ކުޅިވަރު

މިވަރުން ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރާނީ ކިހިނެއް؟

އަންނަ އަހަރު ބާއްވާ ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ރާއްޖެއިން ދެކެމުންދާ ހުވަފެނެކެވެ. ރާއްޖެއަށް އެކަން މުހިންމުވާ މިންވަރަކީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅަން ތިބި ފަރާތްތަކުން ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި އެކަން ވަނީ ހިމަނާފައި އޮތުމެވެ. ރައީސް އަބްދުﷲ ޔާމީންވެސް އެކަމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވައެވެ. ކުޅިވަރުގެ ކޮންމެ ހަފުލާއަކަށް ވަޑައިގެން ސަރަހައްދީ ލެވަލްގައި ރާއްޖެއިން ކުޅިވަރުތަކުން ރަން މެޑަލް ގެންނަން މަސައްކަތް ކުރުމަށް ހިތްވަރު ދެއްވައެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާންގެ ދައުރުގައި ފުޓްބޯޅައިން ސަރަހައްދީ ފެންވަރުގެ ބޮޑު ކާމިޔާބެއް ރާއްޖެއިން ހޯދުމަކީ ރައީސް ޔާމީން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ އަށް ކުލަބުގެ އިސްވެރިންނާއެކު، ރައީސް އޮފީހުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައިވެސް އެމަނިކުފާންގެ ވާހަކަފުޅުގެ އެންމެ އިސްކަމެއް ދެއްވީ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ގެނައުމުގެ ވާހަކައަށެވެ. އެކަމަށް ސަރުކާރުން ކޮށްދޭން ޖެހޭ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާން ދެއްވިއެވެ. އެކަމަށް މަގު ކޮށައިދިނުމަށް ސަރުކާރަށް އޮންނާނީ ދައުލަތުގެ މާލިއްޔާއިން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމާއި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ހިޔުމަން ރިސޯސަސް ފޯރުކޮށް ދިނުމެވެ.

ޓެކްނިކަލީ ކުރަންޖެހޭ މަސައްކަތް އޮތީ ދިވެހި ފުޓްބޯޅައިގެ މައި އިދާރާގެ މަސްއޫލިއްޔަތުގެ ދަށުގައެވެ. ގައުމީ ޓީމުގެ މިހާރުގެ ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް އާ ގައުމީ ހެޑް ކޯޗުކަން ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ކޯޗްގެ ޓާގެޓެއްގެ ގޮތުގައި ކަނޑައަޅާފައި ވާނީ އޭޝިއަން ކަޕްގެ ޖާގަ ހޯދުމާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ކަމަށެވެ.

ކޯޗާ މަތިކުރި ފުރަތަމަ މަސައްކަތް އޭނާއަކަށް ރާއްޖެއަށް ހޯދައި ނުދެވުނެވެ. ނަމަވެސް މިއީ ހަމައެކަނި ކޯޗް ގެ ބޮލަށް އެކަނި ކަނޑަލެވޭނެ ކަމެއް ނުނެވެ. ފުރަތަމަ ޓާގެޓް ހާސިލެއް ނުކުރެވުނެވެ. ދެން އޮތީ ދެ ވަނަ ޓާގެޓެވެ. ނަމަވެސް ދިވެހި ފުޓްބޯޅައާ މެދު މިހާރު މިވިސްނާ ގޮތަށް ވިސްނައިގެން އެކަން ވާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ފުޓްބޯޅައިގެ ކާމިޔާބު ހޯދުމުގެ އެޓިޓިޔުޑެއް ރާއްޖެއަކު ނެތެވެ.

ސްޓްވާޓް ވެސް ބުނީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވާން ޖެހޭ ގޮތާ ގާތަށްވެސް ރާއްޖެއަށް ތައްޔާރީތައް ނުގެންދެވޭ ކަމަށެވެ.

ދަނޑު މައްޗަށް ކުޅުންތެރިން ކުޅެން އެރުމުގެ މާކުރިން ފުޓްބޯޅައިގެ ތެރޭގައި ތަރުތީބު ވެފައި ހުންނަންޖެހޭ ކަންކަން އެބަހުއްޓެވެ. އެއީ އަހަރުތަކެއް ކުރިން މަސައްކަތް ފެށިފައި އޮންނަންޖެހޭ ކަންކަމެވެ. އެއީ އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ހާސިލު ކުރާނެ ކަމަށް އޮންނަން ޖެހޭ ކަންކެމެވެ. ރާއްޖޭގެ ސްޓްރެޓެޖިކް ޕްލޭން ކޮބާހެއްޔެވެ. އޭގެ އަމަލީ މަސައްކަތް ފެށުނީ ސެޕްޓެމްބަރު މަހު އެވެ.

"މިއީ ހަމައެކަނި ޓެކްނިކަލް ވިސްނުމަކުން ކުރެވެން އޮތް ކަމެއް ނޫން އެއް ފެންވަރެއްގައި ކުރިއަށް ގެންދެވޭނީ އޭގެ ކުރިން މެނޭޖުމެންޓް ލެވަލްގައި ސަސްޓެއިން ކޮށް ކުރިއަށް ގެންދެވޭނެ ގޮތަކަށް ރޭވިގެން." މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ މައުރޫފް އަހްމަދު (މާއްޓޭ) ބުނެފައި ވެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެއިން ވާދަ ކުރަން ޖެހޭނީ އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާގެ ދުރުރާސްތާ ޓާގެޓް ހުރީ 2026 ވޯލްޑް ކަޕަށް ކޮލިފައި ވުމަށެވެ. އޭގެ ކުރިން، 2022 ގެ ވޯލްޑް ކަޕްގެ ތަސްވީރު ވެސް އިންޑިއާއިން ވަނީ ކުރަހާފަ އެވެ. އޭޗިއަން ކަޕްގެ ފުރުސަތު އޮތީ ހޯދާފަ އެވެ. ޓެކްނިކަލް މީހުން ބިނާ ކުރުމަށާއި، ކޯޗުން ނާއި ގްރާސް ރޫޓް ބިނާ ކުރާނެ ވާހަކަވެސް އެ ޕްލޭންގައި އެބައޮތެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕުން އިޓަލީއަށް ފުރުސަތު ގެއްލުނީއެވެ. އިޓަލީ އަށް ނާކާމިޔާބު ވުމުން، އެގައުމުގެ ފުޓްބޯޅަ އިދާރާއިން އަވަސްވެގަތީ އިޓަލީގެ ފުޓްބޯޅަ ރިވިއު ކުރުމަށެވެ. ޓެކްނިކަލީ އަދި ބިޒްނަސް މެޑްލް ހިމެނޭ އޭންގަލްތަކުން ނެވެ. މިއީ ދުނިޔޭގެ އެންމެ ގަދަ ތިން ލީގް ތެރޭގައި ހިމެނޭ ގައުމެއްގެ ވާހަކަ އެވެ. ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދި ގައުމެކެވެ. އެ ގައުމަށް ހެދުނު ގޯސްތަކަކީ ކޮބައިކަން ހޯދުމަށް އެ ގައުމުގެ އެފްއޭއިން ތެދުވިއިރު ރާއްޖެ ކަހަލަ ފުޓްބޯޅައިގެ އެމެޗުއާ ގައުމުތަކުން އަދި ކިހާވަރަކަށް މަސައްކަތް ކުރަން ޖެހޭނެ ހެއްޔެވެ. ނަމަވެސް ރާއްޖެ ކޮބާ ހެއްޔެވެ.

ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ފުޓްބޯޅައިގެ އެންމެ ބޮޑު ކުރިއެރުން ހޯދާފައިވަނީ އިންޑިއާގެ އިތުރުން އަފްގާނިސްނެވެ. އެފްގަސްނިސްތާނަކީ މިހާރު ސާފްގެ ގައުމެއް ނޫނަސް ދެކުނު އޭޝިއާގެ ފުޓްބޯޅައާ ގުޅުން ހުރި ގައުމެކެވެ. ސަރަހައްދީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގައުމެކެވެ. އަފްގާނިސްތާނުން އެ ގައުމުގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ޖަރުމަންގެ އެހީތެރިކަން ހޯދައެވެ. ޖަރުމަންގެ އެކި ކޯޗުން އަފްގާނިސްތާނަށް ގޮސް އަފްގާންގެ ކޯޗުން ތަމްރީން ކުރެއެވެ. ގްރާންސް ރޫޓް ލެވަލްގެ މަސައްކަތް ހިންގާނެ ގޮތް ބުނެދއެވެ. އަހަރުގެ އެކި ހިސާބުތަކުގައި ޖަރުމަންގެ ފުޓްބޯޅައިގެ އެކްސްޕާޓުން އަފްގާނިސްތާނަށް ދެއެވެ. އެގައުމުގެ ޒުވާން އުމުރުގެ ކުޅުންތެރިންނަށް ޖަރުމަންގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކުން ފުރުސަތު ހޯދައިދޭން ވާހަކަ ދައްކައެވެ.

އިންޑިއާ އޮތީ ހޮލެންޑާ ގުޅިފައެވެ. އަދި ސްޕެއިންގެ އެހީތެރިކަންވެސް އިންޑިއާއަށް އެބައޮތެވެ. ހޮލެންޑާއި ބާސެލޯނާގެ ފުޓްބޮޅަ ލެޖެންޑް ޔޯހާން ކްރައިފްގެ ދަނބިދަރި ޓޮޑް ބީން އިސްވެ ހިންގާ ޓޯވޯ ފުޓްބޮޅަ އެކެޑެމީން ވަނީ އިންޑިއާގެ ކޯޗުން ތަމްރީން ކުރަން އެއްބަސް ވެފައެވެ. އިންޑިއާގެ ފުޓްބޯޅަ ކޯޗުން ސްޕެއިންނަށް ގޮސްގެންނާއި ޓޯވޯގެ ކޯޗުން އިންޑިއާއަށް އައިސް އިންޑިއާގެ ކޯޗުން ތަމްރީން ކުރުމަށް ވަނީ ތައްޔާރު ވެފައެވެ. މިދިޔަ އަހަރު ނޭޕާލުންވެސް އިޓަލީ ކޯޗުންގެ ޓީމެއް އެ ގައުމަށް ގެނެއެވެ. މިއީ ރާއްޖެއާ އެއް ހިސާބެއްގައި އޮތް ގައުމުތަކެވެ. ރާއްޖޭގެ ރާޑަރަށް މިގައުމުތައް ނަރާނީ ހެއްޔެވެ.

މިދިޔަ އަހަރު ޔޫރޯގެ ކްއާޓާ ފައިނަލަށް ދަތުރު ކުރި އައިސްލެންޑަކީ ރާއްޖެއަށް ވުރެ ކުޑަ އާބާދީއެއް އޮތް ގައުމެކެވެ. އަންނަ އަހަރު ވޯލްޑްކަޕުން ޖާގަ ހޯދައިފިއެވެ. އެގައުމުން މަސައްކަތް ފެށީ މީގެ 15 އަހަރު ކުރިން ނެވެ. އެގައުމުގެ 10 ވަރަކަށް ކޯޗުން އިނގިރޭސި ވިލާތަށް ފޮނުވިއެވެ. ތަމްރީން ހޯދުމަށާއި ފުޓްބޯޅައިގެ ޒަމާނީ ފިލޯސަފީ އުނގެނުމަށެވެ. އިންގްލެންޑުން ތަމްރީން ވެގެން އައި ކޯޗުން ކުރި މަސައްކަތަކީ ފުޓްބޯޅަ ތަރިން އުފެއްދުމެވެ. އެ މަސައްކަތުގެ ފޮނި މީރުކަން އެގައުމަށް އެބަފެނެއެވެ. އެފްއޭއެމުން އިސްނަގައިގެން ދިވެހި ކޯޗުން ފޮނުވަންވީ އެވެ. ޖަރުމަނާއި ސްޕެއިން އާއި އިޓަލީގެ ފުޓްބޯޅަ އެކެޑެމީގެ ތަމްރިން ދޮރުތައް ދިވެހި ކޯޗުންނަށް ހުޅުވާލަންވީ އެވެ. އެގައުމުތަކުގެ ކޯޗިންގެ ޓީމުތައް ރާއްޖެއަށް ގެންނަންވީ އެވެ. ކުޑަ ގައުމަކަށްވެސް ބޮޑު ކާމިޔާބެއް ހޯދޭނެކަން އައިސްލެންޑްގެ މިސާލުން ހާމަ ވެއެވެ.

މަސައްކަތް މިގޮތަށް ނުކޮށް ދިވެހިންނަށް ފުޓްބޯޅައިގައި ހޯދޭނެ އެއްވެސް ކާމިޔާބެއް ނެތެވެ. މިހާރު ވިސްނާ ގޮތަށް ވިސްނަން ތިބެގެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް އަތެއް ނުލެވޭނެ އެވެ. ދިވެހި ފުޓްބޯޅައިގައި މަސައްކަތް ކުރަންތިބި ޓެކްނިކަލް ފަރާތްކާއި މުޅި ފުޓްބޯޅަ އޮނިގަނޑުގެ އެޓިޓިޔުޑް ބަދަލު ކުރަން ޖެހެއެވެ. ޕްލޭނެއް އޮވެގެން ދާންވީ މިސްރާބު އެންމެންނަށްމެ އެނގެން ޖެހެއެވެ.