ހަބަރު

ޖަލްސާތަކުގައި ފާރިސް ބައިވެރިނުކުރާ މައްސަލަ ސުޕްރީމް ކޯޓަށް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާތަކާއި އޭނާ ހިމެނޭ ކޮމިޓީތަކުގައި ބައިވެރި ކުރުމަކާނުލާ ކުރިއަށް ގެންދާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓަށް ފާރިސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާ ނުލައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުވަތަ އޭނާ ހިމެނޭ އެއްވެސް ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަކީ ގާނޫނުއަސާސީ ހިލާފުކަމެއް ކަމަށެވެ. އެފަދަ އެއްވެސް ކޮމިޓީ ބައްދަލުވުމެއްގައި ނުވަތަ ޖަލްސާއެއްގައި ނިންމަވާ ނިންމެވުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ. އަދި ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ ރައީސް އަމަލުކޮށްފައިވާތީ އެ މަގާމު ހުސްވެފައިވާކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި އަދި މަޖިލީހުގެ އަމީންއާންމު އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމުން އެ މަގާމު ހުސްވެފައިވާ ކަމަށް ކަނޑައެޅުމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ.

މައްސަލާގައި ބުނެފައިވަނީ، ފާރިސްއަކީ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ ރައްޔިތުން ތަމްސީލުކުރުމަށްޓަކައި ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށާއި މިއަހަރުގެ ޖުލައި މަހުގެ 18 އިން ފެށިގެން މިއަދާ ހަމައަށް މަޖިލީހުގެ ޖަލްސާތަކަށާއި އޭނާ ހިމެނޭ ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު ދައުލަތުގެ އެކި އިދާރާތަކުން ނިގުޅައިގެންފައިވާ ކަމަށެވެ.

ދިއްގަރު ދާއިރާގެ ހައްގުތަކުން އެ ދާއިރާގެ ރައްޔިތުން މަހްރޫމްވެ، ގާނޫނުއަސާސީއާ ހިލާފަށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގަށް ދައުލަތުގެ އިދާރާތަކުން ހުރަސް އަޅަމުންދާ ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް މެންބަރަކަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ. ރިޝްވަތު ދިނުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާކޮށް ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފަ އެވެ.