ކުޅިވަރު

ދިވެހި ޕްރިމިއާ ލީގް ރަނގަޅުތަ؟

Nov 26, 2017
1

މިއަދަކީ މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ އެންމެ ފަހު ދުވަހެވެ. އިތުރަށް އެއް މެޗު އޮއްވައި، ލީގް ކާމިޔާބު ކުރީ ނިއުރޭޑިއަންޓެވެ. މިއަހަރުގެ ދިވެހި ޕްރިމިއާ ލީގަކީ، ލީގަށް ބޮޑު ބަދަލެއް ގެނެސްގެން ބޭއްވި ލީގެކެވެ.

މިނިވަން ޗެމްޕިއަންޝިޕް ނުވަތަ އަތޮޅުތެރޭގެ ހަތަރު ޓީމު ލީގްގައި ވާދަ ކޮށްގެން ބޭއްވި ފުރަތަމަ ލީގެވެ. މީގެ ކުރިންވެސް އަތޮޅުތެރޭގެ ޓީމުތަކަށް ލީގްގައި ބައިވެރި ކޮށްފައި އެބަހުއްޓެވެ. ކުރިން ބާއްވަމުން އައި ޒޯން ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދާ ދެ ޓީމަށް ލީގު ފުރުސަތު ދިނެވެ. ދިވެހި ލީގުން އަލުން އަތޮޅުތެރޭގެ ޓީމުތަކަށް ފުރުސަތު މި ދިނީ ގަތްގަނޑަކަށް ނުވަ ވަރަކަށް އަހަރު ފަހުންނެވެ.

ލީގްގެ ނަމުގެ ކުރިއަށް "ޕްރިމިއާ" އިތުރު ކޮށްގެން ލީގް ބާއްވާތާ މިއީ ތިން ވަނަ އަހަރެވެ. މިތިން އަަހަރުގެ ތަޖުރިބާއަށް ބަލައި ލީގް ޕްރީމިއަމްތޯ އެހުމަކީ ހަމަ ކޮށްލަން ރަނގަޅު ސުވާލެކެވެ.

ލީގް ހުޅުވަން ފްރާންސްގެ ވޯލްޑް ކަޕް ތަރި މާސެލް ޑެސައިލީ ގެނެސް ކުލަގަދަ ހަރަކާތެއް ބޭއްވިއެވެ. މިއީ ދިވެހި ލީގް ހުޅުވުމުގެ ރަސްމިއްޔާތު މިހާ ކުލަގަދަކޮށް ބޭއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މި އަހަރު ލީގްގެ ވާދަ ވެރިކަން ކުޑަ އެވެ. މިދިޔަ ދެ އަހަރު ލީގްގެ ހުރީހާ ޓީމެއްގެ މެދުގައި ވެސް ވާދަވެރިކަން އޮތެވެ. ގަދަ ހަތަރަކުން ފުރުސަތު ނުލިބުނަސް ރެލީގޭޝަން ޒޯނަށް ނުވަނުމަށްވެސް ޓީމުތަކުގެ މެދުގައި ވާދަވެރިކަން އޮތެވެ.

މިއަހަރު ވާދަވެރިކަން އޮތީ ގަދަ ހަތަރު ޓީމު ނުވަތަ ތިން ޓީމުގެ މެދުގައެވެ. މާޒިޔާގެ ކުރީގެ ކޯޗް މަރުޖަން ސެކްލޮސްކީ ފާހަގަ ކުރާ ގޮތުގައި، ދިވެހި ޕްރިމިއާ ލީގަށްވުރެ، މާލޭ ލީގްގައި މާ ވާދަވެރިކަން އޮތެވެ.

"މިހާރު މި ލީގް [ދިވެހި ޕްރިމިއާ ލީގް] ގައި ބައެއް ޓީމުތައް ކުޅެނީ އެއްވެސް ޕްރެޝަރެއް ނެތި، ކިތަންމެ ބޮޑުތަފާތަކުން އެ ޓީމު ބަލިވިޔަސް އަދި ތާވަލުގެ އެންމެ ފުލަށް ދިޔަސް އެ ޓީމުތަކަށް އެނގޭ އެމީހުންނަށް ގެއްލޭނެ އެއްޗެއް ނެތްކަން." ސްކްލޮސްކީ ބުނެފައި ވެއެވެ.

ރެފްރީންގެ މައްސަލަ

މިއަހަރުގެ ލީގަކީ ރެފްރީންގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވި ލީގެވެ. ރޭފްރީގެ ނިންމުމާމެދު ހިތްހަމަނުޖެހި ދެ ޓީމަކުން މެޗު ކުރިއަށް ގެންދަން ބޭނުން ނުވުމުން ދެ މެޗެއް ފުރިހަމަނުކޮށް ހުއްޓާވެސް ލާފައި ވެއެވެ. ގްރީން ސްޓްރީޓް ކުޅެން ބޭނުން ނުވުމުން ހުއްޓާލި މެޗުގެ ދެ ވަނަ ހާފުގައި ނިކުތް ރެފްރީ އަށް އެފްއޭމުން ސަސްޕެންޝަންގެ ފިޔަވަޅު އެޅި އެވެ. ދިވެހި ރެފްރީން އެއް ދުވަސްވަރެއްގައި މެޗުތަކަށް ނިކުމެއްޖެނަމަ އަނެއް ދުވަސްވަރެއްގައި ބިދޭސީ ރެފްރިން ނެވެ.

ބިދޭސީ އެއް ރެފްރީ، ޖެހިޖެހިގެން ހަތަރު މެޗުގައި ވެސް ދަނޑަށް ނިކުމެފައި އެބަހުއްޓެވެ. އަވަށްޓެރި ބައެއް ގައުމުތަކުން ގެނައި ރެފްރީންނަކީ އެ ގައުމުތަކުގެ ދަށް ލެވަލްގެ މުބާރާތްކުގައި ރެފްރީކަން ކުރާ ފަރާތްތަކެވެ. އެކަމާ ބެހޭގޮތުންވެސް ސެކްލޮސްކީގެ ހިޔާލެއް އެބައޮތެވެ. ރާއްޖޭގެ އެންމެ މަތީފަންތީގެ ބޮޑު ލީގްގައި، ރެފްރީކަން ކުރާނީ ކޮން ލެވަލެއްގެ ރެފްރީންކަން މާ ކުރިން ލިޔެވިފައި އޮންނަން ޖެހެ އެވެ.

"ކަލޭމެންނަށް އެނގޭނެ މި ގެންނަ ރެފްރީންނަކީ ފީފާ ނުވަތަ އޭއެފްސީ ލައިސެންސް އޮތް ބައެއް ނޫންކަން، އަދި އެނގޭނެ އެމީހުންގެ ރެފްރިންގެ ފެންވަރާއި އެމީހުންގެ ރެފްރީންގެ ރެފަރެންސްވެސް " ބިދޭސީ ރެފްރީންނާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސެކްލޮސްކީ ބުނެފައި ވެއެވެ. "ޝްރީ ލަންކާ ނުވަތަ އިންޑިއާ މި ގެންނަ ރެފްރީން ކީއް މިކުރަނީ ނުވަދިހަ މިނެޓް ވަންދެން [ކަށި ގަނޑު ފުމެފަ] މުސާރަ ނާގައިގެން އެނބުރި ގައުމަށް ދަނީ، ކޮބާ އެ ރެފްރީންގެ ޒިންމާ އަކީ."

"އެއް މެޗެއްގައި ރާއްޖޭގެ ފީފާ ބެޖް އޮތް ރެފްރީން ނެރެފައި އަނެއް މެޗެއްގައި އިންޑިއާގެ ލެވަލް ފަހެއްގެ ރެފްރީއެއް ނެރެފާނެ، މިއީ ރާއްޖޭގެ ޕްރިމިއާ ލީގެއްގައި އޮންނަންވާނެ ގޮތެއް ނޫން، ޕްރިމިއާ ލީގްގެ ގަވައިދުގެ ތެރޭގައި އޮންނަން ޖެހޭނެ ކޮން ލެވަލްގެ ރެފްރީންނެއްކަން ލީގްގެ މެޗުތަކުގައި ރެފްރީންކަން ކުރާނީ އަބަދުވެސް އެ ލެވަލްގެ ރެފްރީންނަށް ފުރުސަތު ދޭން ޖެހޭނީ ނަމަވެސް އެކަން ހިނގަނީ އެހެނެއް ނުން."

ލީގްގައި ރަސްމީ ހައިސިއްޔަތު ނެތް ޓީމު ތައް

އަތޮޅު ތެރޭގެ ޓީމުތަކަށް ލީގުން ފުރުސަތު ދިނުމަކީ ރަނގަޅު ބަދަލެކެވެ. ނަމަވެސް މައްސަލައަކީ ރަސްމީ އެއްވެސް ހައިސިއްޔަތެއް މި ޓީމުތަކުގައި ނެތުމެވެ. ހޯމް މިނިސްޓްރީގައި ނުވަތަ ކޮމިޝަނާ އޮފް ސްޕޯޓްސްގައި އެއިން އެއްވެސް ޓީމެއް ރަޖިސްޓްރީ ކޮށްފައެއް ނެތެވެ. އަމުދުން އެފްއޭއެމްގައިވެސް އެއިން ޓީމެއްގެ ރަޖިސްޓްރީއެއް ނެތެވެ.

މިސާލަކަށް، ގަދ. ތިނަދޫއިން ލީގް ޗެމްޕިއަންކަން ނުހޯދާނެ ކަމަކަށް ބުނެވޭކަށް ނެތެވެ. ފުޓްބޯޅައިގައި ހަމަހަމަ ކޮންމެ ކަމެއްވެސް ވެދާނެ އެވެ. ނަމަވެސް ތިނަދޫ ލީގް ޗެމްޕިއަންކަން ހޯދި ނަމަވެސް އެ ޓީމަށް އޭއެފްސީ ކަޕްގައި ވާދަ ކުރެވޭނެ ގޮތެއް އޮތްތޯ ސުވާލު އުފެދެއެވެ.

އަވަސް އަށް ދިން އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލްއާ މި ސުވާލުކުރުމުން އޭނާ ވިދާޅުވީ އަންނަ އަހަރު ލީގްގައި ވާދަ ކުރާ ޓީމުތަކަށް ރަޖިސްޓްރޭޝަން މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހޭގޮތަށް ބަދަލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއަހަރު އަތޮޅު ތެރޭގެ ޓީމެއް ލިގް ނެގި ނަމަވެސް އެ ޓީމަށް އޭއެފްސީ ކަޕަށް ފޮނުވަން ހައިސިއްޔަތު ހޯދައި ދެވޭނެ ގޮތެއް ހޯދޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. ނަމަވެސް މިއަހަރު އެކަމަށް އެފްއޭއެމުން ތައްޔާރު ވެފައި ނެތުމަކީ ލީގްގެ ކޮލިޓީ ހަމަ ޕްރީމިއަމްތޯ ސުވަލު ކޮށްލަން ޖެހޭ ސަބަބެކެވެ.

ޕްރޮފިޝަނަލް ކުޅުންތެރިންނާއި ހަރުދަނާ ކުލަބު ސިސްޓަމެއް

ލީގްގެ ކޮލިޓީ ރަނގަޅު ކުރުމަށް އެފްއޭއެމުން ކިތަންމެ ބަދަލެއްވެސް ގެނެވިދާނެ އެވެ. ނަމަވެސް ކުޅުންތެރިންނާއި ކުލަބުތައް ޕްރޮފިޝަނަލް ގޮތެއްގައި މަސައްކަތް ކޮށްގެން ނުނީ ލީގް "ޕްރީމިއަމް" ޕްރޮޑަކްތަކަށް ނުހެދޭނެ އެވެ.

ރާއްޖޭގެ ކުޅުންތެރިންނަކީ ސެމީ ޕްރޮފިޝަނަލް ކުޅުންތެރިންނެވެ. މާނައަކީ ކުޅުންތެރިންގެ ދެ ވަނަ ވަޒީފާއެއްގެ ގޮތުގައި އޮތީ ފުޓްބޯޅައެވެ. ފުޓްބޯޅަ އަށް ހުސްވެގެން ތިބީ މަދު ކުޅުންތެރިންތަކެކެވެ. އެކަން އެހެންވާން ޖެހޭނީވެސް ހަރުދަނާ ކުލަބު ސިސްޓަމެއް ނެތުމުންނެވެ. ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް އޮތް ތަނެއްގައި ޕްރޮފިޝަނަލް ކުޅުންތެރިން އުފެއްދޭނެ ގޮތެއް ނޯންނާނެ އެވެ.

މިއަހަރު ލީގްގެ ވަކި ހިސާބަކުން ގްރީން ސްޓްރީޓްގެ ކުޅުންތެރިންނަށް މުސާރަ ނުދެވި، އެ ޓީމަށްވެސް މައްސލަ ކުރިމަތިވި އެވެ. ކުލަބުތައް ހަރުދަނާކޮށް ހިންގައިގެން ނުނީ މިހިރަ މިހިރަ ކަންކަކަމަށް ހައްލެއް ނެތެވެ. ލީގް ޕްރީމިއަމް ކޮލިޓީގެ ޕްރޮޑަކްޓަކަށް ހެދޭނީ ހަރުދަނާ ކުލަބު ސިސްޓަމެއްވެސް އޮވެގެންނެވެ.