ހަބަރު

ބިހުރޯޒް މިސްކިތް ތަޅާލާތީ ނަޝީދު ކަންބޮޑުވެއްޖެ

ތާރީހީ މިސްކިތެއް ކަމަށްވާ ބިހުރޯޒް މިސްކިތް ތަޅާލަން ސަރުކާރުން ނިންމާފައިވާތީ، އެކަމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މާލޭގައި ހުންނަ ބިހުރޯޒް މިސްކިތް ތަޅާލައި އެ މިސްކިތް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފަ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބިހުރޯޒް މިސްކިތާއި ބޮޑުތަކުރުފާނު ޒިޔާރާތްފަދަ ތަންތަނަކީ ދިވެހި ތާރީހާއި ސަގާފަތުގެ ބަދަލު ނުދެވޭނެ ފަދަ ހަޒާނާތަކެއް ކަމަށެވެ. އެފަދަ ތަންތަން ތަޅާލައިގެން ނުވާނެ ކަމަށެވެ.

ބިހުރޯޒް މިސްކިތުގެ ގޯތިތެރޭން ގަބުރު ފެނިފައިވާތީ އެ މިސްކިތުގައި ނަމާދު ކުރުން މިހާރު އޮންނަނީ މަނާކޮށްފަ އެވެ. ރަށްދެބައިމަގާއި ނީލޯފަރުމަގާ ގުޅުނު އިރުދެކުނު ކަންމަތީގައި ހުންނަ އެ މިސްކިތު ގޯތިރެއަކީ ގިނަ ބަޔަކު ނަމާދުކުރުމަށް ބޭނުންކުރި ތަނެކެވެ. މިސްކިތަކީ ކުޑަ މިސްކިތެއް ކަމުން ޖާގަ ފުރުމުން ދެން ސަފު ހަދަނީ ގޯތިތެރޭގަ އެވެ.

މި ކުޑަކުޑަ މިސްކިތުގެ ގޯތިތެރޭގައި މުހައްމަދު ބޮޑުތަކުރުފާނާއި ހަސަން ރަންނަބަނޑޭރި ކިލެގެފާނާގެ މަހާނަފުޅު ހުންނަ ޒިޔާރާތެއް ހުރެ އެވެ.

މީގެކުރިން ސަރުކާރުން ވަނީ ޖަސްޓިސް ބިލްޑިންގުގެ ކައިރީގައި ހުންނަ ޒިޔާރަތް މިސްކިތާއި އަލިވާގެ ކައިރި ހުންނަ ފައިފުހޭ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާފަ އެވެ. ޒިޔާރަތް މިސްކިތާއި، ފައިފުހޭ މިސްކިތަކީ ވަރަށް ޒަމާންވީ ދެ މިސްތެކެވެ. އަދި އެ ދެ މިސްކިތަކީ ޖާގައިގެ ގޮތުން މާ ތަނަވަސް ދެ މިސްކިތެއް ނޫނެވެ. އަދި އެއީ ހިިރިގަލުން ހަދާފައިވާ މިސްކިތްތަކެކެވެ. އެ މިސްކިތްތަކަކީ ތާރީހީ މިސްކިތްތަކެއް ކަމަށްވުމުން އެ ތަންތަން ތާޅާލާތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.

ސަލްޓަން ޕާކް ތެރޭގައި ހުރި ކަޅުވަކަރު މިސްކިތް ވެސް ސަރުކާރުން ވަނީ ރޫޅާލާފަ އެވެ. އެއީ ރާއްޖޭގައި ހުރި އެންމެ ތާރީހީ މިސްކިތެވެ. އެ މިސްކިތް ގދ. ތިނަދޫއަށް ގެންދަން ސަރުކާރުން ނިންމާފައިވީ ނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ. އަދި އެ މިސްކިތުގެ ބައިތައް މިހާރުވީ ހިސާބެއް ވެސް ނޭނގެ އެވެ.