ކުޅިވަރު

އެފްއޭއެމުން ނިންމައިފިނަމަ އިސްތިއުފާ ދޭން ތައްޔާރު: ކޯޗް

Nov 15, 2017
2

އެފްއޭއެމުން އޭނާ ވަކިކުރަން ނިންމައިފިނަމަ އެކަމާ ޝަކުވާއެއް ނެތް ކަމަށާއި އެފްއޭއެމުން ނިންމައިފިނަމަ އޭނާ އިސްތިއުފާ ދޭން ތައްޔާރަށް ހުރި ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ފަލަސްތީނާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 8-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން ރާއްޖެ ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މީގެ ކުރިން އެންމެ ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވީ ޗައިނާ އަތުން 10-1 ން ނެވެ. އެއީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑްކަޕަށް ކޮލިފައި ވުމަށް ކުޅުނު ކޮލިފައިގައި ޗައިނާގައި ކުޅުނު މެޗުގައެވެ. މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭ ކޮޅަށް ޗައިނާއަށް ޖެހުނީ އެންމެ ލަނޑެކެވެ.

ފަހަކަށް އައިސް ގައުމީ ޓީމުން ހޯދަމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން ގައުމީ ކޯޗަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ އެވެ. ކޯޗާއެކު އެފްއޭމުން އެއްބަސްވުން ހެދީ ދެ އަހަރުގެ މުއްދަތަށެވެ. އަދި ކޯޗްގެ ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ.

ފަލަސްތީނާ ދެކޮލަށް ރޭ ކުޅުނު މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން ކޯޗް ބުނީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވާން ޖެހޭ މިންވަރަށް ތައްޔާރު ނުވެވޭ ކަމަށާއި ޓްރެއިނިން ރަނގަޅު ފެންވަރަކަށް ގެންދިއުމުގައި ކޯޗަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ. އޭޝިއަން ކަޕް ކޮލިފައިން ގައި މެޗުތަކަށް ނިކުތުމުގެ ކުރިން ރާއްޖެއިން ކުޅުނީ އެކުވެރި ކަމުގެ ދެމެޗެވެ. އޭގެ ތެރެއިން އިންޓަނޭޝަނަލް ފްރޭންޑްލީ މެޗުގެ ގޮތުގައި ހިމެނެނީ އަފްގާނިސްތާ ދެކޮޅަށް އަރަބި އެމިރޭޓްސްގައި ކުޅުނު މެޗު އެކަންޏެވެ. އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ދިއުމުގެ ކުރިން ގަތަރުގެ ޗެމްޕިއަން ކުލަބު ދުހައިލް އެފްސީއާ ދެކޮޅަށް މެޗެއް ކުޅުނެވެ.

ކޮލިފައިންގައި ރާއްޖެއަށް ދެން އޮތީ ބޫޓާނާ ދެކޮޅަށް މާލޭ ގައި ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ އަންނަ އަހަރު މާރިޗް 27 ގައި މާލޭގަ އެވެ.