ހަބަރު

ފިޔަވަޅު ނާޅާ ބޯޓުތައް ދޫކޮށްލުމުން މަސްވެރިން ކަންބޮޑުވެއްޖެ

މިއަދު މެންދުރުފަހު ގއ. ކޮލަމާފުށި ބޭރުން ހިފެހެއްޓި ބޭރުގެ މަސް ބޯޓުތަކާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލުމުން މަސްވެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަވަސްއާ ވާހަކަ ދެއްކި މަސްވެރިއަކު ބުނީ އެ ބޯޓުތައް ފެނުނު ސަރަހައްދަކީ މަސް އެންމެ ގިނައިން ބާނާ އެއް ސަރަހައްދު ކަމަށާއި އެ ބޯޓުގައި މަސް ހިފުމަށް ބޭނުންކުރާ އާާލާތްތައް ހުރި ކަމަށެވެ. އަދި އެ ބޯޓުތަކަށް އެ ސަރަހައްދުގައި އެ ވަގުތު ތިބި މަސް ދޯނިތަކުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ކުރިއަށްދާން މަސައްކަތްކުކުރިކަން އޭނާ ފާހަގަކުރި އެވެ.

"އެ ސަރަހައްދަކީ އެންމެ ގިނައިން މިދިޔަ ހަފްތާގައިވެސް މަސް ބޭނި ސަރަހައްދު، 20 ޓަނުން 15 ޓަނުން އެ ސަރަހައްދުން މަސް ބޭނޭނެ، އެ ބޯޓަކީ މަސް ހިފާ ބޯޓެއް ކަމަށް ބެލެވޭ، އޭގައި ހުރި އެކަމަށް ބޭނުންކުރާ ސާމާނު، އަނެއްކާ އެވަގުތު ރާއްޖޭގެ ދޯނިތަކުން މަޑުކުރަން އެންގުމުން ވެސް މަޑުނުކުރީ އެއީ މަސް ހިފާތީ ކަމަށް ގަބޫލުކުރެވެނީ، އެއީ ދާ އަޅައިގެން މަސް ނަގާ ބައެއް،" އެ މަސްވެރިޔާ ބުންޏެވެ.

އެ ބޯޓުތައް ދޫކޮށްލުމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ބޯޓުތައް ދޫކޮށްލީ ކޯސްޓުގާޑުން ބަލާފާސްކޮށްފައި ކަމަށެވެ. އެ ބޯޓުތަށް ހިފަހައްޓައި ބެލިބެލުމުން އެއީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ސްރީލަންކާއިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން އެނގިފައިވާ ކަމަށެވެ. އެ ބޯޓުތަކުގައި މަސްވެރިކަން ކުރާ އާލާތްތައް ހުރި ނަމަވެސް، އެ އާލާތްތައް ބޭނުންކޮށްފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ބޭރުގެ ބޯޓްތައް ފެނިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައީ ރާއްޖޭގެ ތިން މަސް ދޯންޏެވެ. އެ ބޯޓްތައް ހިފެހެއްޓީ ވެސް އެ ދޯނީތަކުގެ މަސްވެރިންނެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތިބޭ ފުލުހުންނާއި ސިފައިން މިހާރަށްވުރެ ރަނގަޅަށް އެކަން ކުރަން އެބަޖެހޭ،" ކުރިންވެސް ވާހަކަ ދެއްކި މަސްވެރިޔާ ބުންޏެވެ.

އެ ސަރަހައްދުގައި އޮތް ރާއްޖޭގެ މަސް ދޯންޏެއްގެ މީހަކު ކިޔައިދިން ގޮތުގައި އެ ބޯޓުތައް ދަތުރުކުރަމުން ދިޔައީ އެކުއެކީގަ އެވެ. އެ ތަނުން އެއް ބޯޓްގެ އިންޖީނު ހަލާކު ކަފު ޖަހާފައިވާކަން އޭނާ ފާހަގަކުރި އެވެ.