ބޮލީވުޑް

ޖާންވީއާ އަޅާކިޔާތީ ސާރާ ކަންބޮޑުވެއްޖެ

Nov 20, 2017
2

ސާރާ އަލީ ޚާން އާއި ޖާންވީ ކަޕޫރަކީ ކުރިއަށް އޮތް އަހަރު ބޮލީވުޑަށް އުފަންވާނެ މުޅިން އާ ދެ ތަރިންނެވެ. ފިލްމީ އާއިލާ އަށް ނިސްބަތްވާ ސާރާ އާއި ޖާންވީގެ ފިލްމުތައް ރިލީޒްކުރަނީ އަންނަ އަހަރު ނަމަވެސް އެ ދެ މީހުންނަށް މިހާރު ވެސް އާންމުންނާއި މީޑިއާތަކުން ލިބެމުން އަންނަ ސަމާލުކަން ވަރަށް ބޮޑެވެ.

މި ދެތަރިންގެ ތެރެއިން ސާރާގެ ފިލްމުގެ ޝޫޓިން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށިފައިވާއިރު، ޖާންވީގެ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ސާރާ އާއި ޖާންވީގެ ބޮލީވުޑްގެ ކުރިމަގު ހަމަޔަގީނުން ވެސް ބިނާވެގެން ދާނީ އެ ދެތަރިންގެ ފުރަތަމަ ފިލްމުގެ ކާމިޔާބީގެ މައްޗަށެވެ. އެ ދެމީހުންގެ ފިލްމުތައް ސިނަމާތަކާ ހަމަޔަށް އައުމަށް އެތަކެއް ދުވަހެއް އޮތްއިރު، މީޑިއާތަކުން މިހާ އަވަހަށް އަތުކުރި އޮޅާފައި ވަނީ މިދެތަރިންގެ ތެރެއިން ކާމިޔާބު ވާނީ ކާކުތޯ ބަލާށެވެ.

އެކަމުގައި ސާރާ އާއި ޖާންވީގެ ފިލްމުތައް އަޅާކިޔައި ދެތަރިންގެ ހުނަރުވެރި ކަމުގެ ބަހުސްވެސް އަންނަނީ ކުރެވެމުންނެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ "ކެދާރްނާތް" އިން ސުޝާންތް ސިންގް ރާޖްޕުތާ އެކު ބޮލީވުޑަށް ތައާރަފުވާއިރު، ޖާންވީ ބޮލީވުޑަށް ނިކުންނަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ބެލުމުގެ ދަށުންނެވެ. ކަރަން ޕްރޮޑިއުސްކުރާ މަރާޓީ ފިލްމު "ސައިރަތް" ގެ ހިންދީ ރިމޭކު، "ދަޅަކް" ގައި ޖާންވީ އާއެކު ބަތަލުގެ ރޯލުން ފެނިގެންދަނީ ބޮލީވުޑަށް އަލަށް ނިކުންނަ އިޝާން ކައްތަރެވެ.

"ކެދާރްނާތް" އާއި "ދަޅަކް" ގެ ތެރެއިން ކުރިން ޝޫޓިން ފެށީ ސާރާގެ ފިލްމު ނަމަވެސް، ކުރިން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖާންވީގެ ފިލްމެވެ. އަދި ސަރާގެ ފިލްމު ރިލީޒްކުރާނީ ޖާންވީގެ ފިލްމު ރިލީޒްވާތާ ހަވަރަކަށް މަސް ދުވަަސް ފަހުން އަންނަ ޑިސެމްބަރުގަ އެވެ. ސާރާގެ ފިލްމަށް ވުރެން ކުރިން ޖާންވީގެ ފިލްމު ރިލީޒްވުމަކީ އޭނާ އަށް ލިބޭ ބޮޑު ކުރި އެރުމެކެވެ.

ސަބަބަކީ ޖާންވީގެ ފުރަތަމަ ފިލްމުގެ ތަރުހީބަށް ބަލައި، އޭނާ އަށް އިތުރު ފިލްމުތަކުން ފުރުސަތުތައް ލިބެން ފަށާއިރު، ސާރާގެ ފިލްމު އުޅޭނީ ސިނަމާތަކާ ހަމައަށް އައުމުގެ މަގުމަތީގަ އެވެ.

ޖާންވީގެ ފިލްމު ކުރިން ރިލީޒްވާތީ އާއި ސާރާ އާއި އޭނާއާ މާބޮޑަށް އަޅާކިޔާތީ އެކަމާ ސާރާ ވަރަށް ހާސްވެގެން އުޅޭ ކަމަށް "ކެދާރްނާތް" ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވަނީ ބުނެފަ އެވެ.

އެކްތާ ވަނީ މީޑިއާތައް ކުރެން ސާރާ އާއި ޖާންވީގެ ވާހަކަ ހީވާހީވުން ތަކުގެ މައްޗަށް ގެނެސްދީގެން އެމީހުން ހާސްކަމުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.

"އެއީ ވަރަށް ޅަކުދިން. އެމީހުން ޕްރެޝަރުގެ ތެރެއަށް ވައްޓާލާނެ ކަމެއް ނެތް. ހުއްޓުމެއް ނެތި މި ވާހަކަތައް އަންނަވެއްޖިއްޔާ އެމީހުން މޮޔަ ވެދާނެ. ސާރާ ވަރަށް ހާސްވެގެން އުޅޭތީ އަހަރެން އޭނާ ހިތްހަމަޖައްސުވަން އަޅުކަން ކުރާތަނަކަށް ވެސް ގެންދިޔައިން،" އެކްތާ ބުނެފައިވެ އެވެ.

ސާރާ އާއި ޖާންވީގެ ތެރެއިން ފުރަތަމަ ފިލްމާ އެކު ވިދާލާނީ ކާކުކަން ބުނަ އަދި މާ އަވަހެވެ. ނަމަވެސް ހުނަރު ނެތް ތަރިއަކަށް ވާދަވެރި ބޮލީވުޑްގައި ކުރިއަށް ދިއުމަކީ ނާދިރު ކަމެކެވެ.

ޖާންވީގެ ފިލްމުގެ ޕޯސްޓަރުތައް މިިދިޔަ ހަފްތާއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ސާރާ "ކެދާރްނާތް" ގައި ފެނިގެންދާ ގޮތުގެ ފޮޓޯތަކެއް މީގެކުރިން ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުގައި ސާރާ ހީވަނީ އޭނާގެ މަންމަހެން ކަމަށް ބުނެ ގިނަބަޔަކު ވަނީ އޭނާ އަށް ތައުރީފުކޮށްފަ އެވެ.

ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާގެ ފުރަތަމަ ފިލްމު ނިންމުމުގައި އޭނާ އާއެކު އުޅުނީ މަންމަ އަމްރިތާ އެވެ. އޭނާ އަށް ކަރަންގެ ފިލްމުން ފުރުސަތު ލިބުނަސް އޭނާ ވަނީ އެ ފުރުސަތު ދޫކޮށްލާފަ އެވެ. އަދި ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ އަށް އެ ފިލްމުން ވަނީ ފުރުސަތު ލިބިފަ އެވެ.

"ކެދާރްނާތް" އާއި "ދަޅަކް"، ދެ ފިލްމަކީ ވެސް ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ދެ ފިލްމެވެ.

"ދަޅަކް" އަކީ ރާޖަސްތާނަށް ނިސްބަތްވާ މުއްސަނދި އަންހެން ކުއްޖަކާއި މެދުފަންތީގެ ފިރިހެން ކުއްޖަކު އެކަކު އަނެކަކު ދެކެ ލޯބިވެ، ގެއިން ފިލައިގެން ގޮސް ކައިވެންޏެއް ކޮށްގެން އުޅެނިކޮށް އަންހެން ކުއްޖާގެ އާއިލާއިން ބަދަލު ހިފަން އެދެމީހުން މަރާލަ އެވެ.

އަދި "ކެދާރްނާތް" އަކީ މުސްލިމް ފިރިހެން ކުއްޖަކާއި ހިންދޫ އަންހެން ކުއްޖަކު އުއްތަރަކަންދުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއެއްގެ ތެރެއިން ދިމާވެ އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.