ކުޅިވަރު

އެފްއޭ ކަޕަށް ޗެމްޕިއަން ވެލެންސިއާ ހިމޭންވެފައި

ވެލްންސިއާގެ އުފެދުނު ގޮތާއި އެކުލަބު ތާރީހާ ބޭހޭގޮތުން، އެ ކުލަބުގެ އެއް މުއައްސިސް އަހްމަދު ސަލީމް (ބޮޑު) ހީނާ އަވަސް އަށް ދީފައިވާ އިންޓަވިއު އެއްގައި އޭނާ ބުނެފައި ވަނީ ވެލެންސިއާ އަކީ އޭރު އޮތް ބޮޑެތި އެހެން ކުލަބުތަކުން ހުށަހެޅުން ލިބުނު ނަމަވެސް އަމިއްލަ ވިސްނުމެއްގައި އަމިއްލަ ގޮތެއްގައި ބުރަކޮށް މަސައްކަތްކޮށްގެން ކުރިއަށްދާން ނިކުތް ޒުވާނުންތަކެއް ހެދި ކުލަބެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ، އޭރު އޮތް ކުޅިވަރުގެ މާހައުލުގެ ތެރެއިން ވެލެންސިއާ އަށް ޖާގައެއް ލިބޭނީ، ތަފާތު ވިސްނުމެއްގައި މަސައްކަތް ކޮށްގެން ކަން،" އަވަސް އަށް ދީފައިވާ އިންޓަވިއުއެއްގައި ބޮޑު ހީނާ ބުނެފައި ވެއެވެ.

"އެހެންވެ ޒުވާން ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑު ވެގެން ދިޔަ، ޒުވާން ކުޅުންތެރިންތަކެއް ވެލެންސިއާއެކު ތިބީމަ އަޅުގަނޑުމެންނަށް އެނގިއްޖެ، ތަފާތު ވިސްނުމެއްގައި މަސައްކަތް ކޮށްގެން މި ކުލަބު ކުރިއަށް ޖެހިލާނެ ކަން."

މީގެ 38 އަހަރު ކުރިން ވެލެންސިއާ އުފެއްދީ އާ ވިސްނުންތަކެއް ދިވެހި ފުޓްބޯޅައަށާއި ދިވެހި ކުޅިވަރަށް ގެނެސް ދިނުމަށެވެ. އެ ބަދަލު އެޓީމުން ފެނުނެވެ. އޭރު މާލޭގައި ކުޅެމުން ދިޔަ ބޮޑު ބޯޅަ ސްޓައިލް ބަދަލުކޮށް ތިރިން ޕާސް ޖަހައިގެން ކުޅޭ ހިތްގައިމު ގޭމް ޕްލޭނެއް ދިވެހި ފުޓްބޯޅައަށް ގެނައީ ވެލެންސިއާ އެވެ. އެ ސްޓައިލް ފައްތަން ވެލެންސިއާއަށް ގިނަ އަހަރުތަކެއް ނެގި އެވެ. ކާމިޔާބެއް ނުލިބި ގިނަ އަހަރުތަކެއް ދިޔަނަމަވެސް އެ ސްޓައިލް ދޫކޮށްލާކަށް އެކުލަބުގެ ކުޅުންތެރިން ބޭނުން ނުވި އެވެ. ކާމިޔާބު ލިބޭނެ ވަގުތެއް އަންނާނެކަން އެ ކުލަބުގެ ކުޅުންތެރިންނަށް ޔަގީންވި އެވެ.

ހިތްގައިމު ފުޓްބޯޅައިގެ ސްޓައިލްއާއެކު ވެލެންސިއާއިން ހޯދި ފުރަތަމަ މުބާރާތަކީ އެފްއޭ ކަޕެވެ. އެއީ 1988 ވަނަ އަހަރު އެވެ. ވެލެންސިއާގެ ކާމިޔާބު ފެށިގެން އަންނަނީ އެހާ ހިސާބުންނެވެ. ދެގޮތެއް ނުވެ ދޫނުކޮށް ކުރި މަސައްކަތް ކާމިޔާބުވެ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބަކީ ވެލެންސިއާ ވިއެވެ. ދެހާސް އަށް ވަނަ އަހަރު ދިވެހި ލީގްގައި ތާވަލުގެ އެންމެ ފަހަތުގައި އޮވެ ވެލެންސިއާ ލީގް ޗެމްޕިއަންކަން ހޯދީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު އެވެ. އެއީވެސް ފަހަތައް ނުޖެހި ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާ އެވެ.

މިދިޔަ ނުވަ ވަރަކަށް އަހަރަކީ ވެލެންސިއާގެ ހަޔާތުގައި އައި އެންމެ އުނދަގޫ ދުވަސްތަކެވެ. ކާމިޔާބެއް ނުލިބި ގިނަ އަހަރުތަކެއް ފާއިތުވެ ދިޔަ އެވެ. އެ ބަނަ ދުވަސްތަކަށް ނިމުން ގެންނަން ވެލެންސިއާ އަނެއްކާވެސް ފެށީ އެފްއޭ ކަޕްގެ ތައްޓާ އެކުއެވެ. މިދިޔަ އަހަރު ފައިނަލުގައި ޓީސީ ބަލިކޮށް ވެލެންސިއާ އެފްއޭކަޕް ކާމިޔާބު ކުރުމުން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނާއި ހާއްސަކޮށް ވެލެންސިއާގެ ސަޕޯޓަރުން އެ ޓީމާ މެދު އުންމީދުތަކެއް ކުރި އެވެ. ހަރީފުގެ އުނދަގޫ ދުވަސްތައް ނިމި އަނެއްކާވެސް ބަހާރަށް އަލިވިލައިފި ކަމުގެ އުފާވެރި އިހްސާސް ސަޕޯޓަރުން ކުރި އެވެ.

ނަމަވެސް އެ އުންމީދު އަނެއްކާވެސް ފަޑުވީ އެވެ. އަބަދުވެސް ނުގުޑާ ފަދަ އަޒުމަކާއެކު މަސައްކަތް ކުރަމުން އައި ކުލަބު އެފްއޭކަޕަށް ނުނިކުންނަން ނިންމުމަކީ ސަޕޯޓަރުންންނަށް ގަބޫލު ކުރަން އުނދަގޫވި ކަމެކެވެ. އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ މުބާރާތުން އެއްފަރާތްވީ އެވެ. ވެލެންސިއާއިން އަބަދުވެސް ދަމަހައްޓާ ފަހަތަށް ނުޖެހުމުގެ އަޒުމު މިފަހަރު ނުފެނުނެވެ. ކުލަބުގެ ހަރަކާތް މިއަހަރަށް ނިމުނީއެވެ.

ވެލެންސިއާގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުވަނީ މޭނޭޖަރު އަބްދުﷲ ޝިބާއު އެވެ. ކުލަބު ހަރަކާތްތަކުގައި ނޫޅޭ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޗެއާމަން އަދީލް ޖަލީލް ވިދާޅުވީ، އެފްއޭ ކަޕްގައި ވާދަ ނުކުރަން ނިންމީ ކުލަބުގެ މާލީ ހަލަތު މިވަގުތު ހުރި ގޮތުން ކަމަށެވެ.

"ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން ވާދަ ނުކުރަން ނިންމީ، އަންނަ އަހަރަށް އަޅުގަނޑުމެން ތައްޔާރު ވާނަން އިރާދަ ކުރެއްވިއްޔާ ރަނގަޅު ޓީމެއް ފެންނާނެ." އަދީލް ވިދާޅުވި އެވެ.

ނަމަވެސް ވެލެންސިއާގެ މާޒީން ބުނެދެނީ އެހެން މަންޒަރެކެވެ. ޓީމުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްކޮށް އޮތްއިރުވެސް، ކުޅުންތެރިންތަކެއް އެއްކޮށްގެން އެކުލަބުން މުބާރާތްތަކަށް ނިކުތެވެ. ވަރަށް އާދައިގެ ޓީމަކާއެކު ނިކުމެވެސް ރަނގަޅު ފައިޓެއް ދީފައި އެބަހުއްޓެވެ. ވޭތުވެދިޔަ ނުވަ އަހަރުތެރޭ އެމަންޒަރު ފެނިފައި އެބަހުއްޓެވެ. މުޅިން އާ ކުޅުންތެރިން ނެރެގެންވެސް ވެލެންސިއާއިން ވަނީ ވާދަ ކޮށްފަ އެވެ. ފަހަތަށް ޖެހި އެއްފަރާތް ވެފައެއް ނުވެ އެވެ.