ކުޅިވަރު

ގްރީން ބަލިކޮށް ޓީސީ ލީގުގެ ދެވަނަ މަގާމު ހޯދައިފި

Nov 26, 2017

ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ކްލަބް ގްރީން ސްޓްރީޓްސް 1-4 ބަލިކޮށް ޓީސީ ލީގުގެ ދެވަނަ މަގާމު ކަށަވަރުކޮށްފި އެވެ.

މިއަދުގެ މެޗުން ޓީސީ ބަލިވިނަމަ މާޒިޔާއަށް ލީގުގެ ދެވަނަ މަގާމު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. ގްރީން ސްޓްރީޓްސް މެޗުން މޮޅުވިނަމަ އެޓީމަށް ހަތަރު ވަނަ މަގާމު ލިބި ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބެން އޮތެވެ. ނަމަވެސް ގްރީން ބަލިވުމުން ތިނަދޫއަށް ހަތަރުވަނަ މަގާމު ކަށަވަރުވީ އެވެ.

ލީގު ތާވަލުގެ ދެވަނަ މަގާމުގައި ޓީސީ ލީގު ނިންމާލީ 14 މެޗުން ލިބުނު 32 ޕޮއިންޓާއެކު އެވެ. ތިން ވަނަ މަގާމުގައި މާޒިޔާ އޮތީ 13 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. ހަތަރުވަނަ ތިނަދޫއަށް ލިބުނީ 18 ޕޮއިންޓާއެކު އެވެ. ފަސް ވަނަ މަގާމުގައި ގްރީން އޮތީ 16 ޕޮއިންޓާއެކު އެވެ.

މެޗަށް ޓީސީ ނިކުމެފައިވަނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މިސްރުގެ މިޑްފިލްޑަރު ހަލީލް އަދި ފައްރާހު ސަސްޕެންޝަނުން އެންބުރި އައިސް ފުރަތަމަ އެގާރައިން ކުޅުނުއިރު ޒުވާން ކުޅުންތެރިންތަކަކަށްވެސް ކޯޗު ނިޒާމްބެ ވަނީ ފުރުސަތު ދީފަ އެވެ. އެގޮތުން ޒުވާން ކުޅުންތެރިޔާ ނަޝާހު އަހުމަދު ވަނީ މެޗުގައި ދެލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ގްރީން ސްޓްރީޓްސް ޓިމުންނެވެ. މިލަނޑު މެޗުގެ 13 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަހުމަދު ހަސަން އެވެ. އަރިމަތިން މުހުތާރު ނަސީރު ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި ހުސްކޮށްހުރެ އަހުމަދު ހަސަން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.

މެޗުގެ 31 ވަނަ މިނިޓްގައި ޓީސީއަށް އެއްވަރުކޮށްދިނީ ނަޝާހު އެވެ. އޭރިއާ ތެރެއިން ޓީސީގެ ސްޓްވާޓް ނަޝާހުއަށް ދިން ބޯޅަ އޭނާ ވަނީ ކީޕަރު ފައިރޫޒް އަތްދަށުން ގޯލުގެ ތެރެއަށް މަޑުމަޑުން ފޮނުވާލާފަ އެވެ.

މެޗުގެ 48 ވަނަ މިނިޓްގައި ޓީސީ އަށް ލީޑުނަގައިދިނީ ސްޓްވާޓް އެވެ. ފޭދޫ އިއްބެ ސްޓްވާޓްއަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޓީސީގެ ތިން ވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓްގައި ކާމިޔާބުކުރީ ނަޝާހު އެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލައިގެން ނަޝޫހު އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ.

ޓީސީގެ ހަތަރު ވަނަ ލަނޑު 68 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަޖުފާން އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިރޭ ލީގުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓު ބައްދަލުކުރާނީ މާޒިޔާ އާއި ދެކޮޅަށެވެ. މެޗު ފަށާނީ 21:00 ގައެވެ.