ކުޅިވަރު

އިންޑިއާގެ ޓީމު ބަލިކޮށް އާލީޓަޗް ޗެމްޕިއަންކަން ހޯދައިފި

Nov 29, 2017

ކުލަބު މޯލްޑިވްސް އިން އިންތިޒާމުކޮށްގެން، ބޭއްވި މައިލޯ 14 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލް މެޗުގައި، އިންޑިއާގެ ޓިޕްސް އެފްސީ ޓީމުގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އިސްމާއީލް އާސިފް (ކުޑަހީނާ) ކޯޗް ކޮށްދިން އާލީޓަޗް ފުޓްބޯޅަ އެކެޑެމީގެ ޓީމުން ޗެމްޕިއަންކަން ހޯދައިފި އެވެ.

މުބާރާތުގައި، ރާއްޖޭއިން ބޭރުގެ ތިން ޓިމު ބައިވެރިވި އެވެ. އެއީ ޝްރީލަންކާގެ މެންޗެސްޓާ ސޮކާ އެކަޑެމީން ބައިވެރި ކުރި ދެ ޓީމަކާއި އިންޑިއާގެ ޓިޕްސް އެފްސީ އެވެ.

އާލީޓަޗް އެކަޑެމީ އަކީ، ކުޑަ ހީނާގެ ބޭބެ އަހްމަދު ސަލީމް (ބޮޑުހީނާ) އިސްވެ ހިންގާ އެކެޑެމީ އެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި، އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ، އަމާން އުމަރު އާއި އަހްމަދު މާއިޝް ރަޝީދުގެ އިތުރުން އަހްމަދު ތާއިފް ރިލްވާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީޓީއެފްގެ އަބްދުﷲ އާމިން އަލީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކުޑަ ހީނާ ބުނީ، ލިބުނު ކާމިޔާބަކީ އެއް މަސް ވަންދެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށާއި ރާއްޖޭގައި އެކެޑެމީތައް މަސައްކުރާ ގޮތް ބަދަލު ކޮށްދިނަމަ ކާމިޔާބު ހޯދޭނެ ކަމަށެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީވެސް ކުޑަ ހީނާ އެވެ.

"އެކެޑެމީތައް މަސައްކަތް ކުރާ ސިސްޓަމް އެބަޖެހޭ ބަދަލު ކުރަން، ބަދަލު ކޮށްގެން އެކެޑެމީތަކުން ރަނގަޅު ޕްރޮޑްކެޓްތަކެއް ނެރެވޭނެ."

މިއަދު މެޗުގައި އާލީ ޓަޗްގެ ޓީމުން ކުޅުނު ހިތްގައިމު ޕާސިން ގޭމަށް ގިނަ ބައެއް ތައުރީފް އޮހުނެވެ. ބޮޑު ހީނާ އަކީ ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅަ އަށް ޕާސިން ގޭމް ތާރަފު ކުރުމުގައި މުހިންމު ފަރާތެކެވެ. އޭނާގެ އެކޭދމީތަކުގެ ގޭމް ސްޓައިލްވެސް އޭނާ ބިނާ ކޮށްފައި ވަނީ ތިރިން ކުޅޭ ޕާސިން ގޭމްގެ ސިސްޓަމަށެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ތާއިފް އެވެ. ފެޢާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ މޯލްޑިވސް ސޮކާ މޭޓްގެ ޓީމެވެ. ތިން ވަނަ ޓީމަކީވެސް އެ ޓީމެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އީގަލްސް ފުޓްބޯޅަ އެކެޑެމީގެ ޖަނަމް މުސްތޮފާ އާއި މާޒިޔާ ފުޓްބޯޅަ އެކެޑެމީގެ ހުމައިދު ހުސައިން އެވެ. އެ ދެކުޅުންތެރިންވެސް ލަނޑު ޖަހާފައި ވަނީ އެއް އަދަދަކަށެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މެންޗެސްޓާ ސޮކާ އެކެޑެމީގެ ރެޑް ޓީމުގެ އަސަދުﷲ ހަސަން އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން:

ޓިޕްސް އެފްސީގެ އަދުރިތު ކަމޭޝް
އާލީޓަޗްގެ އަހްމަދު އަހްނަފް ތަސްމީން
އެންމެ މޮޅު ގޯލްކީޕަރު އާލީ ޓަޗްގެ ޔުނާން އާމިރު
އެންމެ މޮލު ފޯވަޑް އާލީޓަޗްގެ އާހްމަދު ތާއިފް ރިލްވާން