އޭއެފްސީ ކަޕްގައި މާދަމާ އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިއު ރޭޑިއަންޓް ނުކުންނައިރު، ނިއު އިން މި މެޗަށް ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެން ކަމަށް ނިއު އިން ބުނެފި އެވެ.
މި މެޗަށް ނުކުންނައިރު ޕެރްސިބް އޮތީ އަށް ޕޮއިންޓާޢެކު ގުރޫޕް އެޗްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑް އޮތްއިރު، ތިން ވަނައިގައި ނިއު އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ތާވަލްގެ ފުލުގައި އޮތީ ދެ ޕޮއިންޓާއެކު ލާއޯ އެފްސީ އެވެ.
ނިއު އަށް ދެވަނަ ބުރުގެ އުންމީދު ދެމެހެއްޓޭނީ މާދަމާ ޕެރްސިބް އަތުން މޮޅުވެެގެންނެވެ. މި މެޗު އެއްވަރުވެ، މާދަމާ އަޔެޔަވާދީ އާއި ލާއޯ ބައްދަލުކުރާ މެޗުން އަޔެޔަވާދީ މޮޅުވެއްޖެ ނަމަ، ނިއު އަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލޭނެ އެވެ.
މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިއުގެ އެސިސްޓަންގެ ކޯޗު ހަސަން ހަމީދު (ޑަކޭ) ބުނީ މި މެޗަކީ ނިއު އަށް ވަރަށް މުހިންމު މެޗެއް ކަމަށާޢި ނިއު އިން ނުކުންނާނީ މި މެޗަކީ ފައިނަލެއް ކަމަށް ދެކިގެން ކަމަށެވެ.
"ނިއު އިން ނުކުންނާނީ މި މެޗަކީ ފައިނަލެއް ކަމަށް ދެކިގެން. އަޅުގަނޑުމެން ބޭނުންވަނީ މި މެޗުން ތިން ޕޮއިންޓް ހޯދަން. ހުރިހާ ކުޅުންތެރިން ވެސް ތިބީ އެކަމަށް މަސައްކަތްކުރަން ތައްޔާރުވެގެން،" ޑަކޭ ބުންޏެވެ.
ޑަކޭ ބުނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު މިހާރު ކުޅެން ނިކުމެފައިވާ ފޯވަޑް އަލީ ފާސިރު (ސެންޓޭ) މި ސީޒަންގައި ފުރަތަމަ ފަހަރަށް ނިއުގެ ފުރަތަމަ 11 އިން މާދަމާގެ މެޗުގައި ފެނިދާނެ ކަމަށެވެ.
"ސެންޓޭ ފުރަތަމަ 11 އިން ފެނުން ކައިރި. ސެންޓޭ ކުޅެން ނިކުތުމަކީ މުޅި ޓީމަށް ވެސް ލިބުނު އިތުރު ހިތްވަރެއް،" ޑަކޭ ބުންޏެވެ.
ޕެރްސިބް ވަނީ ގުރޫޕްައި ކުޅުނު ފުރަތަމަ މެޗުގައި ނިއު އަތުން އަމިއްލަ ދަނޑުގައި 4-1 އިން މޮޅުވެފަ އެވެ.
އެކަމަކު ޕެރްސިބްގެ ކޯޗު ޑްޖަޑްޖަންގް ނޫރްޑްޖަމަން މިއަދު ބުނީ ނިއުގެ ދަނޑުގައި އެ ޓީމު ބަލިކުރުމަކީ ފަސޭހަަކަމަކަށް ނުވާނެ ކަމަށެވެ.
"ކުރިން ކުޅުނު މެޗުން މި މެޗުގައި ކުރާނެ ފައިދާއެއް ނޯންނާނެ. ނިއު އަށް ވެސް އާ ކޯޗަކާއެކު، އަމިއްލަ ދަނޑުގައި ކުޅޭއިރު އިތުރު ހިތްވަރެއް ކުރާނެ އަހަރެމެން އަތުން ރަނގާޅު ނަތީޖާއެއް ހޯދަން. ނިއު އަކީ ރަނގަޅު ޓީމެއް. އަހަރެމެންނަށް މާދަމާގެ މެޗު ފަސޭހައެއް ނުވާނެ،" ނޫރްޑްޖަމަން ބުންޏެވެ.