ހަބަރު

ސީއެސްސީ އިން ހިންގި ކޯސްތަކުގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ސިވިލް ސާވިސް ކޮމިޝަންގެ ޓްރެއިނިން އިންސްޓިޓިއުޓުން މިއަހަރު ހިންގި ކޯސްތަކުގައި ބައިވެރިވެ ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ސިވިލް ސާވިސްގެ ޓްރެއިނިން އިންސްޓިޓިއުޓުން މިއަހަރު މާލޭގަ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތަރު ކޯހެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް، ސެޓްފިކެޓް 3 އިން ޕްރޮޖެކްޓް މެނޭޖްމަންޓް، އިންގްލިޝް ލޭންގުއޭޖް ޕްރޮފެޝެންސީ ފޯ އެގްޒެކްޓިވްސް އަދި ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހެވެ. އެ ކޯސްތަކުން 246 ސިވިލް ސާވިސް މުވައްޒަފުންވަނީ ދަސްވެނިވެފަ އެވެ.

އެ ރަސްމިއްޔާތުގައި ސިވިލް ސާވިސް ޓްރެއިނިން ޑައިރެކްޓަރި 2018، ހަ ގަޑިއިރުގެ މެންޑޭޓަރީ ޓްރެއިނިން ޕްރޮގްރާމްގެ ސެލްފް ލާނިން ޕެކް އަދި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުގެ މި އަހަރުގެ ނިއުސް ލެޓާ "ބަޒް"ގެ ހާއްސަ އެޑިޝަންއެއްވެސް ވަނީ ލޯންޗުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ޑިޕްލޮމާ ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހެމާން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މަތީ ތައުލީމް ހާސިލް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވަކި އުމުރަކުން މައްޗަށް ދިއުމަކީ އަދި ކައިވެނި ކުރުމަކީ ކިޔެވުމާ ދުރަށް ދާން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ވަޒީފާގައި އުޅެމުން އަދި ދަރިން ލިބުމުންވެސް ކިޔެވޭނެ ކަމަށާއި އެކަމަށް ބޭނުންވަނީ ހިތްވަރު އެކަނި ކަމަށެވެ. ޑރ. ޝަހީމްގެ ވާހަކައިގައި އެމަނިކުފާނު މަތީތައުލީމް ހާސިލް ކުރެއްވުމުގައި ދިމާވި ބައެއް ތަޖުރިބާތައް ބައިވެރިންނާ ވަނީ ހިއްސާކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ގައުމު ހިންގުމުގައި އިސް ރޯލެއް އަދާކުރާ ބަޔަކީ ސިވިލް ސާވިސް މުވައްޒަފުންނަށްވާއިރު އެ މުވައްޒަފުންގެ ތައުލީމީ ފެންވަރު ރަނގަޅު ވާން ޖެހޭ ކަމަށެވެ. އަދި އެކަމަކީ ގައުމު ކުރިއެރުމަށް މަގުފަހިކުރުވާނެ ކަމެއް ކަމަށެވެ.