ކުޅިވަރު

ސައްޓުގެ ހެޓްރިކާއެކު މިލަންދޫއިން ތިނަދޫ ބަލިކޮށްފި

Nov 26, 2017
1

ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އާއި ގދ. ތިނަދޫ ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން މިލަންދޫއިން ކާމިޔާބުކޮށްފި އެވެ.

މިމެޗު މިލަންދޫއިން ކާމިޔާބުކުރުމާއެކު އެޓީމަށް 14 މެޗުން ލިބުނު 14 ޕޮއިންޓާއެކު ލީގު ނިންމާލީ ތާވަލުގެ ހަވަނަ މަގާމުގަ އެވެ. މިރޭގެ މެޗުން ބަލިވުމާއެކު ތިނަދޫއަށް އަދިވެސް ހަތަރުވަނަ މަގާމު ޔަގީނެއް ނުވެ އެވެ. ތިނަދޫ ޓީމަށް 14 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ފަސް ވަނަ މަގާމުގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އެޓީމު މާދަމާ ޓީސީ އާއި ވާދަކުރާ މެޗު ކާމިޔާބުކޮށްފިނަމަ ގްރީންއަށް ގަދަ ހަތަރަކުން ފުރުސަތު ލިބޭނެ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މިލަންދޫއިންނެވެ. ތިންވަނަ މިނެޓުގައި މިލަނޑު ޖެހީ ސައްޓު އެވެ.

މިލަންދޫއިން ލީޑު ނެގި ނަމަވެސް ތިނަދޫން މެޗުގެ ހަތްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އަހުމަދު ރިޒްވާން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ސައްޓު ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި މިލަންދޫއަށް އަލުން ކުރި ހޯދަދީފަ އެވެ. އޭނާ މި ގޯލް ޖެހީ ތިނަދޫގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ އެވެ.

ހާފު ނިމުމުގެ ކުރިން ތިނަދޫން އަލުން އެއްވަރުކުރި އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ 27 ވަނަ މިނެޓުގައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތިނަދޫއަށް އެއްވަރުކޮށްދިނީ އިވާން ރޮޑްރިގޭޒެވެ.

މިލަންދޫ މެޗުން މޮޅުކޮށްދިން ލަނޑު ސައްޓު ޖެހީ މެޗުގެ 59 ވަނަ މިނިޓުގަ އެވެ.

މިލަންދޫއިން ލީޑު ނެގުމާއެކު ތިނަދޫއިން ޓީމު ކުރިއަށް ޖައްސައިގެން ވަރަށް ރަނގަޅަށް ކުޅެ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ލިބުނު ރަނުގެ ފުރުސަތުތަކެއް ނަގާލި އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނީ ތިނަދޫއަށް ގަދަ ހަތަރެއްގެ ޖާގަ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ފުޓްބޯޅައިގައި ކަންތައްތައް ދާގޮތަށް ބަލާއިރު ތިނަދޫ ޓީމަށް ފުރުސަތު ލިބޭނެ ކަމަށެވެ. ސުޒޭން ވަނީ މިލަންދޫ ޓީމާއި ކޯޗު ނާސިރު އަދި ކީޕަރު އިމްރާނަށް ތައުރީފްކޮށްފަ އެވެ.

މިލަންދޫގެ ކޯޗު ނާސިރު ބުނީ ލީގު ނިންމާލަން ބޭނުންވީ ތިން ޕޮއިންޓާ އެކުކަމަށާއި ޓާގެޓް ހާސިލްވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.