ހަބަރު

ވިލާ ކޮލެޖްގެ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފި

Nov 17, 2017

ތައުލީމާއި އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި ވިލާ ކޮލެޖުން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސް މިއަދު ފަށައިފި އެވެ.

މިއަދު މެންދުރުފަހު "އެކްސްޕްލޯރިން ނިއު ހޮރައިޒަންސް، ޓްރާންސްފޯމިން ސޮސައިޓީޒް"ގެ ނަމުގައި މި ކޮންފަރެންސް ފެށުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވަނީ ދިރާސާކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ވިދާޅުވީ، އެކި ދާއިރާތަކުން ދިރާސާތައް ކުރުމަކީ ވިލާ ކޮލެޖުން އަބަދުވެސް ހިތްވަރުދޭ ކަމެއް ކަމަށެވެ. އަދި އެފަދަ ދިރާސާތައް ބޭރުގެ ޖާނަލްތަކުގައި ޝާއިއުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ވިލާ ކޮލެޖުގައި ބާއްވާ މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން 70 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ރަޖިސްޓަރީކޮށްފަ އެވެ.

ވިލާ ކޮލެޖުން ބުނީ ތައުލީމާއި އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް މި ކޮންފަރެންސުގައި ތަފާތު އެކި ޕޭޕަރުތައް ހުށަހެޅިގެންދާނެ ކަމަށެވެ. ތައުލީމާއި އިޖުތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން ހަ ޕެނަލް ޑިސްކަޝަނެއް ވެސް އޮންނާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވޭނެ ކަމަށެވެ.

މި އަހަރުގެ ކޮންފަރެންސުގައި ކީނޯޓް ސްޕީކާސްގެ ގޮތުގައި އޮސްޓްރޭލިއާ އާއި އަޔަލެންޑް އަދި ދެކުނު އެފްރިކާގެ ޕްރޮފެސަރުން ބައިވެރިވާނެ އެވެ.

ވިލާ ކޮލެޖުން މި ދިޔަ އަހަރުވެސް މިފަދަ ކޮންފަރެންސެއް ބޭއްވި އެވެ. މި އަހަރުގެ ކޮންފަރެންސުގައި ތިން ދުވަހަށް ކުރިއަށްދާއިރު، މަތީ ތައުލީމާ ގުޅުންހުރި ގިނަ މަޝްވަރާތަކެއް ކުރާނެ އެވެ.