ރާއްޖެ ކުޅިވަރު

ބެންގަލޫރު އަތުން ބަލިވެ މާޒިޔާ ކަޓައިފި

އޭއެފްސީ ކަޕްގައި މިއަދު ހަވީރު އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން 2-1 އިން އަމިއްލަ ދަނޑުގައި ބަލިވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓައިފި އެވެ.

މެޗުގެ 60 ވަނަ މިނިޓުގައި މާޒިޔާ އިން ލީޑު ނެގީ ސްޕެއިންގެ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް ޖެހި ލަނޑުންނެވެ . މާޒިޔާގެ ސަމްދޫހު މުހައްމަދު ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ޕަބްލޯ ވަނީ ތިރިތިރިން ގޯލަށް އަމާޒުކޮށްލައިފަ އެވެ.

އެކަމަކު މި ލަނޑުން ޖެހުމުގެ ކުރިން ޕަބްލޯ ވަނީ ރަނގަޅު ދެ ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. އަދި މާޒިޔާގެ އަހުމަދު ނާޝިދު (ނާއްޓޭ) ވަނީ ވެސް ވަނީ ހުސް ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ.

ދެވަނަ ބުރުގެ ޖާގައެއް ހޯދަން މި މެޗުން ޕޮއިންޓެއް ބޭނުންވެފައި އޮތް ބެންގަލޫރުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 63 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސުނިލް ޗެތުރީ ޖެހި ލަނޑުންނެވެ. ބެންގަލޫރަށް ޕެނަލްޓީއެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮސްޓްރޭލިއާގެ ފޯވަޑް ޝޯން ރޫނީ ހުރަސްކޮށްލި ބޯޅަ މާޒިޔާގެ ޑިފެންޑަރު މުހައްމަދު ސާއިފްގެ އަތުގައި ޖެހުމުންނެވެ.

ބެންގަލޫރުން މެޗުގައި ލީޑު ނެގީ76 ވަނަ މިނިޓުގައި ޗެތުރީ ޖެހި ލަނޑުންނެވެ. ބެންގަލޫރުގެ ވިންގާ އުދަންތާ ސިންގް ދިން ބޯޅަ، ޕެނަލްޓީ އޭރިޔާ ތެރެއިން ޗެތުރީ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

 މި މެޗުން މޮޅުވެ، ބެންގަލޫރު ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ 12 ޕޮއިންޓާއެކު އެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކު އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އެވެ. މާޒިޔާ ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ގުރޫޕްގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ސިންގަޕޯ ވޯރިއާސް އެވެ.