ރާއްޖެ ކުޅިވަރު

އޭއެފްސީ ކަޕުން ކެޓުމަކީ ނާކާމިޔާބެއް: ސުޒޭން

މި ސީޒަންގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކެޓުމަކީ އެ ޓީމަށް ކުރިމަތިވި ނާކާމިޔާބެއް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މާޒިޔާ އަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލުނީ ގުރޫޕް އީގައި އިއްޔެ އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން އަމިއްލަ ދަނޑުގައި 2-1 އިން ބަލިވުމުންނެވެ. މިއީ މާޒިޔާ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖެހިޖެހިގެން ކެޓި ތިން ވަނަ ފަހަރެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސުޒޭން ބުނީ އޭއެފްސީ ކަޕުން ކެޓުމަކީ ނާކާމިޔާބެއް ކަމަށާއި މިއީ މާޒިޔާ އަށް ދެވަނަ ބުރުގެ ފުރުސަތު ލިބޭ ވަރުގެ ގުރޫޕެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ނާކާމިޔާބެއް. މި ގުރޫޕަކީ މާޒިޔާ އަށް ދެވަނަ ބުރަށް ތުރޫވެވޭ ވަރުގެ ގުރޫޕެއް. އެފަޓް ނުލެވުނު ދެ މެޗަކުން ފުރުސަތު ގެއްލިގެން މިދިޔައީ. ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗުން އަސްލު ފުރުސަތު ގެއްލުނީ. ދެ މެޗުގައި ވެސް ރަނގަޅަށް ކުޅެ، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ،" ސުޒޭން ބުންޏެވެ.

މާޒިޔާގެ ސްޕެއިން ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް، ބެންގަލޫރު މެޗުން މޮޅުވީ ކެޕްޓަން ސުނިލް ޗެތުރީ ޖެހި ދެ ލަނޑުންނެވެ.

ސުޒޭން ބުނީ އިއްޔެގެ މެޗުގައި މާޒިޔާގެ ކުޅުންތެރިންނަށް "އެފާޓްލާންޖެހޭ ވަރަކަށް ނުލެވުނު،" ކަމަށެވެ.

"އާދައިގެ މެޗެއް މިދިޔައީ އަމިއްލަ ދަނޑުގައި އެފަޓްލާންޖެހޭ ވަރަކަށް ނުލެވޭ. ވަރަށް ގިނަ ޗާންސްތަކެއް ލިބި ގެއްލިގެން ދިޔައީމަ އެ ޓީމު ކޮޅަށް މެޗު އެނބުރިގެން ދިޔައީ،" ސުޒޭން ބުންޏެވެ.

މި ގުރޫޕްގައި މާޒިޔާ ކުޅޭ ފަހު މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ސިންގަޕޫރުގެ ވޯރިއާސްއާ ދެކޮޅަށެވެ.

ސުޒޭން ބުނީ އޭއްފްސީގެ ރޭންކިންގް އަށް ވިސްނާލާއިރު އެ މެޗު މުހިންމު ކަމަށާއި އެ މެޗު މާޒިޔާ އިން ފަސޭހަނުކުރާނެ ކަމަށެވެ.