ބޮލީވުޑް

އިޝާން އާއި ޖާންވީގެ ފިލްމަށް ކިޔަނީ "ދަޅަކް"

Nov 16, 2017

މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އެންމެ ފަހުން މުޅިން އާ ތިން މޫނެއް ފިލްމީ ދާއިރާ އަށް ނެރެދީފައިވަނީ 2012 ވަނަ އަހަރު އޭނާ އުފެއްދި "ސްޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ. އެ ތިން ތަރިން، އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ އަކީ ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަ ޖަހަމުން އަންނަ ޒުވާން ތިން ތަރިންނެވެ.

ކާމިޔާބު ތިން ތަރިންނެއް ފިލްމީ ދާއިރާ އަށް ނެރެދިނުމަށްފަހު ކަރަން މިވަނީ މުޅިން އާ ދެ ކުއްޖަކު ފިލްމީ ދާއިރާ އަށް ނެރެން ތައްޔާރުވެފަ އެވެ.

މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ، އިޝާން ކައްތަރު އެކުގައި ކަރަން ޕްރޮޑިއުސްކުރާ ފިލްމަކުން ބޮލީވުޑަށް ނިކުންނާނެ އެވެ.

"ބަދްރިނާތްކީ ދުލްހަނިޔާ" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާން ޑައިރެކްޓްކުރާ "ދަޅަކް" ކިޔާ ފިލްމަކުން ޖަންވީ އާއި އިޝާން ބޮލީވުޑަށް ތައާރަފުވާއިރު، އެ ފިލްމަކީ މިދިޔަ އަހަރު ނިކުތް ބްލޮކްބާސްޓާ މަރާޓީ ފިލްމު "ސެއިރަތް" ގެ ހިންދީ ރިމޭކެކެވެ.

އިޝާން އާއި ޖާންވީގެ ފުރަތަމަ ފިލްމުގެ ނަމަކީ "ދަޅަކް" ކަން އަދި މި ފިލްމު އަންނަ އަހަރުގެ ޖުލައި 6 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފައިވަނީ ކަރަން އިއްޔެ އާންމުކުރި ފިލްމުގެ ތިން ޕޯސްޓަރެއްގަ އެވެ.

ފިލްމީ ދާއިރާ އަށް ޖާންވީ އާއި އިޝާން، ކަރަން ތައާރަފުކޮށްދީފައިވަނީ އޭނާގެ ޕްރޮޑަކްޝަން ކުންފުނީގެ އާ ހިތުގެ ތެޅުމުގެ ގޮތުގަ އެވެ.

ކަރަން އާންމުކުރި ތިން ޕޯސްޓަރުން ވެސް މި ފިލްމަކީ ލޯބިން ފުރިގެންވާ ފިލްމެއްކަން އެނގިގެންދެ އެވެ.

"ސައިރަތް" ބިނާކޮށްފައިވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާ އަކަށް ނަމަވެސް "ދަޅަކް" ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ. މިހާރު އާންމުކޮށްފައިވާ ތިން ޕޯސްޓަރުގެ ބެކްގްރައުންޑުން ރާޖަސްތާންގެ ހަނަފަސް ސަހަރާ ފެނިގެންދެ އެވެ.

ދަރްމާ ޕްރޮޑަކްޝަނާއި ޒީ ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމުގައި ވާހަކަ ބިނާކޮށްފައިވަނީ ރާޖަސްތާނުގައި އޮންނަ ގްރޫޕްތަކަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ ހަލަބޮލިކަމާއި އާއިލާގެ ނަމަށް ހުތުރުކަމެއް ގެންނަ ފަދަ އަމަލެއް ކުރުމުން މަރާލުން އެ މުޖުތަމައުގެ ތެރޭގައި އޮންނަ ގޮތުގެ މައްޗަށެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށްވެ އެވެ.

ޖަންވީއާ އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެނީ މަޝްހޫރު ތަރިއެއްގެ ދަރިޔަކަށް ބޮލީވުޑަށް ނިކުންނަ ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން އެވެ. ސާރާ ބޮލީވުޑަށް ނިކުންނަ ފިލްމުގެ ޝޫޓިން މާކުރިން ފެށި ނަމަވެސް އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޖާންވީ އާއި ސާރާގެ ދެ ފިލްމަކީ ވެސް ލޯބީގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތަކެވެ.