔަން ޑޮލަރުގެ މަޝްރޫއު ނޭޕާލުން އަތުލައިފި

ނޭޕާލުގައިވާ ފެނުގެ ވަސީލަތް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައި އޮތް 2.5 ބިލިޔަން ޑޮލަރުގެ މަޝްރޫއަކުން އެ ކުންފުނި ވަކިކޮށްފިއެވެ.

ނޭޕާލު ސަރުކާރުން ބުނީ މިހައިތަނަށް އިއުލާނު ކުރި އެންމެ ބޮޑު ހައިޑްރޯ ޕަވަޕްލާންޓުގެ މަޝްރޫއުން ޗައިނާގެ ގެޒޫބާ ގްރޫޕް ކޯޕަރޭޝަން ވަކިކުރީ އެކުންފުންޏާ މަޝްރޫއު ހަވާލުކުރުމުގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ.

" ބުދީ ގަންޑަކީ ހައިޑްރޯއިލެކްޓްރިކް މަޝްރޫއު ހިންގަން ގެޒޫބާ ގްރޫޕާ ހަވާލުކުރުމުގެ އެއްބަސްވުން ކެބިނެޓުން ކެންސަލްކޮށްފި،" ނޭޕާލުގެ އެނާޖީ މިނިސްޓަރު އަދި އަދި ބޮޑުވަޒީރުގެ ނައިބު ކަމާލް ތާޕާ އިއްޔެގައި ކުރެއްވި ޓްވީޓެެއްގައި ވިދާޅުވެފައި ވެއެވެ.

ކެބިނެޓުގެ ބައްދަލުވުމަކަށް ފަހު ކުރެއްވި އެ ޓްވީޓުގެ އިތުރުން އެކަމާ ބެހޭ ގޮތުން އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ގަނޑުފެނުން މަތި ބެދިފައިވާ ހިމާލަޔާ ފަރުބަދަ ޗޭނުން ދެމިފައިވާ ކޯރުތަކެއް އޮންނާތީ ފެނުން ކަރަންޓް އުފެއްދުމަަށް ބޭނުންވާ ގިނަ ވަސީލަތްތައް ނޭޕާލުގައި ވެއެވެ. ނަމަވެސް ފައިސާއާއި ޓެކްނޮލޮޖީ ނެތުމުޔގެ ސަބަބުން އެ ވަސީލަތްތައް ބޭނުމެެއް ނުކުރެވެއެވެ. އެހެންވެ، އެގައުމުގެ ރައްޔިތުންނަށް އަހަރަކު ބޭނުންވާ 1400 މެގަވޮޓްގެ ކަރަންޓް ހޯދުމަށް ބަރޯސާ ކުރަން ޖެހިފައި ވަނީ އަވަށްޓެރި އިންޑިއާއަށެވެ.

ބުދީ ގަންޑަކީ ނަމަކަށް ކިޔާ ކޯރުގައި ހައިޑްރޯ ޕަވަޕްލާންޓެއް އެޅުމުގެ މަޝްރޫއު ގެޒޫބާ ކުންފުންޏާ ހަވާލުކުރީ މިދިޔަ ޖޫން މަހު، ނޭޕާލުގައި އޭރު އޮތް މާއޮއިސްޓުން އިސްވެ ތިބި ސަރުކާރުންނެވެ. އެ ކަމަށް ފާޑުކީ ފަރާތްތަކުން އޭރުވެސް ބުނަމުން ދިޔައީ ގެޒޫބާއާ މަޝްރޫއު ހަވާލުކުރީ ވާދަވެރި ބިޑިން ޕްރޮސެސްއަކާ ނުލައި ކަަމަށެވެ. އެ މަޝްރޫއު ހުއްޓުވަން ، މާއޮއިސްޓުންގެ ފަހުން އައި ސަރުކާރަށް ލަފާ ދިނީ ނޭޕާލު ޕާލަމެންޓުގެ ޕެނަލަކުންނެވެ.

މަޝްރޫއު އަތުލި މައްސަލައިގައި ގެޒޫބާއިން އަދި އެއްޗެއް ނުބުނެއެވެ.