ވާހަކަ

މިންނުގެ ޑައިރީ

(19 ނޮވެމްބަރ 2017 އާ ގުޅޭ) -- އަހަރެން ބުނި އެއްޗެއް އަޑު ނީވުނީއޭ ހިތާ އަނެއްކާ ވެސް ގެއަށް ގެންގޮސްދިނުމަށް އެދުނީމެވެ. މިފަހަރު ހައިކަލް އިސްއުފުލާ އަހަންނަށް ބަލާލިއެވެ. އެ މޫނުން ޖެހިލުންވުމުގެ އަސަރު ފާޅުވާހެން ވެސް ހީވިއެވެ. އިރުކޮޅަކު އަހަރުމެން ދެ މީހުންގެ ހަތަރުކަޅި ބައްދަލުވެފައި ތިއްބެވެ. އަހަރެން މޫނު އަނބުރާލި ވަގުތު އަހަންނާ ގާތަށް ހައިކަލް ފިޔަވަޅެއް އެޅިއެވެ. ހަމައެއާއެކު އޭނާ ފެށީ އެހެން ވާހަކައެކެވެ.

ހައިކަލް: "މިންނު އިޓްސް ދި ޓައިމް... މިހާރު މިވަގުތު ގޮތެއް ނިންމަން އެބަޖެހޭ. މިންނު ބޭނުންވާ ގޮތެއް ނިކަން ބުނެބަލަ. ޔޫ ނޯ ވީ ކާންޓް ވެއިޓް އެނީމޯ... ނޫންތަ؟ ސޯ ޕްލީޒް! ޓެލް މީ... ނިންމާ ގޮތެއް ބުނޭ. މިންނު ބޭނުންވަނީ ތި ހައްޔަރުން ސަލާމަތްވެ ހަށި ހުސްވާންކަމަށް ވާނަމަ... އެ... އެ ގޮތް ވެސް އޯކޭ. އައި ވިލް ހެލްޕް ޔޫ. ތިހެން އަނގައިން ނުބުނެ ހުއްޓަސް އަހަންނަކަށް ނޭނގޭނެ. ރީތިކޮށް ބޭނުންވާ ގޮތް ބުނޭ. އަހަރެން... މިންނު! އަހަރެން ބޭނުން މިންނުއާ ކައިވެނި ކުރަން"

ހައިކަލްއަށް ދޭނޭ ޖަވާބެއް ނޭނގިފައި އަހަރެން ހުރީމެވެ. އޭނާ މަޑުމަޑުން ކުރިއަށް އައިސް އަހަރެންގެ ގާތުގައި މަޑުކޮށްލިއެވެ. އޭނާއަށް ފުރަގަސްދީ ބެލްކަނީގެ ރެއިލިންގައި އަހަންނަށް ހިފަހައްޓާލެވުނީ ހައިކަލް ކުރަމުން ދިޔަ ސުވާލަށް ދޭނޭ ޖަވާބެއް ނެތިގެންނެވެ. އަހަރެން ބޭނުން ނުވިޔަސް އެވަގުތު ކުރެވެމުންދިޔަ ނުތަނަވަސްކަމުގެ އަސަރުތައް އަހަރެންގެ މޫނުން ހައިކަލް ދެނެގަންނާން ފުރުސަތު ދޭން ވެސް ބޭނުންނުވީއެވެ. އިރުކޮޅަކު ހުރުމަށްފަހު އަނެއްކާ ވެސް ހައިކަލް ވާހަކަދެއްކިއެވެ.

ހައިކަލް: "އަ ކާންޓް އަންޑޫ އެނީތިންގ... މެރީ މީ މިންނު. ކޮންމެވެސް އެއްޗެއް ބުނެބަލަ. މިންނު ބޭނުންވަނީ އަހަރެން މިންނުއާ ދުރަށް ދާން ކަމަށްވާނަމަ އެކަން ވެސް ކޮށްދީފާނަން. ދުވަހަކު ވެސް މިންނުގެ ދިރިއުޅުމަށް އަހަރެންގެ ހިޔަނި ނޭޅޭހާ ދުރަށް ހިނގައިދާނަން. މިންނު! ތި ހިމޭންކަމުން އަހަރެން ނަގަންވީ ކޮންމާނައެއްތަ؟... އޯކޭ! އެންމެ ރަނގަޅު... އެއްވެސް ޖަވާބެއް ދޭން ބޭނުންނުވަނީ މިންނު އަހަންނާ އެއްވެސް ވަރަކަށް ގުޅެން ބޭނުންނުވާތީކަމުގައި އަހަރެން ޤަބޫލުކުރަނީ. މިންނު ބޭނުންވަނީ ހުރިހާ ކަމަކުން ސަލާމަތްވާން. އެހެންނު! އޯކޭ... އަހަރެން ތިކަމުން މިންނު މިނިވަން ކުރާނަން. އެކަމަކު މިންނު އަހަންނާއެކު ގޮސްގެން ނޫނީ އެކަމެއް އަހަންނަކަށް ނުކުރެވޭނެ. ސޯ ގިވް މީ އަ ޑޭ. ހުރިހާ ކަމެއް ހަމަޖައްސާފައި ބުނާނަން. ލެޓްސް ގޯ... ހިނގާ ގެއަށް ގޮސްދޭނަން"

ހައިކަލްގެ އަޑުގައިވާ މާޔޫސްކަން އަހަންނަށް ވަރަށް ރަނގަޅަށް ފަހުމުވެއެވެ. އެހެންނަމަވެސް ހިތުގައި ރުޅިވެރިކަމުގެ ބާނިތައް ގަދަވާން ފެށިއެވެ. ދަތްކުނޑިވިކާލެވުމާއެކު ދެބުމަ ކައިރިކޮށްލެވުނެވެ. ހަޅޭލަވައިގަންނަން ބޭނުންވިއެވެ. ހައިކަލްގެ އަނގަމަތީގައި ތިން ހަތަރު އެތިފަހަރު ޖަހަން ވެސް އަހަރެން ތެޅިފޮޅެމުންދިޔަ ޟަމީރު ބޭނުންވިއެވެ. ނަމަވެސް ދެ ތުންފަތް ފިއްތާ ބާރުކޮށްލުމާއެކު ރުޅިވެރިކަން ދިރުވާލީއެވެ. ހައިކަލް އެ ބުނާ "މިނިވަންކަން" އެއީ ބޮޑުވެގެން ފާފައެއްކަން އަހަންނަށް އެނގެއެވެ. އެ ފާފަ އަހަރެންގެ ބޮލުގައި އެޅޭކަށް ބޭނުމެއްނޫނެވެ. އަހަރެންގެ ހިމޭންކަމުގައި ވަނީ ކީކޭކަން ހައިކަލް އަމިއްލައަށް ނިންމުމާއެކު އޭނާ އެނބުރި ކޮޓަރިއަށް ދިއުމަށް ހިނގައިގަންނަން އުޅުނެވެ. އެހިނދު އޭނާ ހުއްޓުވަން އެއްލި އަތުން ހިފުނީ ހައިކަލްގެ ކަނާތު މުލައްދަނޑީގައެވެ. އޭނާ ހުއްޓުވަން އަހަރެންގެ ޟަމީރު ގޮވާލީއެވެ. އަހަރެންގެ މައުސޫމުކަމާއި އުފާވެރިކަން ނަގާލި މީހަކީ ހައިކަލްއެވެ. ދިރިމެއްނެތް ތޮށިގަނޑަކަށް އަހަރެން ހެދުމަށްފަހު ހައިކަލް އެ ވިސްނީ އަހަރެންގެ ކިބައިން ސަލާމަތްވާންހެން އަހަންނަށް ހީވީއެވެ. އެ އަނިޔާވެރިޔާ އެހާ ފަސޭހައިން ދިޔަ ދޭނީ ކިހިނެއް ހެއްޔެވެ. ހައިކަލްގެ އަތުގައި ބާރަށް ހިފާލެވުނީ ބޭއިޚްތިޔާރުގައެވެ. ހައިކަލް ދުރަށް ދިއުމުގެ ބަދަލުގައި އަހަންނާ ގާތަށް ޖެހިލިއެވެ. އެނާއަށް އަހަރެން ބަލާލަން ބޭނުންނުވިޔަސް އޭނާ ހުރީ ފަރުވާތެރިކަމާއެކު އަހަންނަށް ބަލަންކަން އެނގެއެވެ.

ހައިކަލް: "މިންނު! ޓެލް މީ... ދާން ބޭނުންނޫނީތަ؟"

ހައިކަލްގެ ސުވާލަށް އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. އެއާއެކު އަނެއްކާ ވެސް އޭނާ ސުވާލުކުރިއެވެ.

ހައިކަލް: "މެރީ ކުރާނަންތަ؟"

ލަފުޒުތައް ހައިކަލް އަތުރާލީ ލަސްލަހުންނެވެ. ހިތާއި ނަފުސާ ދެކޮޅަށް ވިޔަސް އަހަރެން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެހިނދު ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފާލުމާއެކު އޭނާއާ ދިމާއަށް އަނބުރާލާ އެ އަތުގެ ތެރޭ ފޮރުވާލަން އުޅުނެވެ. އެ ހަރަކާތްވީ އަހަންނަށް ކަރަންޓު ޝޮކެއް ލިބިގެންދިޔަ ޢަމަލަކަށެވެ. ވަގުތުން ހައިކަލްގެ މޭގައި ދެ އަތް ވިއްދާލުމާއެކު ލެވުނުހާ ބާރެއްލާ އޭނާ ދުރަށް ކޮއްޕާލެވުނެވެ. އޭނާ ސިހުނެއްކަމަކު ނިކަން އަވަހަށް ދެ އަތް ހިއްލާލާ ދުރަށް ޖެހިލީ ދެން އަތް ނުލާނަމޭ ބުނޭ ފަދައިންނެވެ. އެ މޫނުމަތީގައި ނުރުހުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ހަމައެއާއެކު އުފާވެރިކަމެއް ވެސް ފާޅެއް ނުވިއެވެ.

ހައިކަލްއާ އެކު ގެއަށް ވަދެގެން އައިތަން ފެނި ސިޓިންރޫމުގައި އުޅުނު ސުހައްތަގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. ހައިކަލް މޮޅު ދޮގެއް ހަދާލާ ސުހައްތަގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލިއެވެ.

އަހަރެންގެ ބަނޑަށް ލިބުނު ޒަހަމްގެ ވާހަކަ އެކަކަށް ވެސް ނޭގެއެވެ. ހައިކަލް ފިޔަވައެވެ. އެ ވާހަކަ އަހަރެން ދައްކަން ބޭނުންނުވާއިރު ހައިކަލް ވެސް އެކަން ބޭއްވީ ސިއްރެއްގެ ގޮތުގައެވެ. ހަމަ އެރޭ ޢާއިލާގެ މެންބަރުންނާއެކު ތިބެފައި ހައިކަލް އަހަރުމެން ދެ މީހުންގެ ކައިވެނީގެ ވާހަކަ ޢިއުލާން ކުރިއެވެ. ސުހައްތައާއި ޖައުބެ ހައިރާންވެ އަންތަރީސްވެފައި ތިބީ ބުނާނޭ އެއްޗެއް ވެސް ނޭނގިފައި ތިބިހެންނެވެ. މަންމައާއި ދޮންބައްޕަ އަހަރުމެންނަށް ތަހުނިޔާ ކީއިރު ފުރަތަމަ ފަހަރަށް މަންމައަށް އަހަރެންގެ ކަމެއް ފާހަގަވިއެވެ. ހަފިއްތަ އަތްތިލަބަޑި ޖަހާލި ގޮތުން ހީވީ އަހަރުމެންގެ ކައިވެންޏަކީ އޭނާ ވެސް ވަރަށް ބޮޑަށް ރުހޭ ކަމެއް ހެންނެވެ. މަންމައާއި ހަފިއްތައަށް އަބަދުވެސް ހައިކަލް ވަރަށް ކަމުދެއެވެ. އެރޭ އަހަންނާއެކު އެކަހެރިވެލާނޭ ވަގުތެއް ސުހައްތަ ހޯދިއެވެ.

ސުހާ: "ކޮންއިރަކު ތި ހިސާބަށް ދިޔައީ؟ ހައިކަލްއާ ރައްޓެހިވިއިރު ސުހައްތަ ގާތުގައި ނުބުނީ ކީއްވެ؟ ހައިކަލް އިޒް ދަ ވަން ދޯ. އެހެންވެތަ އަޒާންއާ ރުޅިވީ... އައި ސްޓިލް ކާންޓް ބިލީވް އިޓް. ތި ދެ މީހުން... ހައިކަލް އެންޑް މިންނު"

ޤަބޫލުކުރާން އުނދަގުވީ ހަމައެކަނި ސުހައްތައަށް އެކަންޏެއް ނޫނެވެ. އަހަންނަށް ޤަބޫލުކުރަން ދައްޗެވެ. އަހަރެން ހަމަ ހައިކަލްއާ އިންނަން އެއްބަސްވީބާއޭ އެތައް ފަހަރަކު އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ. އެހެންވިޔަސް މި ނޫން ގޮތެއް ނެތެވެ. އަޒާންގެ ގާތަށް އެނބުރި ދާނޭ ގޮތެއް ނުވިސްނެއެވެ. އަނެއްކޮޅުން ހައިކަލް ހަމަޖެހޭ ދިރިއުޅުމެއް އުޅޭ ދުވަހެއް ދުށުމަކަށް ނޭދެވެއެވެ. އެކަންވާން އޮތީ އޭނާގެ ދިރިއުޅުމުގެ ބައެއް ކަމުގައި އަހަރެން ވެގެންނެވެ. އެހެންވެ ސުހައްތަގެ ހިތްހަމަޖައްސާލުމަށް ޓަކައި ދޮގުތަކެއް ހެދީއެވެ. ނޭނގި ހުއްޓާ ހައިކަލްގެ މައްޗަށް ހިތް ދޫވީކަމެވެ.

ސުހާ: "މިންނުއާ ވަރަށް ގުޅޭ ހައިކަލް. އަސްލު ހައިކަލް ލަކީއީ އިނގޭ. އޭނާއަށް މިންނު ލިބުނީ އެހެންވެ"

ހީނލާފައި ސުހައްތަ ބުނެލި ގޮތުން އަހަރެންގެ ހާލު ފަރުދާކޮއްލެވިއްޖެކަން ޔަގީންވިއެވެ. އަހަންނާއި ހައިކަލްގެ ކައިވެންޏަކީ ޚާއްޞަ ހަފުލާއަކަށް ވެގެންދާނޭކަމުގައި ސުހައްތަގެ އިތުރުން އެންމެން ވެސް އެއްބަސްވެއެވެ.

ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކައިވެނީގެ ކަންކަން ހަމަޖެހެމުން އައެވެ. ނަމަވެސް ކައިވެނީގެ އެއްވެސް ކަމަކަށް އަހަރެން ޚިޔާލެއް ނުދެމެވެ. އެންމެން ވެސް ބޭނުންވީ ފުރިހަމައަށް ތައްޔާރުވާށެވެ. އެމީހުން އެދޭ ގޮތަށް ހުރިހާ ކަމެއް ކުރާން ހައިކަލް ހުރީ ތައްޔާރަށެވެ. ފައިސާގެ ދަތިކަމެއް ނެތެވެ.

ކައިވެނި ޢިއުލާން ކުރިތާ ދެ ރޭ ފަހުން އަހަރެން ރަންކީމެވެ. އެންމެ އަށާރަ ރުފިޔާއެވެ. ހިސާބު އަކުރުގެ އެ ދެއަކުރަކީ އަހަރެންގެ އުމުރެވެ. އަހަރެން ކައިވެންޏާ ހަމައަށް ރައްކާތެރިކުރުމަށް ބޭނުންވި އަބުރުގެއްލި، އަހަރެންނަށް އިޝްގީ ލޯތްބާ އޭގެ ފޮނިކަން ދަސްކޮއްދިން އިންސާނާ ވެސް ގެއްލުނު އުމުރެވެ. އަހަރެންގެ ހިތްވޭނުން ރޮއްވާލާ އެ ހިތުގެ ހިނގުން ވެސް ހުއްޓެންޖެހުނީ އެ އުމުރުގައި ކަމަށްވާތީއެވެ. އަދި އެ ހުރިހާ ނުބައި ޢަމަލެއް ހިންގި މީހާގެ އަނތްބަކަށް އަހަރެންވާން ޖެހުނީ އެ އުމުރުގައި ކަމަށްވާތީއެވެ. އަހަރެން ދުވަހަކުވެސް އެ އުމުރު ހަދާނެއް ނުނެތޭނެއެވެ.

ރަން ކީތާ ހަތަރުވަނަ ރޭގައި ކައިވެނި ކުރެވިގެންދިޔައެވެ. އަނބިގަބޫލު ކޮށްފީމޭ ބުނި ޖުމްލަ ހައިކަލްގެ އަނގައިން ނުކުތް ވަގުތު އަހަރެންނަށް ބަޔާން ކުރާން ވެސް ނޭގޭ ފުންއަސަރުތަކެއް ކުރުވިއެވެ. ވަރަށް ދެރަވެ ހިތުގައި ޖެހުނެވެ. ހައިކަލްގެ އަނތްބަކަށް އަހަރެންވެ ނިމިއްޖެކަން އެނގޭތީއެވެ. އަހަރެންނަކީ އޭނާގެ މިލްކަކަށްވެ ނިމުނީމައެވެ.

ބޮޑު ހަފްލާއެއް ބޭއްވިއިރު އުފާވެރިކަން ފެނުނީ ހަމައެކަނި ހައިކަލްގެ މޫނުމަތިންކަން ސުހައްތައަށް ފާހަގަ ކުރެވުނުކަން އެނގުނީ އެކަމާ ސުވާލު ކުރުމުންނެވެ. ކައިވެނި ހަފްލާއަށް ފަހު އަހަރުމެން އައީ އަހަރެންގެ ގެއަށެވެ. އަހަރެން ތައްޔާރު ކޮއްފައިވާ އެއްޗެއްހި ބަލައެވެ. ކޮޓަރިއަށްވަދެ ކައިވެނީގެ ހަފުލާއަށް އަޅައިގެން ހުރި ހެދުން ބާލާފައި ޢާންމުކޮށް އަހަރެން ލާއުޅޭ ދޯޕައްޓާ ހެދުމެއްލީމެވެ. އަހަރެންނާއިއެކު އެ ކޮޓަރިން ނުކުތް އެންމެ ޚާއްޞަ އެއްޗަކީ ތި އެކުވެރިޔާއެވެ. ދެން އަހަރެންގެ ކަރުގައިވާ އަޒާންގެ ހަދާނެވެ. އޭގައި އަމުނާލެވިފައިވާ ރިހި އަނގޮއްޓިއެވެ.

ފޮށި ހިފައިގެން ކޮޓަރިން ނުކުމެ ނުކުމެ ހުއްޓާ ސުހައްތަ އައިސް ދޮރުމަތީ މަޑުކޮށްލިއެވެ. ފޮށީގެ އަތްގަނޑުގައި ހިފާލާފައި ހުރި އަހަރެންގެ އަތްތިލާގައި ސުހައްތަ ހިފަހައްޓާލިއެވެ. އަދި އަހަންނަށް ބަލާލަމުން އަނެއްއަތުން އަހަރެންގެ ދަތްދޮޅީގައި ހިފާ ސުހައްތައާ ނަޒަރު ސީދާ ކުރުވިއެވެ.

ސުހާ: "މިންނު! ކުއްލިއަކަށް ހުރިހާ ކަމެއްވެ ނިމިގެން މި ދިޔައީ. އެކަމަކު ކީއްވެތަ ސުހައްތަ ހީވަނީ މިންނު އުފާނުވާހެން. މީ މިންނު ބޭނުންވެގެން ކުރި ކައިވެންޏެއް ނޫންތަ؟ ކީއްވެތަ ސުހައްތަގެ ހިތަށް އުނދަގޫވާގޮތްވަނީ... ހަމަ ހިތްބުނަނީ މިންނު ކަމަކާ ވަރަށް ދެރަވެފައޭ ތި ހުންނަނީ"

ސުހައްތަގެ ވާހަކަތަކުން އަހަރެންގެ ހިތުގެ ކެތްތެރިކަން ކޮޅުންލިއެވެ. ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުން ސުހައްތަގެ މަތީން ވަރަށް ވަރަށް ހަނދާންވާނެއޭ އަހަރެން ބުނީމެވެ. ނަމަވެސް އަޑުގައި ތުރުތުރެއް އުފެދުމާއެކު އަހަރެންގެ ހުއްދައަކާ ނުލާ ދެ ކޯތާފަތް ތެމިގެން ހިނގައްޖެއެވެ. ސުހައްތަގެ ގައިގާ ބައްދާލެވުނީ އިތުރު ވާހަކައެއް އަހަންނަށް ނުދެއްކޭނޭކަން އެނގޭތީއެވެ. މަޑުމަޑުން ސުހައްތައާއެކު ސިޓިންރޫމަށް ނުކުތީމެވެ. އަހަރެންގެ ތެމިފައިވާ ދެ ލޯ ފުހެމުންނެވެ. އަހަރެން ރަނގަޅަށް ބެލުމަށް ހައިކަލް ގާތުން ޖައުބެ އެދުނީ ވަރަށް އުންމީދާއެކުއެވެ. އަދި އަހަރުމެން ދެމީހުންގެ ކައިވެނި ގިނަ ދުވަހަށް ދެމިގެން ދިއުމަށް އެދޭކަން ހާމަކުރިއެވެ. ނަމަވެސް ގޭގެ ދޮރޯށިން އަހަރެން ނުކުންނަންދެން ވެސް ސުހައްތަގެ މޫނުގައިވީ ކަންބޮޑުވުމެވެ.

ގޭ ދޮރުމައްޗަށް ވާގޮތެއް ހައިކަލްގެ ރަތް ކާރު މަޑުކޮށްލާފައި އޮތެވެ. އަހަރެންގެ ފޮށި ކާރަށް އެރުވުމަށްފަހު ހައިކަލް ކުރީ ދޮރުފަތް ހުޅުވާލައިގެން ހުރީ އަހަރެން އަރާނެ އިރަކަށެވެ. ފަހު ފަހަރަށް ކަހަލަ ގޮތަކަށް ސުހައްތަގެ ގައިގާ އަހަރެން ބައްދާލީމެވެ. އަދި އެއްވެސް ވަރަށް ހާސްނުވާށޭ ބުނީމެވެ. އަދި ޖައުބެއާ ސަލާމްކޮށްލާފައި އައިސް ކާރަށް އެރީއެވެ.

ހައިކަލް ކާރަށް އަރާ ދޮރުފަތް ލައްޕާލުމާއެކު ކާރު ދުއްވާލައިފިއެވެ. އަހަރެންގެ ނައުގެ ހުންގާނު އެހެންމީހެއްގެ އަތްމައްޗަށް ދޫކޮއްލަން ޖެހުނީއެވެ. ޖެހުނު ކޮޅިގަނޑުގެ ވަރުގަދަކަމުން އެއިން ސަލާމަތްވާނެ ގޮތެއް ނޭގުނީމައެވެ. ހައިކަލްއާއި އަހަރެންގެ އާކައިވެނީގެ ރެއެވެ. އެކަމަކު އަހަންނާއި ހައިކަލްއާ ދެމެދުވީ ފަރުދާ ނެގުނުތާ ކިތަންމެ ދުވަހެކެވެ. ވީއިރު އަހަރުމެންނަށް އާކައިވެނީގެ ރެއެއް އަންނާނޭކަމަކަށް އަހަރެން ޤަބޫލެއް ނުކުރެމެވެ. ދެމަފިރިންނަށްވީކަމުގެ އުފާވެރިކަމެއް އަހަންނަށް ދުވަހަކު ވެސް އިހުސާސެއް ނުކުރެވޭނެކަން އެނގެއެވެ. ހައިކަލްއަކީ އަހަރެން އިޚްތިޔާރުކުރާން މަޖުބޫރުވި ފިރިމީހާއެވެ.

އަތުން ފަރުމާކޮއްފައިވި ރީތި ބޮޑު ލަކުޑި ދޮރުގެ އެތެރެއަށް އަހަރެން ވަނީ ހައިކަލްގެ ފަސްފަހަތުންނެވެ. މުޅިން އާ މާހައުލެކެވެ. ކުރިމަތިން ފެންނަން ހުރި ދޮރުން އެތެރެއަށް ފައިއަޅާލުމާއިއެކު އަހަންނަށް އެ ގޭގެ ހައިބަތާ ރީތިކަން އިހްސާސް ކުރެވިގެންދިޔައެވެ. ކުރިން އަހަރެން އެ ގެއިން ހައިކަލްއާއެކު ނުކުމެގެން ދިޔައިރު ފާހަގަ ނުކުރެވުނު ކިތަންމެ ކަމެއް ފާހަގަ ކުރެވުނެވެ. އެއީ ދިރުމެއްނުވާ ފަޅުގެއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މުޅިގެއަށް ފެތުރިފާވަނީ މަރުފަދަ ހިމޭން ކަމެކެވެ. ސިޓިން ރޫމެކޭ ފިލްމުތަކުގައި ފެންނަ ކަހަލަ ބޯލް ރޫމްއެކޭ އެއްވަރެވެ. އެތަނަށް އިތުރުފުރިހަމަ ކަމެއް ގެނެސްދެނީ އެލުވާފައި ހުރި ރަންކުލައަކަށްދާ ޗާންދަލިއާއެވެ. އަހަރެންގެ ފައިތިލަ ދަށުގައިވަނީ ސަންގުމަރުމަރުގެ ތަޅުމެއްކަމާއިމެދު އަހަރެންގެ ހިތެއް ޝައްކެއްނުކުރެއެވެ. އޮފު ހުދު އެ ތަޅުމުގައި ރަތްކުލައާއި ރަންކުލައިގެ ފުޅާ ބޯޑަރެއް ވެއެވެ. އަހަރެން ހުއްޓިލައިގެން ހުރިއިރު އަހަރެންގެ ކަނާއަތް ފަރާތަށް ހުރީ މައްޗަށް އެރޭ ގޮތަށް ހުރި ފުޅާ ސިޑިއެވެ. ތިރީގައި ހުރެފައި މައްޗަށް ބަލާލައިފިނަމަ މަތީގައިވާ ކޮޓަރިތަކުގެ ދޮރުތަށް ކޮންމެވެސް ވަރަކަށް ފެންނާ ގޮތަށް ހަދާފައިވާ ބެލްކަނިކޮޅެއް ވިއެވެ. ޕަރީންގެ ވާހަކަތަކުގައާއި ރަސްރަސްކަލުންގެ ވާހަކަތަކުގައި ސިފަކޮށްދޭ ފަދަ ފުރިހަމަ ގަނޑުވަރެކޭ އެ ގެއެކޭ ތަފާތެއްނެތެވެ.

އާގަމަ އަރާފައި ހުރި މީހަކުހެން އެ ތަނަވަސް ސިޓިންރޫމުގެ ތެރޭގައި އަހަރެން ހުރީ ހައިކަލްގެ އިޝާރާތަކަށް މަޑުކޮށްގެންނެވެ. އޭނާ އަހަރެންގެ ފޮށިގެނެސް އެއްފަރާތުގައި ބަހައްޓާލުމާއެކު އެތަނުގައި އިހަށް މަޑުކޮށްލުމަށް އެދުނެވެ. ހުރިފިޔަޅު މަތީ ގުޑައި ވެސް ނުލާ ހުރީމެވެ. އެ ގޭ ތެރެއިން މީހެއްގެ ހިލަމެއް ވޭތޯ ދިމާ ދިމާއަށް ނަޒަރު ހިންގުނެވެ. އެހެން ހުއްޓާ ގަރާޖަށް ކާރު ވެއްދި އަޑު އިވުނެވެ. އަދި ގިނައިރެއްނުވެ އަހަރެންގެ ގާތަށް ހައިކަލް އައެވެ. ދެ ފަރާތަށް ހުޅުވާލޭ ގޮތަށް ހުރި ސިޓިންރޫމުގެ ފުޅާ ދޮރު ލައްޕާލާފައި އަހަރެންގެ ފޮށި ހިފައިގެން އެ ރީތި ސިޑީގެ ހަރުފަތްތަކުން އަރަން ފެށިއެވެ. އޭނާއާއެކު އައުމަށް އަހަންނަށް އިޝާރާތްކުރީތީ ހައިކަލްގެ ފަހަތުން އަހަރެން އެރީމެވެ.

ހައިކަލްގެ ކޮޓަރިވަނީ އަހަންނަށް ފެނިފައެވެ. އަހަރެންގެ ހެދުންތައް އަޅާފައި ހުރި ފޮށި އަލަމާރި ކައިރީގައި ބަހައްޓާލިއެވެ. އަދި އަހަންނަށް ބަލާލާފައި އޭނާ ދެއަތް ދެއަތާ ހާކާލީ އެއްޗެއް ބުނާން ބޭނުންވެފައި ހުރި ހެންނެވެ. އެ ކޮޓަރީގައި ހުރި ބޮޑު އެނދުގެ އަރިމަތީ އަހަންނަށް އިށީނދެވުނީ ވެފައި ހުރި ވަރުބަލިކަމެއްގެ ސަބަބުންނެވެ. ބަނޑުގައި ފިހިފައި ހުރި ތަން ކޮންމެވެސް ވަރަކަށް ރަނގަޅުވެލާފައި ހުއްޓެއްކަމަކު ކުޑަކޮށް ތަދު ވެއެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން ނައްތާލީ ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެ ފަރާތުން ދެއަތް ކޮށްޕާލައިގެން އަހަންނަށް ބަލަން ހުރި ހައިކަލްއެވެ.

ހައިކަލް: "މިންނު! ބަނޑުގައި އޮތް ބޭބީ ބޭނުންތަ؟ އެހެންވެތަ މެރީ ކުރީ؟"

ވަރަށް ވިސްނާފައި ހައިކަލް ސުވާލު ކުރި ކަހަލައެވެ. ނަމަވެސް އޭނާއަށް ދޭނޭ ޖަވާބެއް ނޭނގުނެވެ. ޚުދު އަހަންނަށް ވެސް ގޮތެއް ނިންމިފައި ނުވާ ކަހަލައެވެ. އަހަރެންގެ ޟަމީރު އެދެނީ އެ ދަރިފުޅު އުފަން ކުރުމަށެވެ. އެ ފުރާނައަށް ގެއްލުމެއް ދިނުމުގެ ފާފައިން ސަލާމަތްވުމަށެވެ. އެކަމަކު އަހަރެންގެ ހާސްވެފައިވާ ސިކުނޑިއާއި ޒަހަމްވެފައިވާ ހިތް ބުނަނީ އެހެން ވާހަކައެކެވެ.

ހައިކަލް: "މިންނު ވަރަށް ވަރުބަލިވެފަ ތި އިނީ. މާދަމާ ހަމަޖެހިގެން އެ ވާހަކަދައްކާނީ. އަހަރެން ވެސް ވަރަށް ވަރުބަލިވެއްޖެ. އަރާމުކޮށް ނިދާލަން މިހާރު ބޭނުންވަނީ. ޔޫ ޝުޑް ޓޭކް ރެސްޓް"

ވަރުކަމުގެ ވާހަކައާއި ނިދަން ބޭނުންވާ ވާހަކަ ހައިކަލް ދައްކަން ފެށުމުން އަހަންނަށް އުނދަގޫވިއެވެ. ހަށިގަނޑު ފިނިވާގޮތް ވެސް ވިއެވެ. ހީވީ ހައިކަލްގެ ޢަމަލުތައް ހުންނާނޭ ގޮތް ކުއްލިއަކަށް ސިފަވެގެން ދިޔަ ހެނެވެ. ބޮލުގައި ރިއްސާލި ކަހަލައެވެ. އެހެންވެ މަޑުމަޑުން ތެދުވީމެވެ. އާދައިގެ މަތީން ފެންނުވަރާ ނުނިދޭނެތީވެ ފޮށި ހުޅުވާލާފައި ހެދުން ނަގައިގެން ފާޚާނާއަށް ވަނީމެވެ. އިތުރު ނުތަނަވަސްކަމެއް ލިބިގެންދިޔައީ އެ ފާޚާނާއަކީ ތަޅުލެވޭ ގޮތަށް ހުރި ތަނަކަށްނުވީމެވެ. އެ ފާޚާނާއެކޭ އަހަރެން އުޅުނު ކޮޓަރިގަނޑެކޭ ވާނީ އެއްވަރުހެން ހީވެއެވެ. ދޮރުންވަންނައިރު ފާރުގައި ހަރުކޮށްފައިވާ ބޮޑު ލޯގަނޑުން ކޮޓަރީގެ އެއްބައި ފެންނެއެވެ. ބިލިގާ ހުރީ ރަބަރުގަނޑަކުން ނިވާކޮށްލެވޭ ގޮތަށް ހަދާފައެވެ. ހަދާނޭ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރެފައި ފެންވަރާން ބިލިގާގެ ތެރެއަށް އެރި ރަބަރުގަނޑު ދަމާލާ ނިވާކޮށްލީމެވެ. އަހަރެންގެ ހަށިގަނޑުގައި ހައިކަލްއަށް ފޮރުވާނޭ އެއްޗެއް ނެތްކަން އެނގޭއިރު ވެސް އޭނާއަށް ފޮރުވަން ބޭނުންވަނީއެވެ. ބަނޑުގައިވާ ބޭސްގަނޑު ނައްޓާލިއިރު އެ ބޭސްގަނޑަކީ ކައިވެނި ހަފުލާއަށް އަހަރެން ލާންޖެހުނު ހެދުމުގެ ސަބަބުން އަޅަންޖެހުނު ބޭސްގަނޑެކެވެ. ޒަހަމް ފަސޭހަވަމުން އައި ނަމަވެސް އުމުރު ދުވަހަށް ދެމިގެންދާނޭވަރުގެ ބޮޑު ލަކުނަކަށް އެތަންވިއެވެ.

އޮހިގަތް ފެންތަކާއެކު ހަށިގަނޑަށް އަރާމުކަމެއް އިހުސާސް ކުރެވުނެވެ. ހިނދުކޮޅަކަށް ހައިކަލްގެ ޚިޔާލުތައް ފެންތަކާއެކުވެ ފައިބައިގެން ދިޔަ ކަހަލައެވެ. ނަމަވެސް މަރާލެވިފައިވާ ދެ ލޯ ހުޅުވާލަމުން އަހަންނަށް ތެޅިގަނެވުނީ ފުރަގަހުން އިހުސާސް ކުރެވިގެންދިޔަ ބީހުމުގެ ސަބަބުންނެވެ. ހައިކަލްގެ މޫނު ފެނުމާއެކު އަހަންނަށް މޫނު ހަދާލެވުނެވެ. އޭނާއާ ދުރަށް ޖެހުމުން ވެސް އަހަރެންގެ ގައިގާ އަތްލަން ހައިކަލް މަސައްކަތް ކުރިއެވެ. އެއާއެކު ރުޅި އަންނަ ގޮތް ވެއްޖެއެވެ. ހައިކަލްގެ އަތުގައި ޖަހާ ފޮޅުވާލުމާއެކު ބިލިގާގެ ތެރެއިން ހަލުވިކޮށް ފައިބައި ތުވާލި ހިފައިގެން ފާޚާނާއިން ނުކުތީއެވެ. އަދި ހައިކަލް ނުކުންނަން ވާއިރަށް އަވަހަށް ތައްޔާރުވެލީމެވެ. ބަނޑުގައި ބޭސް އުނގުޅާލުމާއެކު ނިދަންލާ ގަމީހާއި ހަރުވާޅު ލައިގެން އެނބުރިލެވުނު ވަގުތު އެނދުމަތީ ރީތިކޮށް ބާއްވާލާފައި އޮތް ރަތްކުލައިގެ ކުރު ސިލްކު ނައިޓީ ފެނުނެވެ. ނައިޓީގައި އެއްފަރާތުން ޓެގުކޮޅު ވެސް ނުނައްޓާ އޮތްކަން ފެންނަން އޮތެވެ. ހައިކަލް ބޭނުންވާ ގޮތް އެ ނައިޓީ ފެނުމާއެކު އަހަންނަށް ނަގައިގަންނާން އުނދަގުލެއް ނުވިއެވެ. ހިތުގައި އަނދައިގަތް ރުޅިވެރިކަމުގެ އަލިފާނުގައި ވަގުތުން އެނދުމަތީ އޮތް ނައިޓީ ނަގާ ދެއަތުގެ ތެރޭ ބޮނޑިކޮށްލެވުނެވެ. އަދި ފާޚާނާ ދޮރާ ދިމާއަށް ހޫރާލީމެވެ. ހައިކަލް ބުނިހާ ގޮތެއް ހަދައިގެން އުޅޅޭކަށް އަހަރެން ބޭނުމެއްނޫނެވެ.-- (ނުނިމޭ)