ރާއްޖެ ކުޅިވަރު

ކުޑަހުސެންގެ ފަހަތުން ދަރިފުޅުވެސް އަޔަންމޭން ޓްއާއަށް

Nov 21, 2017
1

ދިވެހި ފުރަތަމަ އަޔަން މޭން އަކީ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމް (ކުޑަ ހުސަން) އެވެ. އޭގެ ފަހުން ދުވުންތެރިޔާ އަހްމަދު އާތިފްވެސް ވަނީ އަޔަން މޭން ރޭސް ފުރިހަ ކޮށްފަ އެވެ. އަނެއްކާވެސް ކުޑަ ހުސެން އަޔަމޭން ޓްއާ އަކަށް ދާން ތައްޔާރު ވަނީ އެވެ. މިފަހަރު އެންމެ ރޭހެއް ނޫނެވެ. ދެ ގައުމެއްގައި ބާއްވާ ރޭސްތަކެކެވެ.

ކުޑަ ހުސައިން އެކަންޏެއް ނޫނެވެ. މައިބަފައިންގެ ފިޔަވަޅުން ހިނގާނީ ދަރިންނެވެ. ދިވެހި ފުރަތަމަ އަޔަން މޭން ކުޑަ ހުސައިން އާއެކު އޭނާގެ އަށް އަހަރުގެ ދަރިފުޅު ހަނާން ހުސެން ހަލީމް ވެސް އަޔަމޭން ޓްއާއަށް ދާނެ އެވެ. ހަނާން ވާދަ ކުރަނީ "އަޔަން ކިޑް" ކެޓަގަރީގަ އެވެ.

އަޔަން މޭން އަކީ، ބަރު އަދި އުނދަގޫ ރޭހެކެވެ. ފެތުމާއި ބައިސްކަލް ދުއްވުމާއި، ދުވުން ހިމެނޭ މި އުނދަގޫ ރޭހުގައި 226 ކީލޯ މީޓަރުގެ ސަރަހައްދެއް ރޭސް ޖަހައިގެން ކަޑަތު ކުރަން ޖެހެ އެވެ. ބައިސްކަލް ދުއްވުމުގައި، އާންމުކޮށް ބައިސްކަލް ދުއްވަން ލިބޭ ޓްރެކް ފަދަ ހަރު ފަސްގަނޑެއް އޮންނަ ސަރަހައްދެއްގައި ދުވާކަށް ނުލިބޭނެ އެވެ. އަޑިގުޑަން ހުރި މަޑު ފަސްގަނޑު ހިމެނޭ ބޮޑު މާސިންގާ ސަރަހައްދުތަކާއި އުސް ހިސާބުތަކެވެ. ދުވުން ވެސް އޮތީ އެގޮތަށެވެ، ސިންތެޓިކް ޓްރެއްގައި ނުވަތަ، ހަމައެކަނި ތާރު އެޅި މަގެއް ދިގުރާސްތާ އެ ސަރަހައްދުގައި ނުލިބޭނެ އެވެ. ފެތުންވެސް އޮތީ މިހެންނެވެ. އޮލިމްޕިކް ޕޫލެއް ނޫނެވެ. ވަޔާ ގަދަ އޮއިވަރާއެކު ރާޅުބާނިތައް ވެސް އުފެދިފައިވާ ފުން ސަރަހަދެކެވެ.

މި އުނދަގޫ ރޭހުގައި ހުސައިން އާއި އޭނާގެ ދަރިފުޅު ހަނާންގެ ފުރަތަމަ މަންޒިލަކީ ތައިލެންޑްގެ ދެކުނު ސަރަހައްދުގެ ހުޅަނގު އައްސޭރީގައި އޮންނަ ޕުކެޓެވެ. ތައިލެންޑްގައި އޮންނަ އެންމެ ބޮޑު ޖަޒީރާ ރަށުގެ އޮންނަ އެ ރޭސް އޮންނާނީ މިއަންނަ އާދީއްތަ ދުވަހު އެވެ. މި ރޭހުގައި 70.03 ކިލޯމީޓަރުގެ ސަރަހައްދެއް ހުސައިން ކަޑަތުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ 1.9 ކިލޯމީޓަރުގެ ސަރަހައްދެއްގައި ފެތުމެވެ. ބައިސްކަލުގައި 90 ކިލޯމީޓަރު ސަރަހައްދެކެވެ. ދުވެގެން 21.1 ކިލޯމީޓަރުގެ ސަރަހައްދެއް ހުރަސް ކޮށްގެންނެވެ.

ޕުކެޓްގެ އަޔަން ކިޑް ރޭސް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަޔަން ކިޑް ރޭހުގައި ފަތަން ޖެހޭ ސަރަހައްދު ކުޑަ އެވެ. އެއީ 100 މީޓަރެވެ. ނަމަވެސް ދުވުމާއި ބައިސްކަލް ދުއްވުން ފަސޭހައެއް ނޫނެވެ. ބައިސްކަލުގައި 2.2 ކިލޯމިޓަރުގެ ސަރަހައްދެއް ގައެވެ. އެއް ކިލޯމީޓަރު ދުވެގެން ކަޑަތު ކުރަން ޖެހެއެވެ.

ތައިލެންޑަށް ފަހު އޮސްޓްރޭލިއާއަށް

ތައިލެންޑުން އަޔަން މޭން އާއި އަޔަން ކިޑްގެ ރޭސް ނިމުނީއެއް ނޫނެވެ. ތައިލެންޑަށް ފަހު ދިގު ދަތުރެއް ކުރުމަށްފަހު އޮސްޓްރޭލިއާ އަށެވެ. އޮސްޓްރޭލިއާގެ ހުޅަނގު ސަރަހައްދުގެ ކަނޑުގެ އައްސޭރީގައި އޮންނަ ބަސަލްޓަން އާއި ހުޅަނގު ދެކުނުގައި އޮންނަ ޕާތު އެވެ.

އޮސްޓްރޭލިއާގައި ހަނާންގެ އަޔަން ކިޑް ރޭސް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. ތައިލެންޑްގެ ރޭހަށް ވުރެ އޮސްޓްރޭލިއާގެ ރޭސް ހަނާން އަށްވެސް ބުރަ އެވެ. ޕާތުގައި އޮންނަ ރޭހުގައި ބައިސްކަލުގައި ހަތަރު ކިލޯމީޓަރުގެ ސަރަހައްދެއް ހަނާން ހުރަސް ކުރަން ޖެހޭނެ އެވެ. އެއް ކިލޯމީޓަރުގެ ސަރަހައްދެއްގައި ދުވެފައި ކަޑަތު ކުރުމެވެ. ފަތާފައި 100 މީޓަރު ރޭސް ނިންމުމެވެ.

ހުސައިން އަށްވެސް ޕުކެޓް ރޭހަށްވުރެ ބަސަލްޓަންގެ ރޭސް ބުރަ ވެފައި އުނދަގޫ ބޮޑެވެ. ބަސަލްޓަންގެ އަޔަން މޭން ރޭހުގައި 226 ކިލޯ މީޓަރުގެ ބޮޑު ސަރަހައްދެއް ހުރަސް ކުރާނެ އެވެ. ތައިލެންޑްގެ ރޭހަށްވުރެ ދެ ގުނައަށް ވުރެ ދިގު ރޭހެކެވެ.

އެއީ 3.8 ކީލޯމީޓަރުގެ ސަރހައްދެއްގައި ފެތުމެވެ. ބައިސްކަލުގައި 180.2 ކިލޯމީޓަރުގެ ސަރހައްދެއް ހުރަސް ކުރުމެވެ. ދުވެފައި 42.195 ކިލޯމިޓަރު ސަރަހައްދެއްގައި ދުއްވަން ޖެހެއެވެ.

އޮސްޓްރޭލިއާގެ އަޔަން މޭން ޓްއާއާށް ފަހު ދިވެހި ފުރަތަމަ އަޔަން ކިޑް އާއި އަޔަން މޭން އެނބުރި އަންނާނީ ތައިލެންޑަށެވެ. ތައިލެންޑްގައި ކުރިއަށްދާ މެރަތޮން ރޭސްތަކެއްގައި ވާދަ ކުރުމަށެވެ. ޕުކެޓްގައި އޮންނަ ރޭހުގައި ކުޑަ ހުސައިން އާއި ދަރިފުޅު ހަނާން ވާދަ ކުރާ ފުރަތަމަ ރަން އޮންނާނީ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. އެއީ "ޕުކެޓް ޖެލީ ބީޗް ރަން" ގެ ނަމުގައި ބާއްވާ ފަސް ކިލޯމީޓަރުގެ ރޭހެކެވެ.

އޭގެ އަނެއް ދުވަހު ހަނާން ވާދާ ކުރަނީ ޕުކެޓް ކަލާ ރަން ގައެވެ އެއީ ތިން ކިލޯމީޓަރުގެ ރޭހެކެވެ. ރާއްޖޭގައި އެންމެ ގިނަ މެރޮތޮންގައި ދުވި އެއް ދުވުންތެރިޔަކަށް ކުޑަ ހުސެން ވާނެ އެވެ. އޭނާ ވަނީ މިހާތަނަށް 17 މެރޮތޮންގައި ވާދަ ކޮށްފަ އެވެ. ހާފް ކެޓަގަރީގެ އަޔަން މޭން ރޭހުގެ ހަތަރު ރޭސް ފުރިހަމަ ކޮށްފި އެވެ. ފުލު އަޔަން މޭން ކެޓަގަރީގެ އެއް ރޭސް ފުރިހަމަ ކޮށްފަ އެވެ.

ޕުކެޓްގައި ކުޑަ ހުސައިންގެ 18 ވަނަ މެރޮތޮންގައި އޭނަ ވާދަ ކުރާނެ އެވެ. އެ ރޭސް އޮންނާނީ ޑިސެމްބަރު މަހު 10 ވަނަ ދުވަހު އެވެ. އެ މެރޮތޮން އަކީ 42.195 ކިލޯމީޓަރުގެ ރޭހެކެވެ.

ހަނާން އަކީ މިހާރުވެސް ތަރިއެއް

ކުޑަ ހުސައިން އަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަ ކުރެވޭ އެތުލީޓެކެވެ. ދިވެހި ފުރަތަމަ އަޔަން ކިޑްގެ ރޭހަށް ނިކުންނަށް ހުސެންގެ ދަރިފުޅު ހަނާން އަކީ މިހާރުވެސް ތަރި އެކެވެ. މިދިޔަ މަހު ބޭއްވި މިޑްނައިޓް ރަންގައި 15 އަހަރުން ދަށުގެ ކެޓަގަރީން އޭނާ ވަނީ ތިން ވަނަ ހޯދާފަ އެވެ. ފަސް ކިލޯމީޓަރުގެ ރޭސް 29 މިނެޓާއި 35 ސިކުންތުން ހަނާން ފުރިހަމަ ކުރެ އެވެ. މިއަދު އަޔަން ކިޑް ރޭހަށް ނިކުންނަ ހަނާންގެ އުންމިދަކީ އޭނާގެ ބައްޕަގޮތަށް ކުރިމަގުގައި އަޔަން ވޮމޭން ކެޓަގަރީގެ ރޭސް ފުރިހަމަ ކުރުމެވެ.

އަޔަން މޭން ޓްއާއަށް ދިއުމަށް މިއަދު ހަވީރު ހަނާން އާއި ހުސައިން ފުރާނެ އެވެ. މި ޓްއާތަކުން މުޖުތަމައު އަށް ޕޮެޒެޓިވް ނުވަތަ އިޖާބީ މެސެޖްތަކެއް ދޭން ހުސައިން ބޭނުން ވެއެވެ. އުމުރުން 48 އަހަރުގައި އެންމެ އުނދަގޫ ރޭހަށް ހުސައިން ދަރިފުޅާއެކު ނިކުންނަނީ ޒުވާން އާބާދީ އިންސްޕަޔާ ވާނެ މެސެޖްތަކެއް ދޭށެވެ. އެއީ ހަރަކާތެރި އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ހިތްވަރު ދޭށެވެ. މޮޓިވޭޓްވެ ޒުވާން އާބާދީ ރަނގަޅު ދިރިއުޅުމެއް ހޯދަން ހިތްވަރު ދިނުމެވެ. އަދި ކޮންމެ އުމުރެއްގެ މީހަކަސް ހާސިލު ކޮންމެ ކަމެއްވެސް ފުރިހަމަ ކުރެވިދަނެ ކަން ސާބިތުކޯށްދޭން ހުސެން ބޭނުން ވެއެވެ.