ކުޅިވަރު

ސްޓްވާޓާއެކު އެއްބަސްވުން އާ ނުކުރާނެ

Nov 21, 2017
2

ގައުމީ ޓީމުގެ ހެޑް ކޯޗް ކަމުން އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް އާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން އެފްއޭއެމުން ނިންމައިފި އެވެ.

ގައުމީ ކޯޗް ކަމަށް، އެންމެ ފުރަތަމަ ސްޓްވާޓް ހަމަޖެއްސީ މިދިޔަ އަހަރު އެވެ. އޭރު އަނގަބުން ވެވުނު އެއްބަސްވުމުގެ ދަށުން އޭނާ އާއެކު އެއްބަސްވީ ހަތަރު މަހުގެ މުއްދަތަކަށެވެ. ނިއުޒިލެންޑް 2010 ވަނަ އަހަރު ވޯލްޑްކަޕަށް ކޮލިފައި ކޮށްދިން ކޯޗް ރިކީ ހާބަޓް ރާއްޖޭގެ ކޯޗް ކަން ދޫކޮށްލުމުން، އެފްއޭއެމުން ކޯޗް ކަމަށް ހަމަޖެއްސީ ސްޓްވާޓެވެ.

އޭނާ އާ ހަވާލު ކުރީ އޭޝިިއަން ކަޕް ކޮލިފައިން ޖާގަ ރާއްޖެއަށް ހޯދައި ދިނުމަށެވެ. ލާއޯސް އާ ދެކޮޅަށް މާލޭގައި ކުޅެ 4-0 ން ކާމިޔާބު ކޮށް، އަދި ލާއޯސްގައި ކުޅުނު މެޗު 1-1 އެއްވަރުކޮށް ރާއްޖެ އަށް ކޮލިފައިންގެ ޖާގަ ހޯދައި ދިނެވެ. އޭގެ ކުރިން ބަންގުލަދޭޝް އާ ދެކޮޅަށް މާލޭ ގައި ކުޅުނު މެޗު 5-0 މޮޅުވީ ވެސް ސްޓްވާޓްގެ ކޯޗް ކަމުގެ ދަށުގަ އެވެ.

ހަތަރު މަހުގެ މުއްދަތު ހަމަ ކުރުމަށްފަހު ސްޓްވާޓް ރާއްޖެ ދޫކޮށް ދިޔަ ނަމަވެސް، އެފްއޭއެމްގެ މިހާރުގެ އެކްސްކޯ އިންތިހާބުވެ، އަލުން ރާއްޖޭގެ ކޯޗް ކަމަށް ސްޓްވާޓް ގެނައެވެ. އަދި އޭނާ އާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށް، އޭޝިއަން ކަޕަށް ކޮލިފައި ވުމާއީ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިނުމަށް ޓާގެޓެއްގެ ގޮތުގައި ދިނެވެ.

ނަމަވެސް އޭޝިއަން ކަޕް ކޮލިފައިންގައި ފެނުނީ ދަށް ނަތީޖާ ތަކެކެވެ. އޭގެ ސަބަބުން އޭނަ އަށާއި ރާއްޖޭގެ ޓީމަށް ވަރަށް ބޮޑެތި ފާޑު ކިޔުން ތަކެއް އަމާޒުވި އެވެ. ހާއްސަކޮށް ފަލަސްތީންގައި ކުޅުނު މެޗު 8-1 ތަފާތު ބޮޑު ނަތީޖާ އަކުން ރާއްޖެ ބަލިވުމުން ކޯޗާއި އެފްއޭއެމް އަށް އަދި ޓީމަށް އިންތިހާ އަށް ފާޑު ކިޔުން އަމާޒުވި އެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗްގެ މަގާމުގައި ސްޓެވާޓްގެ އެއްބަސުވުން ހަމަ ވާނީ އަންނަ ފެބްރުއަރީ މަހު އެވެ. މާނަ އަކީ އޭޝިއަން ކަޕް ކޮލިފައިންގެ އެންމެ ފަހު މެޗުގައި މާޗް މަހު ބޫޓާން އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗާއި ސެޕްޓެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް އާ ކޯޗަކުން ހޯދަން ޖެހޭނެ އެވެ.

މިވަގުތު ޓީމުގައި އެސިސްޓެންޓް ކޯޗެއްވެސް ނެތެވެ. އެންމެ ފަހުން އެސިސްޓެންޓް ކޯޗަކަށް ހުރި އިސްމާއީލް މަހުފޫޒު (އިންމަ) ވަނީ މާޒިޔާގެ ކޯޗް ކަމާ އަލުން ހަވާލު ވުމަށް ގައުމީ ޓީމުން އިސްތިއުފާ ދީފަ އެވެ.