ކުޅިވަރު

ނިއު ރޭޑިއަންޓްގައި ބުުރުޒޮންއަށް ރެކޯޑެއް

Nov 19, 2017

ނިއު ރޭޑިއަންޓްގައި މިހާރު އޭނާ ކުރިއަށްދަނީ މޮޅުވުމުގައި އޭނާގެ އަމިއްލަ ރެކޯޑާކާއެކު ކަމަށް އެ ޓީމުގެ ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް ބުނެފި އެވެ.

ފުރަތަމަ ބުރުގައި މާޒިޔާ އަތުން 2-0 ބަލިވި މެޗަށްފަހު ނިއު ދަނީ އެޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން ނެވެ.

"އަހަރެންގެ ކޯޗް ކޮށްދިން އެއްވެސް ޓީމެއްގައި މީގެ ކުރިން ޖެހިޖެހިގެން ހަތް މެޗުން މޮޅުވެފައެއް ނުވޭ، މިއީ ޖެހިޖެހިގެން ހަތް މެޗުން އަހަރެން މޮޅުވި ފުރަތަމަ ފަހަރު." އިންޑިއާގެ ސްޕޯޓިން ގޯއާ އާއި މުމްބާއީ އެފްސީއަށް މީގެ ކުރިން ކޯޗް ކޮށްދިން ބުރުޒޮން ބުންޏެވެ.

މިއަދު ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލެވުނަސް، ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ނިއު އަށް ލިބިގެންދާނެ އެވެ. ބުރުޒޮން ބުނީ އޭނާ ނިކުންނަނީ މެޗު އެއްވަރު ކޮށްލައިގެން ފަރުޖައްސާލަން ނޫން ކަމަށާއި ސީދާ މޮޅަކަށް ކަމަށެވެ.

"އެ މެޗުން ވެސް އަހަރެން ބޭނުމީ މޮޅެއް، އަދި އެމެޗަށް ފަހު އަހަރެމެންގެ މޮޅުވުމުގެ ރޭސް އިތުރަށް ފުޅާ ކުރަން އަހަރެން ވަރަށް ބޮޑަށް ސަމާލު ކަންދޭނަން."

ޓީސީ މެޗަށް ފަހު ނިއު އަށް އޮންނާނީ މާޒިޔާގެ މެޗެވެ. މާޒިޔާ އަތުން ނިއު އަށް މޮޅެއް ނުހޯޑޭތާ ދެ އަހަރުވީ އެވެ. ފަހު މެޗުގައި މާޒިއާ ބަލި ކޮށްފިނަމަ ބުރުޒޮން ދެ އަހަރު ތެރޭ ނުވި ކަންވެސް ހާސިލު ކުރެވުނީ އެވެ.

ނިއު އިން ވަނީ ބުރުޒޮން އާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފަ އެވެ. އަންނަ އަހަރަށްވެސް ނިއުގެ ކޯޗްގެ ގޮތުގައި ހުންނާނީ ބުރުޒޮން އެވެ.

ބުރުޒޮން ބުނީ ނިއުގެ ސްޓައިލް އޭނާ ބަދަލު ކޮށްފި ކަމަށެވެ. ބޯޅަ އޮންނަ ވަގުތު ހުރިހާ ކުޅުންތެރިން އެޓޭކްގައި ޝާމިލު ވާނެ ކަމަށާއި ބޯޅަ ގެއްލުމުން ބޯޅަ ހޯދަން ނުވަތަ ޑިފެންސް ކުރުމަށް ހުރިހާ ކުޅުންތެރިންވެސް ޖެހޭނެ ކަމަށެވެ. ބުރުޒޮން ނިއު އާ ހަވާލުވެ އޭނާ ވަނީ، އޭނާގެ ސްޓައިލަށް ކުޅުވާނެ ބިދޭސީ ކުޅުންތެރިން ގެނެސްފަ އެވެ. އޭނާގެ ގޭމް ސްޓައިލްގައި އެންމެ މުހިންމު ކުޅުންތެރިޔަކީ ސްޕެއިންގެ އަންހެލް ލުއިސް ރުއިޒް ޕަޒް (ކަންޑެލާ) އެވެ. ނިއުގައި ބުރުޒޮންގެ ގޭމް ކުޅުވާ ޕްލޭމޭކަރަކީ ކަންޑެލާ އެވެ.

"އަހަރެން ސްޓައިލަށް ފައްތާލި ފުރަތަމަ ކޮޅު ސެންޓޭ [އަލީ ފާސިރު]، މެން ކަހަލަ ބައެއް ކުޅުންތެރިންނަށް ގޭމް ތެރެއަށް ވަންނަ އުނދަގޫވިކަން އަހަންނަށް ފާހަގަ ކުރެވުނު،" ބުރުޒޮން ބުންޏެވެ. "ނަމަވެސް އަހަރެން ހީކުރި ވަރަށް ވުރެ މާ އަވަހަށް އޭނާ ގެމްތެރެއަށް ވަދެ ނިއުގެ އެޓޭކްގައި ޑޮމިނޭޓް ކުރި."