ހަބަރު

ހުޅުމާލޭގައި 15 ބުރީގެ ހަތަރު ޓަވަރު އަޅަން ކަސްޓަމުން އިއުލާންކޮށްފި

ދެވަނަ ފިޔަވަހީގައި ހުޅުމާލެއަށް އިތުރު ކުރި ބިމުގެ ސަރަހައްދުގައި 15 ބުރީގެ ހަތަރު އިމާރާތް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ކަސްޓަމްސްގެ ކޯޕަރޭޓިވް ސޮސައިޓީ (ސީސީއެސް) އިން މިއަދު އިއުލާނު ކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ކަސްޓަމްސް އިން މިއަދު ޖެހި އިއުލާނުގައި ބުނެފައި ވަނީ ހުޅުމާލޭގައި 15 ބުރީގެ ހަތަރު މިކްސްޑް ރެސިޑެންޝަލް ޓަވަރު އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަމުގެ ލިއުން ފޮނުވުމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ކަމަށްވާ ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އަޅާނެ އެވެ.

އެ މަޝްރޫއުގެ ދަށުން 15 ބުރީގެ ތިން ޓަވަރު އަޅަން އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ ބީލަމަށް ހުޅުވާލާފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެކުންފުނިން ކުރި އިއުލާނުގައި ބުނެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން 11،500 އަކަފޫޓުގެ ތިން ޓަވަރު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން 15 ބުރީގެ ދެ ޓަވަރު އަޅަން ސްޓެލްކޯއިން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 62 ޓަވަރު އަޅާ އިރު އޭގެ ތެރެއިން 25 ބުރީގެ 16 ޓަވަރު އެޅުމަށް މިހާރު ވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓުރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާ 6.6 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ.