ކުޅިވަރު

މާޒިޔާ ބަލި ކުރުމަށްފަހު ނިއު ޝީލްޑް އުފުލާލައިފި

Nov 27, 2017

ލީގް ފަހު މެޗުގައި މާޒިޔާ 2-0 ން ބަލި ކުރުމަށްފަހު ނިއިރޭޑިއަންޓުން ދިވެހި ޕްރިމިއާ ލީގްގެ ޝިލްޑް އުފުލާއިފިއެވެ. މެޗަށް ނިކުތް އިރުވެސް، ނިއު ވަނީ ލީގް ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ.

ލީގް ޗެމްޕިއަން ކަށަވަރު ވެފައި އޮތުމުން، ނިއުގެ ކޯޗް އޮސްކާ ބުރުޒޮން މެޗަށް ނިކުތީ މުހިންމު ބައެއް ކުޅުންތެރިން ފުރަތަމަ 11 ގައި ނުހިމަނައެވެ. ނިއު މޮޅުވި ނަމަވެސް ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

މިއީ މިދިޔަ ދެ އަހަރު ތެރޭ، މާޒިޔާ އަތުން ނިއު މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ނިއު އިން މާޒިޔާގެ މައްޗަށް އެންމެ ފަހުން މޮޅުވެވިފައި ވަނީ 2015 ވަނަ އަހަރު ނޮވެމްބަރު 28 ގައި ކުޅުނު މެޗުގަ އެވެ.

ނިއުގެ ދެ ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 53 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯ އެވެ.

ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނު އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިއަހަރުގެ ލީގަކީ އަޝްފާގް ކަރުގައި އަޅުވާލި ލީގްގެ 12 ވަނަ މެޑަލް އެވެ. ލީގްގެ ފުރަތަމަ މެޑަލް އަޝްފާގް ކަރުގައި އަޅުވާލީ 2001 ވަނަ އަހަރު އޭނާގެ ބޯއީހުޑް ޓީމު، ކުލަބު ވެލެންސިއާއިންނެވެ.

މިއީ ނިއު އިން ލީގް ޗެމްޕިއަން ޝީލްޑް އުފުލާލި ހަ ވަނަ ފަހަރެވެ. އެ ޓީމަކީ ލީގްގެ އެންމެ ކާމިޔާބު ޓީމެވެ. ލީގް އެންމެ ގިނައިން ކާމިޔާބު ކުރުމުގެ އިތުރަށް ލީގްގައި އެންމެ ރަނގަޅު ރެކޯޑްތައް ވެސް އޮތީ ނިއު އަތުގަ އެވެ. އެގޮތުން 2012 ވަނަ އަހަރު ދިވެހި ލީގް ޗެމްޕިއަންކަން ނިއު ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ.. ދެހާސް ތޭރަ ވަނަ އަހަރު ވެސް އެ ރެކޯޑް ތަކުރާރު ކުރި އެވެ. އަދި އެ އަހަރުގެ ސީޒަންގައި ޑޮމެސްޓިކް ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް އެ ޓީމުން ކާމިޔާބު ކުރި އެވެ. ދެހާސް ބާރައިން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު ލީގް ކާމިޔާބު ކުރި އެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ ކުލަބު ވެލެންސިއާ އަތުގައެވެ. ވެލެންސިއާ ވަނީ 2001 ން 2004 ވަނަ އަހަރާ ހަމަޔަށް ޖެހިޖެހިގެން ހަތަރު އަހަރު ލީގް ކާމިޔާބު ކޮށްފަ އެވެ.

މިއަހަރު ލީގްގައި ވެސް ނިއު ބަލިވީ އެންމެ މެޗަކުން ނެވެ. އެއީ ފުރަތަމަ ބުރުގައި މާޒިޔާ އާ ދެކޮޅަށް 2-0 ން ނެވެ. ނިއު ލީގް ނިންމާލީ 39 ޕޮއިންޓް ހޯދައިގެން ނެވެ. އެ ޓީމުން 44 ލަނޑު ޖެހިއިރު ބައިކޮޅަށް ވަނީ ނުވަ ލަނޑެވެ.