ހަބަރު

ފާސް ކުރުމަށްފަހު ބޯޓުތައް ދޫކޮށްލައިފި

Nov 18, 2017
2

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިއަދު ފެނުނު ބޭރުގެ މަސް ބޯޓްތައް ބަލާ ފާސްކުރުމަށްފަހު ދޫކޮށްލައިފި އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވަނީ ހަތަރު ބޯޓެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ބޯޓުތަށް ހިފަހައްޓައި ބެލިބެލުމުން އެއީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ސްރީލަންކާއިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން އެނގިފައިވާ ކަމަށެވެ. އެ ބޯޓުތަކުގައި މަސްވެރިކަން ކުރާ އާލާތްތައް ހުރި ނަމަވެސް، އެ އާލާތްތައް ބޭނުންކޮށްފައިނުވާކަމަށެވެ.

މިއަދު މެންދުރު ފަހު އެ ބޯޓުތައް ފެނިފައިވަނީ ކޮލަމާފުށި ބޭރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓްތައް ހުއްޓުވާފައިވަނީ ދިވެހި މަސްވެރިންތަކެއް ކަމަށެވެ.

އެ ސަރަހައްދުގައި އޮތް ރާއްޖޭގެ މަސް ދޯންޏެއްގެ މީހަކު ކިޔައިދިން ގޮތުގައި އެ ބޯޓްތައް ދަތުރުކުރަމުން ދިޔައީ އެކުއެކީގަ އެވެ. އެ ތަނުން އެއް ބޯޓްގެ އިންޖީނު ހަލާކު ކަފު ޖަހާފައިވާކަން އޭނާ ފާހަގަކުރި އެވެ. އޭނާ ބުނި ގޮތުގައި އެ ބޯޓްތަކަށް ހުއްޓަން އެންގުމުން ވެސް އެކަމަށް އިޖާބަދީފައެއް ނުވެ އެވެ.

"ހުއްޓަން އެންގީމަ ވެސް ނުހުއްޓި، އެހެންވެ އެ ބޯޓްތަކުގެ ކުރިއަށް މަސް ދޯނި އަރައި ވަލަކާ އެއްޗެހި ވެސް ވެއްޓިން،" އެމީހާ ކިޔައިދިނެވެ.

ބޭރުގެ ބޯޓްތައް ފެނިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައީ ރާއްޖޭގެ ތިން މަސް ދޯންޏެވެ.