ހަބަރު

މަސީހު މަގާމުން ވަކިވެފައިވާ ކަމަށް ކަނޑައަޅަން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، މަގާމުން ވަކިވެފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުން ސޮއިކޮށް މައްސަލަ މަޖިލީހަށް ވެއްދި އެވެ. އެއީ، މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުންނެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ސޮއި ހޯދެއްވުމަށް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސް ވަނީ ހައްޔަރުކޮށް، ދައުވާކޮށްފަ އެވެ.

މަސީހުގެ މަގާމު ގެއްލިފައިވާކަން ކަނޑައަޅައިދިނުމަށް ފާރިސް އެދިވަޑައިގަތީ، މަޖިލީހުގެ ޖަލްސާތަކާއި އޭނާ ހިމެނޭ ކޮމިޓީތަކުގައި ބައިވެރި ކުރުމަކާނުލާ ކުރިއަށް ގެންދާތީ އެކަން ފާހަގަކޮށް ސުޕްރީމް ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުއްވި މައްސަލާގަ އެވެ.

ސުޕްރީމް ކޯޓަށް ފާރިސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާ ނުލައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުވަތަ އޭނާ ހިމެނޭ އެއްވެސް ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަކީ ގާނޫނުއަސާސީ ހިލާފުކަމެއް ކަމަށެވެ. އެފަދަ އެއްވެސް ކޮމިޓީ ބައްދަލުވުމެއްގައި ނުވަތަ ޖަލްސާއެއްގައި ނިންމަވާ ނިންމެވުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ. އަދި ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ ރައީސް އަމަލުކޮށްފައިވާތީ އެ މަގާމު ހުސްވެފައިވާކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި އަދި މަޖިލީހުގެ އަމީންއާންމު އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމުން އެ މަގާމު ހުސްވެފައިވާ ކަމަށް ކަނޑައެޅުމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ.

މައްސަލާގައި ބުނެފައިވަނީ، ފާރިސްއަކީ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ ރައްޔިތުން ތަމްސީލުކުރުމަށްޓަކައި ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށާއި މިއަހަރުގެ ޖުލައި މަހުގެ 18 އިން ފެށިގެން މިއަދާ ހަމައަށް މަޖިލީހުގެ ޖަލްސާތަކަށާއި އޭނާ ހިމެނޭ ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު ދައުލަތުގެ އެކި އިދާރާތަކުން ނިގުޅައިގެންފައިވާ ކަމަށެވެ.

ދިއްގަރު ދާއިރާގެ ހައްގުތަކުން އެ ދާއިރާގެ ރައްޔިތުން މަހްރޫމްވެ، ގާނޫނުއަސާސީއާ ހިލާފަށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގަށް ދައުލަތުގެ އިދާރާތަކުން ހުރަސް އަޅަމުންދާ ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.