ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮސް 1-2 ގެ ނަތީޖާއަކުން ބަލިކޮށް ގދ. ތިނަދޫ ލީގުގެ ހަތަރުވަނަ މަގާމަށް ޖެހިލައިފި އެވެ. ތިނަދޫ މިމެޗުން މޮޅުވި ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހުން ވަގުތުކޮޅެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިނަދޫ މިހާރު އޮތީ ލީގުގެ ހަތަރު ވަނަ މަގާމުގައި 13 މެޗުން ލިބުނު 18 ޕޮއިންޓާއެކު އެވެ. މާޅޮސް ޓީމު އޮތީ ތާވަލުގެ ހަތް ވަނަ މަގާމުގައި 13 މެޗުން ލިބުނު އަށް ޕޮއިންޓާއެކު އެވެ.
މެޗަށް ނިކުތް މާޅޮސް ޓީމުގެ ފުރަތަމަ އެގާރައިން ލީގުގައި އެޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އޭންހަލް މުނޯޒް ހިމަނާފައި ނުވާއިރު ތިނަދޫ ޓީމުންވެސް ޑިފެންޑަރު ނޫމާން ގެ ބަދަލުގައި ފުރަަތަމަ އެގާއިރިން ގިތުރިސްއަށް ފުރުސަތު ދީފަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް ކާމިޔާބުކުރީ ހުނަރުވެރި ފޯވާޑް ރިޒޭ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ރިޒޭ ވަނީ މާޅޮސް ގޯލްގެ މަތީކަނަށް ފޮނުވާލާފަ އެވެ.
ދެވަނަ ހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެންހަލް މުނޯޒް ވަނީ ހިތްގައިމު ގޯލަކާއެކު މާޅޮސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ތިނަދޫ ހާފްގެ މެދަށްވުރެ ތަންކޮޅެއް ކުރިން ލިބުނު ބޯޅައިން މުނޯޒް ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށް ވަނީ ގޯލްގެ މަތީ ދަނޑީގައި ޖެހިފަ އެވެ.
މާޅޮސް މެޗުގެ ނަތީޖާ އެއްވަރުކުރުމާއެކު ތިނަދޫއިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެންފެށި އެވެ. އެގޮތުން ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް ލިބި އެޓީމަށް ބޭކާރުވި އެވެ. އަދި މާޅޮސް ޓީމުގެ ފަރާތުން ފެނުނީ ވަރަށް ލަސް ކުޅުމެކެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު އަލީ ހައިޝަމް (ޗުމްޕު) ވަނީ ތިނަދޫ މެޗުން މޮޅުކޮށްދީފަ އެވެ.
ތިނަދޫއިން މިލަނޑު ކާމިޔާބުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓް ހަމަވެ ހަތް ވަނަ މިނިޓް ތެރޭގަ އެވެ. ބިދޭސީ ފޯވާޑް އަވީލާ ނަގައިދިން ހުރަސް ޗުމްޕު ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.