ހަބަރު

މި ސަރުކާރުގެ ބަޖެޓްތަކުން ފައިދާ ނުވާ ރައްޔިތަކު ނެތް: ފަލާހު

ރައީސް އަބުދުުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން މި ސަރުކާރުން ފާސްކޮށްފައިވާ ބޮޑެތި ބަޖެޓްތަކުން ފައިދާ ނުވާ އެއްވެސް ރަށެއް ނުވަތަ އެއްވެސް ރައްޔިތަކު ނެތް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ފަލާހު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ބިލިއަނުން ފާސްކޮށްފައިވާ ބަޖެޓްތަކުން ހިންގި މަޝްރޫއުތައް ލޮަލަށް ފެންނަށް ހުންނާނެ ކަމަށާއި ހާއްސަކޮށް ރާއްޖޭގައި މީގެ ކުރިން ނުހިންގާ ބޮޑު ބިޔަ މަޝްރޫއުތަކެއް ިމި ސަރުކާރުން ހިންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އާބާދީގެ އަދަދަށް ނުބަލައި އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ކަމަށެވެ.

"ރާއްޖޭގައި މީގެ ކުރިން ނުހިންގަވާ ބޮޑު ބިޔަ މަޝްރޫއުތަކެއް ވަނީ ހިންގަވާފަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެދަނީ ވަރަށް ބޮޑަށް ތަރައްގީ ކުރަމުން، ބްރިޖްގެ މަސައްކަތަކީ 200 އެތައް މިލިއަން ޑޮލަރުގެ މަޝްރޫއެއް، ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަމުންދާ 25 ބުރީގެ އިމާރާތް،، މި ސަރުކާރުގައި ފާސްކުރި ބަޖެޓްތަކުގެ ރަހަ ނުލާ އެއްވެސް ފަސްގަނޑެއް އެއްވެސް ރަށެއް އެއްވެސް ރައްޔިތެއް ނުހުންނާނެ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ފާސްކުރި ބޮޑު ބަޖެޓްތަކުން ރާއްޖޭގައި ހިންގި މަޝްރޫއެއް ނެތް ކަމަށާއި ބޮޑެތި ބަޖެޓްތައް ފާސްކޮށްގެން ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅުން ނޫން ކަމެެއް ނުވާ ކަމަށެވެ. އަދި މި ސަރުކާރުން ނަގާ ލޯނުގެ މަސައްކަތް ފެންނަން އެބަހުރި ކަމަށާއި މީގެ ކުރީގެ ސަރުކާރުތަކުން ދަރަންޏަށް އެކިއެކި ބޭރުގެ ތަންތަނުން ނެގި ލޯނުތަކަށް ހެދި ގޮތެއް ނޭންގޭ ކަމަށެވެ. އަދި މި ސަރުކާރުން ދަނީ އެ ލޯނުތަކަށް ވެސް ފައިސާ ދައްކަމުން ކަމަށް ފަލާހު ވިދާޅުވި އެވެ.

"މި ސަރުކާރުން ނަގާ ލޯނުގެ މަސައްކަތް ފެންނަން އެބަހުރި، މީގެ ކުރީގެ ސަރުކާރުތަކުން ދަރަންޏަށް އެކިއެކި ބޭރުގެ ބޭންކްތަކުން ނެގި ލޯނުތަކަށް ހެދި ގޮތެއް ނޭންގެ، މި ސަރުކާރުން ދަނީ އެ ލޯނުތަކަށް ވެސް ފައިސާ ދައްކަމުން، ޖީއެމްއާރް ގެ ސަބަބުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިގެން ދިޔަ، ޖީއެމްއާރަށް ދައްކަން ޖެހޭ 242 މިލިއަން ދީފައިވާ މުއްދަތުގެ ތެރޭގައި އެއްފަހަރާ ދެއްކެވި. އެވަރު ކަމެއް ރައީސް ޔާމީން ނޫން އިތުރު ބޭފުޅަކަށް ނުކުރެވުނީސް،" ފަލާހު ވިދާޅުވި އެވެ.

ފަލާހު އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ އެއްވެސް ބަޖެޓަކަށް ވޯޓު ނުދޭ ކަމަށާއި ދީފައިވެސް ވަނީ އިދިކޮޅުގެ މަދު މެންބަރެއް ކަމަށެވެ. އަދި އިދިކޮޅުން ބަޖެޓްތަކަށް ވޯޓް ނުދެނީ ރައީސް ޔާމީން ބޮޑެތި ބަޖެޓްތައް ހުށަހަޅައިގެން ގެންނަ ތަރައްގީގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ހަރަކާތްތައް ހިންގަން އުނދަގޫވެ، ސަރުކާރަށް އޮތް ތާއީދު އިތުރުވާތީ ކަމަށް ފަލާހު ވިދާޅުވި އެވެ.