ކުޅިވަރު

ރާއްޖެއަށް ކޯޗް ކޮށްދޭން ސެގްރެޓް ޝައުގުވެރިވޭ

ރާއްޖެއަށް ކޯޗް ކޮށްދޭން އަފްގާނިސްތާންގެ ކުރީގެ ކޯޗް ޖަރުމަންގެ ޕީޓާ ސެގްރެޓް ޝައުގުވެރިވާ ކަން ހާމަކޮށް ވާހަކަ ދައްކައިފި އެވެ.

ދިވެހިންނަށް ސެގްރެޓް ނުވަތަ "ޝޭގްރެޓް" އެންމެ ބޮޑަށް ފާހަގަ ވާނީ، 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ސުޒުކީ ކަޕްގައި އަފްގާނިސްތާން ޓީމު ގޮވައިގެން ރާއްޖެ ބަލި ކުރި އަފްގާނިސްތާންގެ ފުރަތަމަ ކޯޗްގެ ގޮތުގަ އެވެ. އޭގެ ކުރިން އަފްގާނިސްތާންގައި މަސައްކަތް ކުރި އެއްވެސް ކޯޗަކަށް ރާއްޖެ ބަލި ކުރެވިފަ އެއް ނުވެ އެވެ.

އޭނާގެ އުފަން ގައުމު ކޮރޭޝިއާގައި ހުރެ 'އަވަސް' އަށް ދިން އިންޓަވިއުގައި ސެގްރެޓް ބުނީ ރާއްޖެއަކީ އޭނާ ވަރަށް ޝައުގުވެރިވާ ތަނެއް ކަމަށާއި ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އޮތްކަން ސާފް ސުޒުކީ ކަޕްގައި އޭނާ އަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މި ވަގުތު އަހަރެން މިހުރީ ހުސްކޮށް، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހަޅައިފިއްޔާ އަހަރެން ސީރިއަސްކޮށް އެކަމާ ވިސްނާނަން،" ރާއްޖޭގެ ކޯޗް ކަމާ ހަވާލުވެދާނަންތޯ ސުވާލު ކުރުމުން ސެގްރެޓް ބުންޏެވެ.

ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަނުން އޭނާ އާ ކޮންޓެކްޓް ކުރަން ބޭނުންނަމަ އެފުރުސަތު އޮތް ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ވަނީ އޭނާގެ މެއިލް އެޑްރެސް ހިއްސާކޮށްފަ އެވެ.

ރާއްޖޭގެ ކޯޗްގެ ގޮތުގައި މިހާރު ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓްގެ ކޮންޓްރެކްޓް އަންނަ ފެބްރުއަރީގައި ހަމަ ވާނެ އެވެ. އޭނާގެ އެއްބަސްވުން އާ ނުކުރުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ.

"ރާއްޖެ އަކީ އަހަންނަށް ވަރަށް ޝައުގުވެރިވާ ތަނެއް،" ސެގްރެޓް ބުންޏެވެ. "އިންޑިއާގައި [ސާފް ސުޒުކީ ކަޕްގައި] އަހަންނަށް ފެނުނު ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އޮތްކަން ވަރަށް ހުނަރުވެރި ކުޅުންތެރިން އަހަންނަށް ފާހަގަވި، އެހެންވީމަ ބަލަމާ ހިނގާ އަހަރެމެންނަށްނަށް ކުރިމަގު އޮތީ ކިހިނެއްތޯ."

މި ވަގުތު ފުޓްބޯޅައިގެ ކޮން މަސައްކަތެއްގައި؟

ސެގްރެޓް މި ވަގުތު ހުރީ ކޮރޭޝިއާގައެވެ. އޭނާ ބުނީ ކޮރޭޝިއާގައި އެ ގައުމުގެ ލީގް ބައެއް މެޗުތައް އޮބްޒާވް ކުރުމަށްފަހު ދެން އޭނާ އެނބުރި ދާނީ ޖަރުމަނަށް ކަމަށެވެ.

"ޖަރުމަންގެ ބުންޑެސް ލީގްގާއި ބައެއް ޓީމުތައް ކުޅޭ މެޗުތައް ބަލަން ކުރިއަށް އޮތް ދުވަސްތަކުގައި ވަގުތު ހޭދަ ކުރާނަން އަދި ޗެމްޕިއަންސް ލީގްގައި ޖަރުމަންގެ ޓީމުތައްވެސް އަހަރެން އޮބްޒާވް ކުރާނަންް،" ސެގްރެޓް ބުންޏެވެ.

"ބޭނުމަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފުޓްބޯޅައިގައި އާ ކަންކަމެއް އަހަރެން ދަސް ކުރުން އަދި ޖަރުމަންގައި ޖަރުމަންގެ ގައުމީ ކޯޗް ޔޯކިމް ލޯ އާ އެކު ބައްދަލު ކުރަން އަހަރެން ވާނީ އެދިފަ، އަހަރެން ގަބޫލު ކުރާ ގޮތުގައި ކޮންމެ ކޯޗަކަސް އަބަދުވެސް ފުޓްބޯޅައިގެ އާ މާއުލޫމާތު އުނގެނެން ޖެހޭނެ ފުޓްބޯޅައިގެ އަބަދުވެސް ޖެހޭނީ އާ ކަންކަން އުނގެނި ދަސް ކުރަން، ފުޓްބޯޅައިގެ ދެމި ހުރެވޭނެ ގޮތަކީ އެއީ."