ކުޅިވަރު

މާޒިޔާ އިން ގްރީންގެ މައްޗަށް ކުރި ހޯދައިފި

Nov 20, 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް 0-3 ބަލިކޮށް މާޒިޔާއިން ލީގުގެ ދެވަނަ މަގާމުގައި އޮތް ޓީސީ އާއި ދެޕޮއިންޓަށް ގާތަށް ޖެހިލައިފިއެވެ. މިއީ މާޒިޔާއިން ކޯޗު އިސްމާއިލް މަހަފޫޒްގެ އިރުޝާދުގެ ދަށުން އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އޮތީ 13 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތާވަލުގެ ތިން ވަަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ޓީސީއަށް 13 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ.

ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ގްރީންއަށް މިނަތީޖާގެ ސަބަބުން މިވަނީ އެމަގާމު ހޯދުމަށް ވަރަށް ބޮޑު ހުރަހަކާއި ކުރިމަތިވެފައެވެ. ސަބަބަކީ ފަސްވަނައިގައި އޮތް ގދ. ތިނަދޫ އަތުގައި މެޗެއް އޮތުމެވެ. ގްރީންއަށް 13 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ތިނަދޫއަށް 12 މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ. ތިނަދޫ މާދަމާ އއ. މާޅޮސް އާއި ބައްދަލުކުރާ މެޗު ކާމިޔާބުކޮށް އެޓީމަށް ގަދަ ހަތަރެއްގެ ތެރެއަށް ވަދެވޭނެ އެވެ.

މަޗަށް ނިކުތްއިރު ގްރީންއިން އެޓީމުގެ ބިދޭސީ އެއްވެސް ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައި ނުވެއެވެ. މާޒިޔާއިން އެޓީމުގެ މުހިންމު ކުޅުންތެރިޔާ އުމައިރު ވެސް ފުރަތަމަ އެގާރައިގައި ހިމަނާފައި ނުވެއެވެ. ބެލެވޭގޮތުގައި އުމައިރު އަނިޔާއިން އަދި މުޅިން ސަލާމަތްނުވެއެވެ.

މެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ބޮޔާންއެވެ.

ދެވަނަ ހާފްގެ ކުރީކޮޅު އިތުރު ގޯލެއް ކާމިޔާބުކޮށް މާޒިޔާއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ. ފޯވާޑް ކެރިޗްއަށް ގްރީންގެ ކީޕަރު ފައިރޫޒް ކުރި ކުށަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ 0-2 ބަދަލުކޮށްލީ އިސްމާއިލް އީސާ (މެސީ) އެވެ.

މާޒިޔާގެ ތިންވަނަ ގޯލް މެޗުގެ 71 ވަނަ މިނިޓުގައި ކާމިޔާބުކުރީ އަޑޭ އެވެ. އޭރިޔާތެރެއިން ގްރީންގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ލިބުނު ބޯޅަ އަޑޭ ވަނީ ފަސޭހަކަމާއެކު ގޯލްގެ ތެރެއަށް ފުނުވާލާފައެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ތިނަދޫއާއި މާޅޮސް އެވެ. މިމެޗު ފަށާނީ 15:50 ގަ އެވެ.