ހަބަރު

"މޫދު މަޖާ" ނަމުގައި ހަރަކާތްތަކެއް ވިލިމާލޭގައި

ސޭވް ދަ ބީޗް މޯލްޑިވްސް އިން "މޫދު މަޖާ" ނަމުގައި އަންނަ ހޮނިހިރު ދުވަހު ވިލިމާލޭގައި ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

ސޭވް ދަ ބީޗް މޯލްޑިވްސް އިން ބުނީ، އެތަނުގެ އަހަރީ ދުވަހާއި ގުޅިގެންް މޫދުގެ ވަރަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށާއި އެ ހަރަކާތްތަކުގައި ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ބައިވެރި ވެވޭނެ ކަމަށެވެ. އެގޮތުން ހަރަކާތްތަށް ފެށިގެން ދާނީ އެދުވަހުގެ ހެނދުނު 10:00 ގައި މޫދާއި ގޮނޑުދޮށް ސާފު ކުރުމުގެ ހަރަކާތަކުން ކަމަށް ސޭވް ދަ ބީޗުން ބުންޏެވެ.

ސޭވް ދަ ބީޗުން ބުނީ، ހޮނިހިރު ދުވަހު ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ސޮނޯކްލިންނާއި ޑައިވިންގެ ގިނަ ހަރަކާތްތަކެއް ހިމެނޭނެ ކަމަށެވެ. އެ ހުރިހާ ހަރަކާތްތަކެއްވެސް އޮންނާނީ ޓްރެއިނާސްގެ ބެލުމުގެ ދަށުން ކަމަށާއި ހުރިހާ ޓްރެއިނިން އެއްގައިވެސް ފްރީކޮށް ބައިވެރިވެވޭނެ ކަމަށް ސޭވް ދަ ބީޗުން ބުންޏެވެ.

މީގެ އިތުރުން، ސްޓޯލް ތަކާއި އެންވަޔަރަމަންޓާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން ތަކާއި ވެލިން އެކި ކަހަލަ އެއްޗެހި ހެދުމާއި ފޮޓޯ ނަގާ ބޫތުގެ އިތުރުން މިޔުޒިކް ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށެވެ. އަދި ކެއުމާއި ރެފްރެޝްމަންޓް ވެސް އެކޮޅުން ލިބެން ހުންނާނެ ކަމަށް ސޭވް ދަ ބީޗުން ބުންޏެވެ.

މޫދު މަޖާގެ ސުޕޮންސަރުންނަކީ އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ އަދި ދިރާގެވެ. ސޭވް ދަ ބީޗް މޯލްޑިވްސް އަކީ 2007 ވަނަ އަހަރު އުފެއްދި ތަނެކެވެ.