ގައުމީ ޓީމު ނަތީޖާ ގޯސްވާ ކޮންމެ ފަހަރަކު ހުރިހާ ކަމެއް އަންނަނީ ކޯޗް ބޮލަށެވެ. އެންމެންގެ ފާޑު ކިޔުމާއި ތުހުމަތުތައްވެސް ކޯޗްގެ ބޮލަށެވެ. ނަމަވެސް މިކަމަކީ ކޯޗް ބޮލަށް އެކަނި ކަނޑާލެވެން އޮތް ކަމެއް ނޫނެވެ.
ކޯޗް ރާއްޖެ އަންނަނީ އެފްއޭއެމުން ހުށަހަޅާ ކޮންޓްރެކްޓެއްގެ މައްޗަށް ބިނާ ކޮށެވެ. ބައެއް ފަހަރު ކޯޗު ހުށަހަޅާ އިތުރު ކަންކަން ކޮންޓްރެކްޓްގައި ހިމަނައިގެން އެކަންކަން ފުރިހަމަ ކޮށްދޭން އެފްއޭއެމުން އެއްބަސް ވެއެވެ. ނަމަވެސް އާހިރުގައި ގޯސް ވަނީ ކޯޗެވެ. ނަތީޖާ ގޯސް ވަނީ ކޯޗާ ހެދި ހެން ހީވެ އެވެ.
މިހާރުގެ ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓްގެ އެއްބަސްވުން ފެބްރުއަރީގައި ހަމަވުމުން އޭނާ އާއެކު އިތުރަށް ކުރިއަށް ނުދާން އެފްއޭއެމުން ވަނީ ނިންމާފަ އެވެ. މިދިޔަ ދެތިން އަހަރު ތެރޭ، ރާއްޖޭގެ ނިސްބަތުން ގިނަ އަދަދަކަށް ކޯޗްގެ މޫނު ބަދަލު ވެއްޖެ އެވެ. ނަމަވެސް ދިވެހިން ބޭނުންވާ ނަތީޖާއެއް ނުނެރެވެއެވެ. ހަމަ ކޮންމެ ފަހަރަކު މިހެންވާތީ މިވާގޮތް ބެލުމެއްވެސް ނެތެވެ. ނަތީޖާ ގޯސް ވެގެން އޭގެ ސަބަބު ހޯދައި އެކަން ރިވިއު ނުކުރެ އެވެ.
މޯލްޑްވިސް ފުޓްބޯލް އަށް ދިން އިންޓަވިއުގައި ސްޓެވާޓް ބުނެފައި ވަނީ، ޓީމުގެ ނަތީޖާތައް ރަނގަޅު ކުރަން އޭނާ ގިނަ ކަންކަމެއް އެފްއޭއެމް އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެއިއެއްވެސް ކަމެއް ފުރިހަމަ ކޮށްދީފައި ނުވާ ކަމަށެވެ.
"އޭޝިއަން ކަޕް ކޮލިފައިންގައި ނަތީޖާތައް ރަނގަޅު ކުރުމަށް އަހަރެމެން ގިނަ ކަންކަމެއް ހުށަހެޅިން، ނަމަވެސް މިހާތަނަށް އެއިން އެއްވެސް ކަމެއް ވަފައެއް ނެތް." އިންޓަވިއުގައި ކޯޗް ބުންޏެވެ.
ނަތީޖާ ގޯސްވާ ކޮންމެ ފަހަރަކު ކޯޗް ވަކި ކުރުން ނުވަތަ ކޯޗް ދޫކޮށްލުން އެއީ ހައްލެއްތޯ އަވަސް އިން ސުވާލު ކުރުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވިދާޅުވީ ބަދަލު ވާން ޖެހޭނީ ހަމައެކަނި ކޯޗް ނޫން ކަމަށާއި ގައުމީ ޓީމަށް ބޮޑެތި ބަދަލު ތަކެއް އަންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މި ގަބޫލު ކުރަނީ ކޮންމެ ފަހަރަކު ބަލިވާއިރު ކޯޗެއް ނޫނޭ ބަދަލު ވާން ޖެހޭނީ، ނަމަވެސް މިކަންކަން ދިޔަގޮތާއި ހުރިހާކަމެއް ބަލާފައި އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން ރާއްޖޭގައި މި ކުޅޭ ފުޓްބޯޅައިގެ ވައްޓާފާޅީގެ ކޯޗަކާ އެކީގައި ޓެކްނިކަލް ޓީމު ބަދަލު ވެގެން އައިސް ނެޝަނަލް ޓީމު ބަދަލުވާން،" ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ޓެކްނިކަލީ ބޭފުޅުންނާ މަޝްވަރާ ކުރިން އަލުގަނޑުމެން ބެލީ މިހާރުގެ ކޯޗާއެކު ކާމިޔާބު ހޯދައި ދެވިދާނެތޯ ވަރަށް ބައިވަރު މެޗުތަކެއް ލިބިގެން މިދިޔައީ، އަޅުގަނޑުމެންނަށް މި ފެނިގެން މިދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ރިޒަލްޓް ދަށް ވެގެންދާތަން އެހެންވީމަ ބަދަލެއް އެބަ އަންނަން ޖެހޭ،"
"އަޅުގަނޑު މިހާރު ގަބޫލު ކުރަން ބަދަލެއް އަންނަން ޖެހޭ ކަމާއި އަޅުގަނޑުމެން މިކުޅޭ ސްޓައިލްގެ ކޯޗަކު ހުންނަން ޖެހޭ ކަމަށް މިސާލަކަށް ސްޕެއިން ނުވަތަ ޕޯޗްގަލް ނުވަތަ ނެދަލޭންޑްސް ކަހަލަ ގައުމެއްގެ ތިރިން ޕާސްކޮށްގެން ކުޅޭ ކަހަލަ ކޯޗެއް އައުން ވަރަށް މުހިންމު."
ބައްސާމް ވިދާޅުވީ ތިރިން ޕާސްކޮށްގެން ކުޅޭ ކޯޗެއް ރާއްޖެ އަށް މުހިންމު ވަނީ ދިވެހި ކުޅުންތެރިންނަަކީ ފިޒިކަލީ ބިޔަ ބޮޑެތި ބަޔަކަށް ނުވިޔަސް ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށް ވުމުން ދިވެހި ކުޅުންތެރިންާ އެންމެ ގުޅޭނީވެސް ތިރިން ޕާސްކޮށްގެން ކުޅޭ ގޭމަކަށް ވާތީ ކަމަށެވެ. އަދި ސްޕެއިންގެ ކުޅުންތެރިންވެސް ކާމިޔާބު ހޯދަނީ ފިޒިކަލް ގޭމަކަށް ވުރެ ބޮޑަށް ތިރިން ޕާސްކޮށްގެން ކުޅޭ ގޭމް ސްޓައިލެއްގައި ކުޅޭތީ ކަން ބައްސާމް ފާހަގަ ކުރި އެވެ.
އޭނާ ވިދާޅުވީ، ފުޓްބޯޅައިގައި އިންސްޓެންޓް ކާމިޔާބެއް ހޯދަން އޭނާ ބޭނުން ނުވާ ކަމަށެވެ. އޭނާ ބޭނުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ހޯދޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ބޭނުން ވަނީ ފުޓްބޯޅައިގެ އާ ޖީލެއް އުފައްދަން އިމީޑިއޭޓް ސަކްސަސް ހޯދާކަށް އަޅުގަނޑުގެ ވިސްނުމުގައި ނެތް، އަޅުގަނޑުމެން ބޭނުން ވަނީ ވަގުތު ނަގައިގެން ތީމުތަކެއް ބިނާ ކުރަން، ފުޓްބޯޅައިގެ މިހާރު ތަޖުރިބާ މި ކުރާ ދުވަސް ވަރު އަލުން ތަޖުރިބާ ނުކުރާނެ ގޮތަށް މަސައްކަތް ކުރަން." ބައްސާމް ވިދާޅުވި އެވެ.
އޭނާ ބުނީ ޖޫނިއާ ޓީމުތައް ބަލިވިޔަސް މުބާރާތްތަކުގައި ވާދަ ކޮށް ޓީމުގެ ފެންވަރު ވަޒަން ކުރަން ޖެހޭ ކަމަށެވެ. ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް ދެން ކުރަން ޖެހޭނެ ކަމަކީ ކޮބައިކަންވެސް އެނގިގެން ދާނީ ޓީމު މުބާރާތްކުގައި ވާދަ ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ މީއީ އުނދަގޫ މަސައްކަތެއް ކަން، އަދި ވަރަށް ބޮޑަށް ކެތްތެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމެއް މިއީ، ކުރިން މި މަސައްކަތް ކުރެވިފައި އޮތްނަމަ މިއަދު މިހެން ނުވާނެ އެހެންވެ އަޅުގަނޑުމެން ބޭނުން ވަނީ ޒުވާން ޓީމުތައް މި ތަޖުރިބާތައް ކުރަން ބަލި ވުމަކީ މައްސަލައެއް ނޫން، ދެން އަޅުގަނޑުމެން ޖެހޭނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަ މަސައްކަތް ކޮށްގެން ގޮތްތަކެއް ހޯދަން."