ރާއްޖެ ކުޅިވަރު

އޭއެފްސީ ކްލަބް ރޭންކިންގައި އެންމެ ކުރީގައި އޮތް ދިވެހި ކްލަބަކީ ނިއު

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އަލަށް ތައާރަފްކުރި ކްލަބް ރޭންކިން ސިސްޓަމް މިއަދު ލޯންޗްކުރިއިރު، އޭޝިއާގެ ކްލަބުތަކުގެ ރޭންކިންގައި އެންމެ ކުރީގައި އުޅޭ ދިވެހި ކްލަބަކީ ފާއިތުވި ތިން ސީޒަންގެ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓެވެ.

ޖުމްލަ 147 ކްލަބު ހިމެނޭ ރޭންކިންގައި ނިއު ރޭޑިއަންޓަށް ލިބުނީ 94 ވަނަ އެވެ. މި އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑެ ރެކްރިއޭޝަން އޮތީ ރޭންކިންގެ 128 ވަނައިގަ އެވެ. ރޭންކިންގައި ދެން ހިމެނޭ ރާއްޖޭގެ ދެ ކްލަބަކީ ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީ އެވެ. ފުރަތަމަ ޑިވިޝަން އިން މިދިޔަ އަހަރު ރެލިގޭޓްވި ދިވެހި ލީގުގެ ކުރީގެ ޗެމްޕިއަން ވީބީ އޮތީ ކްލަބު ރޭންކިންގެ 132 ވަނައިގަ އެވެ. ވިކްޓަރީ އޮތީ 139 ވަނައިގަ އެވެ.

މި ރޭންކިން އެލުލަވާލުމަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ފާއިތުވި ހަތަރު އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕްގައި ކްލަބުތަކުން ނެރިފައިވާ ނަތީޖާތަކާއި ކޮންމެ ގައުމަކުން ވެސް މި ދެ މުބާރާތުގައި ވާދަކުރާ ކްލަބުތަކުން ނެރޭ ޖުމްލަ ނަތީޖާތަކަށެވެ.

 މި ރޭންކިން އަށް ދެން ސީޒަންގެ ތެރެއިން ޕޮއިންޓް ދޭނެ އެވެ. އެހެންކަމުން ސީޒަން ތެރެއިން ވެސް މި ރޭންކިން ދާނީ އަޕްޑޭޓްވަމުންނެވެ.

ނިއު އިން ވަނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް ދަތުރުކޮށްފަ އެވެ. މާޒިޔާ ފާއިތުވި ދެ ސީޒަންގައި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި އެވެ. ވިކްޓަރީ އާއި ވީބީ އޭއެފްސީ ކަޕްގައި ކުރިން ވާދަކުރި ނަމަވެސް، އެ ދެ ކްލަބަށް ވެސް ގުރޫޕް ސްޓޭޖު ފަހަނަ އަޅައި ދެވޭގޮތެއް ނުވި އެވެ.

އޭއެފްސީ ކްލަބް ރޭންކިންގެ އެއްވަނައިގައި އޮތީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މި އަހަރު ބަލިވި ސައުދީ އަރަބިއްޔާގެ އަލް ހިލާލް އެވެ. ދެވަނައިގައި އޮތީ ދެކުނު ކޮރެއާގެ އެފްސީ ސޯލް އެވެ. ތިން ވަނައިގައި އޮތީ ސައުދީގެ އަލް އިއްތިހާދެވެ.