ކުޅިވަރު

ސޮބާ ގްރީން ސްޓްރީޓާ ދުރަށް

Nov 27, 2017
1

މިދިޔަ ސީޒަންގައި ގްރީން ސްޓްރީޓާ ހަވާލުވި ސޮބާހް މުހައްމަދު އެ ޓީމުގެ ކޯޗް ކަމުން ދުރައް ހިނގައްޖެ އެވެ.

ސޮބާ ގްރީން ސްޓްރީޓާ ހަވާލުވީ، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން މުބާރާތަށެވެ. އެ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރުމަށްފަހު އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނެވެ. ގްރީން އާއެކު ސޮބާގެ ފުރަތަމަ ޓޮޕް ފްލައިޓް މުބާރާތަކަށްވީ މާލޭ ލީގެވެ. މާލޭ ލީގް ގްރީންއިން ނިންމާލީ ޗެމްޕިއަން މާޒިޔާ އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްގެން ނެވެ. މާޒިޔާއަށް ލީގް ލިބުނީ ލަނޑުގެ ތަފަތުން ކުރި ލިބުމުން ނެވެ.

މާލޭ ލީގުން ފެނުނު ރޫހެއް ދިވެހި ޕްރިމިއާ ލީގްގައި އެ ޓީމުން ނުފެނުނެވެ. ހާއްސަކޮށް ލީގްގެ ފަހުބުރުގައި ބޮޑެތި މައްސަލަތަކެއް އެޓީމަށް ކުރިމަތި ވިއެވެ.

އިއްޔަ ހަވީރު ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ސޮބާ ވަނީ އޭނާ ކުލަބާ ދުރައްދާން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"ފަހަކަށް އައިސް މި ފަހު ތިން މެޗު ދެ މެޗަށް ދިޔައިރު ކިރިކިރިޔާ 10 މީހުން 12 މީހުން މި ހަމަވަނީ އަޅުގަނޑަށް ހީވަނީ ކާމިޔާބަކީ ދުރާލައި ކުރިއަށް ތައްޔާރުވެގެން މަސައްކަތްތަކެއް ކުރެވިގެން ލިބޭ އެއްޗެއް ކަންނޭންގެ،" އިއްޔަގެ މެޗަށް ފަހު ވާހަކަ ދައްކަމުން ސޮބާ ބުންޏެވެ.

"އަޅުގަނޑުމެން މިއަހަރު ސްޓާޓް ކުރިއިރު ރަނަގަޅަށް ހުރިހާ ކަމެއްވެސް ދިޔައީމ ޕްރިމިއާ ލީގް ވަކި ހިސާބަކުން ދިޔައީ މުޅިން ރަނގަޅަކަށް ނޫން، އަދި އަޅުގަނޑު މިކަން ކިތަންމެ ކުރަން ބޭނުންވިޔަސް މުޅި ޓީމުން 100 ޕަސަންޓް ކޮމިޓްމަންޓް އެ އެފަޓް ނާންނަކަމަށް ވަންޏާ އަޅުގަނޑަށް ނޫން އަދި އެހެން މީހަށްވެސް ވަރަށް އުނދަގޫ ވާނެ މިކަން ކުރަން."

ގްރީންގެ ފޯމު ދަށަށް ދިޔައީ މިހެންވެ

ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ސޮބާ ވަނީ ކުޅުންތެރިންނަށް މުސާރައިގެ މައްސަލަ އުޅޭތީ ކުޅުންތެރިންގެ ފަރާތުން ނެރެން ބޭޏުންވާ ކޮމިޓްމެންޓް ނުނެރެވޭ ކަމަށް ބުނެފަ އެވެ.

ސޮބާ ރޭ ބުނީ ގްރީންއާ އެކު އިތުރަށް ކުރިއަށް ނުދާން އޭނާ ނިންމާފައިވާ ކަމަށާއި ކުލަބާއެކު އެވާހަކަ ދައްކަފައިވާނެ ކަމަށެވެ. ގްރީން ސްޓްރީޓްގެ މެނޭޖަރު އިލްޔާސް އުމަރު (އިއްލަ) ރޭ ބުނީ ސޮބާ އާއެކު އޮތް ކޮންޓްރެކްޓް އުވާލައިފި ކަމަށެވެ.