ކުޅިވަރު

ދިރާގު ރޭހުގައި ގައުމީ ދެ ރެކޯޑް

މިއަދު ބޭއްވި ދިރާގު ރޯޑް ރޭހުގައި ގައުމީ ދެ ރެކޯޑެއް މުގުރާލައިފި އެވެ. ދެ ރެކޯޑްވެސް މުގުރާލީ ފަސް ކިލޯމީޓަރުގެ އިވެންޓުގައި ވާދަ ކޮށް އެއްވަނަ ހޯދި ދެ ދުވުންތެރިން ކަމަށްވާ މަރްޔަމް އަބްދުލް ކަރީމް (މަރީ) އާއި ޝިފާޒް މުހައްމަދެވެ.

މިއަދުގެ ރޭސް މަރީ ނިންމާލީ، 20:47 (ސޯޅަ މިނެޓް ފަނަރަ ސިކުންތު) އެވެ. ކުރިން މި ރެކޯޑް އޮންނަނީ ޝަމްހާ އަހްމަދު އަތުގަ އެވެ. މަރީ އަކީ މިހާރުވެސް 10 ކިލޯމީޓަރުގެ ގައުމީ ރެކޯޑް އޮތް ދުވުންތެރިޔާ ވެސްމެ އެވެ.

މިއަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރަތޮންގެ ހާފު މެރަތޮންގައި ދުވެ، މަރީ 10 ކިލޯ މީޓަރުގެ ގައުމީ ރެކޮޑް ހެދީ 44:07 (ސާޅީސް ހަތަރު މިނެޓް ހަތް ސިކުންތު) އިން ރޭސް ނިންމައިގެންނެވެ. އަދި އޭނާ ވަނީ މިދިޔަ މަހު އަވަށްޓެރި ލަންކާގައި ބޭއްވި ކޮލަމްބޯ މެރޮތޮންގެ 10 ކީލޯ މީޓަރުގައި ވާދަކޮށް ރިހި މެޑަލް ހޯދާފަ އެވެ.

ޝިފާޒް ފަސް ކީލޯމީޓަރުގެ ރޭހުން، ގައުމީ ރެކޯޑް ހެދީ، 16:15 (ސޯޅަ މިނެޓް 15 ސިކުންތު)އިން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ، މިދިޔަ އަހަރު ބޭއްވި ދިރާގު ރޯޑް ރޭހުގައި ރެކޯޑް ހެދި، ހުސައިން ފަޒީލް ހާރޫންގެ ނަމުގަ އެވެ.

ދިރާގު ރޯޑް ރޭހަކީ ބައިނަލްއަގްވާމީ ދަރަޖަ ލިބިފައިވާ ރޭކެވެ. އެ ރޭސް ވަނީ "އެއިމްސް" ނުވަތަ "އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތޮން އެންޑް ޑިސްޓެންސް ރޭސް" ގައި ރަޖިސްޓްރީ ކޮށްފަ އެވެ. އެހެންވެ ވަކި މިންގަޑުތަކެއް ރޭހައި ފުރިހަމަ ކުރަން ޖެހެއެވެ. އެގޮތުން ރޭހުގެ ކެޓަގަރީތައް ތަފާތު ކޮށް ބާއްވަން ޖެހެއެވެ. އުމުރު ފުރާތައް ތަފާތު ކުރަން ޖެހެއެވެ.

ރޭހުގައި ބައިވެރިވުމުގެ އުމުރަކީ މިއަހަރު ޖަނަވަރީ މަހު އެއް ވަނަ ދުވަހުގެ ނިޔަލަށް ހަތް އަހަރުން ފެށިގެން މަތީގެ ކުދިންނަށެވެ. ހަތް އަހަރު ފުރިފައިވާ ކުދިންނަށް ފަސް ކިލޯމީޓަރުގެ ރޭހުގައި ވާދަ ކުރެވޭނެ އެވެ. ދިހަ ކިލޯ މީޓަރުގެ ރޭހުގައި ވާދަ ކުރެވޭނީ ޖަނަވަރީ އެކަކަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. ސްކޫލް ކެޓަގަރީގައި ހިމެނެނީ 13 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ.