ކުޅިވަރު

ދިވެހި ޕްރިމިއާލީގް ހަވަނަ ފަހަރަށް ނިއު ކާމިޔާބު ކޮށްފި

Nov 19, 2017

ޓީސީ އާ ދެކޮޅަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ބާކީ އެއް މެޗު ކުރިއަށް އޮއްވައި މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިޢާ ލީގް ޗެމްޕިއަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބު ނިއު ރޭޑިއަންޓްގެ މި ކާމިޔާބާއެކު އެ ޓީމަކީ ދިވެހި ޕްރިމިއާ ލީގްގެވެސް އެންމެ ކާމިޔާބު ޓީމެވެ. މިއީ ނިއު އިން ދިވެހި ޕްރިމިއާ ލީގް ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ. ކުލަބު ވެލެންސިއާ ލީގް ކާމިޔާބު ކުރީ ފަސް ފަހަރު އެވެ.

ކުރިން ދިވެހި ލީގްގެ ނަމުގައި ނަން ދީފައި އޮތް ލީގްގެ ނަމުގެ ކުރިއަށް "ޕްރިމިއާ" ލަފުޒު އިތުރު ކުރީ 2015 ވަނަ އަހަރު އެވެ. އެ އަހަރުވެސް ލީގް ޗެމްޕިއަންކަން ހޯދީ ނިއު އެވެ. ލީގް ޗެމްޕިއަންކަން ނިއު އެންމެ ފުރަތަމަ ހޯދީ 2006 ވަނަ އަހަރު އެވެ.

ލީގް އެންމެ ގިނައިން ކާމިޔާބު ކުރުމުގެ އިތުރަށް ލީގްގައި އެންމެ ރަނގަޅު ރެކޯޑްތައް ވެސް އޮތީ ނިއު އަތުގަ އެވެ. އެގޮތުން 2012 ވަނަ އަހަރު ދިވެހި ލީގް ޗެމްޕިއަންކަން ނިއު ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ.. ދެހާސް ތޭރަ ވަނަ އަހަރު ވެސް އެ ރެކޯޑް ތަކުރާރު ކުރި އެވެ. އަދި އެ އަހަރުގެ ސީޒަންގައި ޑޮމެސްޓިކް ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް އެ ޓީމުން ކާމިޔާބު ކުރި އެވެ. ދެހާސް ބާރައިން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު ލީގް ކާމިޔާބު ކުރި އެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ ކުލަބު ވެލެންސިއާ އަތުގައެވެ. ވެލެންސިއާ ވަނީ 2001 ން 2004 ވަނަ އަހަރާ ހަމަޔަށް ޖެހިޖެހިގެން ހަތަރު އަހަރު ލީގް ކާމިޔާބު ކޮށްފަ އެވެ.

މިއަހަރު ލީގްގައި ވެސް ނިއު ބަލިވީ އެންމެ މެޗަކުން ނެވެ. އެއީ ފުރަތަމަ ބުރުގައި މާޒިޔާ އާ ދެކޮޅަށް 2-0 ން ނެވެ. އޭގެ ފަހުން ކުޅުނު ހުރިހާ މެޗަކުންވެސް އެ ޓީމު އަންނަަނީ މޮޅު ވަމުންނެވެ. ލީގް ފަހު މެޗުގައި ނިއު ނިކުންނާނީ މާޒިޔާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު އިން ވަނީ މެޗުގެ ފުރަތަމަ 10 މިނެޓް ތެރޭ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރީ މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ޓީސީގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެން ނެވެ.

އޭގެ ފަސް މިނެޓް ފަހުން އެޑްރިއަން ގަލާޑޯ ވަނީ ނިއުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިފަހަރުވެސް ޓީސީގެ ޑިފެންސަށް ތަކުރާރު ކުރެވުނު މިސްޓޭކުންނެވެ.

ފުރަތަމަ 10 މިނެޓްގައި ނިއު އިން ޓީސީއަށް އެއްވެސް ފުރުސަތެއް ނުދެ އެވެ. ޓީސީގެ ކުޅުންތެރިންނަށް ނިއުގެ ޕެނަލްޓީ އޭރިއާ ހަމަޔަށް ބޯޅަ ގެންދެވުނީވެސް މެޗުގެ 12 ވަނަ މިނެޓްގައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައިރުވެސް ނުރައްކާތެރި އެންމެ ބޯޅައެއްވެސް ޓީސީ އަށް ނިއުގެ ގޯލަށް އަމާޒުކޮށް ފޮނުވާ ނުލެވުނެވެ.

ޓީސީއިން ނުރައްކާ ކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ފޮނުވާލީ ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ނިއުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދު ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ޓީސީއަކަށް ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފުގައި ނިއު އަށް ވުރެ ރަނަގަޅަށް ކުޅުނި ޓީސީ ންނެވެ. ގިނަ ހަމަލާތަކެއް ޓީސީ ވަނީ ނިއުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. ޓީސީން ނިއުގެ ފަހަތަށް ބާރު ބޮޑުކުރަން ކުރިއަށް ޖެހިތިބި ވަގުތު، ކައުންޓަ އެޓޭކުގައި ތަނަވަސްވި ފުރުސަތެއްގައި ނިއުގެ ތިން ވަނަ ލަނޑު ސެންޓޭ ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ މެޗުގެ 74 ވަނަ މިނެޓްގައެވެ.

ތިން ލަނޑުގެ ލީޑެއް ލިބުމުން، ނިއުގެ ކުޅުންތެރިންނަށް މާބޮޑަށް ފަސޭހަ ކޮށްލެވުނީއެވެ. އޭގެ ފައިދާ ނަގައި ޓީސީން ދެ ލަނޑު ޖެހި އެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. އޭނާ ލަނޑުތައް ކާމިޔާބު ކުރީ މެޗުގެ 79 ވަނަ މިނެޓާއި 83 ވަނަ މިނެޓް ގައެވެ.