ކުޅިވަރު

ޓާގެޓް ހާސިލު ނުވެ މާޅޮސް ލީގް ނިންމާލައިފި

Nov 25, 2017

ދ. ކުޑަހުވަދޫ އަތުން 3-3 އެއްވަރުވެ ދިވެހި ޕްރިމިއާ ލީގަށް އއ. މާޅޮސް އިން ކަނޑައެޅި ޓާގެޓް ހާސިލު ނުވެ އެ ޓީމުން ލީގް ނިންމާލައިފި އެވެ.

ލީގްގައި، މާޅޮސްއިން ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ މަދުވެގެން 10 ޕޮއިންޓް ހޯދުމެވެ. ޓާގެޓާ ވަރަށް ގާތަށް އެ ޓީމު ދަތުރު ކުރި އެވެ. އެ ޓީމަށް ހޯދުނީ ނުވަ ޕޮއިންޓެވެ. ނަމަވެސް، މާޅޮސް އަކީ ލީގްގައި ހައިރާން ކުރުވަނިވި ނަތީޖާތައް ނެރުނު ޓީމެކެވެ. މަތީ ފަންތީގެ ފުޓްބޯޅައިގެ ކޯޗު ކަމަށް މުޅިން އާ ނަމަވެސް، މާޅޮސްގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ވަނީ ރަނގަޅު މާކުހެއް ހޯދާފަ އެވެ. ނިސްބަތުން ރަނގަޅު ސްކޮޑެއް އޮތް ގްރީން ސްޓްރީޓްވެސް އޭނާ ވަނީ ބަލި ކޮށްފަ އެވެ.

"ޓާގެޓަކީ ދިހަ ޕޮއިންޓްސް ނަމަވެސް އަޅުގަނޑަށް ހީވަނީ އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ރަނގަޅަށް މަސައްކަތް ކުރިހެން،" މެޗަށް ފަހު ވާހަކަ ދައްކަމުން ނިޝްތާރު ބުންޏެވެ. "އެންމެ ހިތްހަމައެއް ނުޖެހޭ އަޅުގަނޑުމެންނަށް މިއަދު ހެދުނު މިސްޓޭކް ތަކަކުން ގޯލްތަކެއް ވަނީ ފަހުން ފައިޓް ކޮށްގެން ފަހަތުން އަރާ ހަމަހަމަ ކުރެވުނީމަ (މެޗުން) އެއް ޕޮއިންޓްވެސް ލިބުނީމަ ދެން ރަނގަޅު."

މިއަދުގެ މެޗުގައި ފުރަތަމަ ލީޑް ނެގީވެސް މާޅޮސްއިންނެވެ. މެޗުގެ 12 ވަނަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ކެޕްޓަން އިބްރާހިމް ނާއިފް އެވެ. މެޗުގައި ކުޑަހުވަދޫއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 29 މިނެޓްގައި އަބްދުލް ހާލިގް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން، މާޅޮސްއިން އަނެއްކާވެސް ލީޑް ނެގި އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ، ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އަހްމަދު އާރިފް އެވެ.

މާޅޮސް އަށް ލީޑްގައި އޮވެވުނީ ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓާ ހަމަޔަށެވެ. ކުޑަހުވަދޫގެ ބިދޭސީ ކުޅުންތެރިޔާ ކްރިސްޓިއަން ޑްޑްޒީ ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭގެ ދެ މިނެޓްފަހުން ކުޑަހުވަދޫއިން ލީޑް ނެގި އެވެ. އެލަނޑު ކާމިޔަބު ކުރީ އާދަމް ޝަމީމް އެވެ.

މެޗުގެ 80 ވަނަ މިނެޓާ ހަމަޔަށް ކުޑަހުވަދޫ ލީޑްގައި ދެމެހެއްޓުމުން އެ ޓީމު ލީގް މޮޅަކުން ނިންމާލާނެ ކަމަށް ބެލެވުނެވެ. އެޓީމު ލީގްގައި އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ. މެޗުގެ 81 ވަނަ މިނެޓްގައި އެ ޓީމުގެ ކުޅުންތެރިންނަށް ޕެނަލްޓީ އޭރިއާ ބޭރުން ފައުލު ކުރެވުމުން މާޅޮސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ދޮރު ހުޅުވިގެން ދިޔަ އެވެ. އެ ފައުލާ ގުޅިގެން ދިން ހިލޭ ޖެހުމުން އޭންހަލް މުނޯޒް ވަނީ ލަނޑު ކަމިޔާބު ކޮށް މާޅޮސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.