ކުޅިވަރު

ގޮންޖެހުންތަކާއެކު ދިވެހި ފުރަތަމަ އަޔަން ކިޑަކަށް ހަނާން

Nov 28, 2017

ތައިލެންޑްގައި އޮންނަ އެންމެ ބޮޑު ޖަޒީރާ ރަށް ޕުކެޓްގެ ތަންޔަޕޫރާ ސްޕޯޓްސް ރިސޯޓުގެ އަޔަންކިޑްސް ރޭހުގައި ވާދަކޮށް، ރާއްޖޭގެ ފުރަތަމަ އަޔަން ކިޑްގެ ޝަރަފު ހަނާން ހުސައިން ހަލީމް ހޯދައިފި އެވެ.

ދިވެހި ފުރަތަމަ އަޔަން މޭން އަކީ ހަނާންގެ ބައްޕަ ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިން ބައިވެރިވި އަޔަން ކީޑްގެ ރޭހުގައި ހަނާން،8 ވާދަ ކޮށްފައި ވަނީ، ނުވަ އަހަރާއި 10 އަހަރާ ދެމެދުގެ އުމުރު ފުރާގަ އެވެ. ނަމަވެސް ހަނާން ތައްޔާރުވެގެން ދިޔައީ އަށް އަހަރާ ނުވަ އަހަރާ ދެމެދުގެ ކެޓަގަރީގައި ބައިވުމަށެވެ. އެހެންވެ އަޔަން ކިޑް ޓްއާ އަށް ފުރުމުގެ ކުރިން މާލޭގައި އެކަމަށް ކުރިއަށް ގެންދިޔަ ޓްރެއިނިން ސެޝަންތައްވެސް ކުރިއަށް ގެންދިޔައީ އަށް އަހަރާ ނުވަ އަހަރާ ދެމެދުގެ ކެޓަގަރީ އަށް ހާއްސަ ކޮށްގެންނެވެ.

އަށް އަހަރާ ނުވަ އަހަރާ ދެމެދު ކެޓަގަރީގައި ހިމެނެނީ 100މީޓަރު ފެތުމާއި، ތިން ކިލޯމީޓަރަށް ބައިސްކަލު ދުއްވުމާއި އަދި އެއް ކިލޯމީޓަރު ދުވުމުވެ.

ނަމަވެސް އިދާރީ ގޮތުން އެރި އޮޅުމަކުން، ހާނާން ވާދަ ކުރަން ޖެހުނީ އޭނާގެ އުމުރަށް ވުރެ މަތީ ކެޓަގަރިގައެވެ. އެހެންވިޔަސް ހަނާން ރޭހަށް ކުރިމަތި ލިއެވެ. ނުވަ އަހަރާ 10 އަހަރާ ދެމެދު އުމުރުފުރާގައި ރޭސް ޖަހަން ޖެހޭ ރާސްތާ ދިގެވެ. އެއީ 200 މީޓަރަށް ފެތުމާއި ހަ ކިލޯމީޓަރަށް ބައިސްކަލް ދުއްވުމާއި 1.5 ކިލޯމީޓަރަށް ދުވުމެވެ.

ހަނާންގެ ބައްޕަ، ކުޑަ ހުސެން ބުނީ، ފަތަމުން ދިޔައިރު، ހަނާންގެ ގޮގްލްސް އަށް ފެން އެޅި ކުޑަކޮށް ހާސްވި ކަމަށެވެ. އަދި ބައިސްކަލް ދުއްވަން ޖެހުނީވެސް އިންޖީނު އުޅަނދު ދުއްވަމުން ދިޔަ މައި މަގެއް ގައި ކަމަށެވެ. ބައިސްކަލް ރޭސް ނިމެން ކައިރިވެފައި ވަނިކޮށް ބައިސްކަލާއެކު ވެއްޓި ހަނާންގެ ކަކޫ ކުޑަކޮށް ޒަހަމްވި ކަމަށްވެސް ކުޑަ ހުސައިން ބުންޏެވެ. ނަމަވެސް ދުވުމުގެ މަރުހަލާގެ ފަހުކޮޅުގައި ވަރަށް ޖޯސާއެކު ދުވެ ހަނާން އަޔަންކިޑްގެ ރޭސް ނިންމާލި އެވެ.

ތައިލެންޑްގެ ޓްއާގައި، ކުޑަ ހުސެންވެސް ވަނީ ހާފް އަޔަން މޭން ރޭހުގައި ވާދަ ކޮށްފަ އެވެ. މިއީ ކުޑަ ހުސައިންގެ ފަސް ވަނަ "އަޔަން މޭން" ރޭހެވެ. އަޔަން މޭން ރޭހަކީ އުނދަގޫ ގޮންޖެހުން ބޮޑު ރޭހެކެވެ. ހުސައިން ވަނީ މި ރޭހުގައި 1.9 ކިލޯމީޓަރުގެ ސަރަހައްދެއްގައި ފެތާފަ އެވެ. އެއީ ޕޫލެއް ނުވަތަ އޮލިމްޕިކް ކެޓަގަރީގެ ފަތާ ފެންގަނޑެއް ނޫނެވެ. ރާޅުބާނިތަކާއި އޮއިވަރު ގަދަ ސަރަހައްދެކެވެ. ނަަމވެސް ނަސީބު ރަނގަޅު ކަމުން އެ ދުވަސްވީ ވިއްސާރަ ދުވަހަކަށެވެ. އެހެންވެ އެހާބޮޑަށް ރާޅުބާނީތަކެއް ނެތެވެ. ހުސައިން ވަނީ ފެތުން 47 މިނެޓާއި 45 ސިކުންތުން ނިންމާފަ އެވެ.

ބައިސްކަލުގައި 90 ކިލޯމީޓަރު ދުއްވި އެވެ. ބައިސްކަލް ދުވަން ލިބުނީ ތާރު އެޅި ނުވަތަ ހަރު މަގެއްގައް ނޫނެވެ. އުސް ހިސާބުތަކާއި އަޑިގުޑަން ހުރި ހިސާބެކެވެ. 21.1 ކިލޯމީޓަރުގެ ސަރަހައްދެއް ހުރަސްކޮށް ދުވަންޖެހުނު ސަރަހައްދަކީވެސް އޮލިމޕިކް ޓްރެކެއް ނޫނެވެ.

"ބައިސްކަލުގައި ދާންޖެހުނު ފުރަތަމަ 20ކިލޯމީޓަރަކީ ވަރަށް އުސް އަދި އަޑިގުޑަން ހިސާބެއް ރޭހުގެ ވަރަށްގިނަ ބައިވެރިންވެއްޓި އެކިވަރުވަރުގެ ޒަހަމްތައްލިބުނެވެ. މިރާސްތާ ހިލީކަމުން ބައިސްކަލު ދުއްވަން އުނދަގޫވެގެން ހިނގަމުން ދުވަމުން(ޖޮގްކުރަމުން) ކަހަލަގޮތަކަށް އުސްފަސްގަނޑުން މައްޗަށް އެރުމަށްފަހު ތިރިއަށް ފޭބީ ބައިސްކަލ ުހިފައިގެން ހިނގާފައި،" ކުޑަ ހުސައިން ބުންޏެވެ.

ބާކީ 70 ކިލޯމީޓަރު އޭނާ ވަނީ ބައިސްކަލުދުއްވާފައިގޮސް ފަސޭހަ ކަމާއެކު ނިންމާލާފަ އެވެ. އޭނާ އަށް ބައިސްކަލް ރޭސް ނިންމުނީ ތިން ގަޑިއިރާއި 29މިނިޓް އަދި 16ސިކުންތުނ ުނެވެ. ރޭހުގެ ފަހު މަރހަަލާ ކަމަށްވާ 21.1 ކިލޯމީޓަރު ދުވުން ދެ ގަޑިއިރާއި 7މިނިޓް އަދި 30ސިކުންތުގެތެރޭގައި ރޭސް ނިންމާލި އެވެ.

ހާފް އަޔަންމޭން ކެޓަގަރީގައި 125 ބައިވެރިން ވާދަ ކުރި އެވެ. އޭނާ ހާފް އަޔަން މޭންގެ މުޅި ރޭސް ނިންމީ ޖުމުލަ ހަ ގަޑިއިރާއި 31 މިނެޓާއި 28 ސިކުންތުންނެވެ. އޭނާ އެ ކެޓަގަރީގެ 85 ވަނަ އެވެ.

މިއީ ބަރު އަދި އުނދަގޫ ރޭހެއް ފުރިހަމަ ކުރި ދިވެހި ދެ ބަފައިންގެ ވާހަކަ އެވެ. ނަމަވެސް ހުސެން ބޭނުނުވަނީ ދިވެހި މުޖުތަމައު އާއި ޒުވާން ޖީލް އިންސްޕަޔާ ކޯށްދިނުމަށެވެ. ހަރަކާތްތެރި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދޭށެވެ. އޭނާ ދޭން ބޭޏުންވާ މެސެޖަކީ ކޮންމެ އުމުރެއްގެ މީހަކަށްވެސް މަސައަކަތް ކޮށްފިއްޔާ ހާސިލު ކުރެވޭނެ ކަމެވެ.