އަންނަ އަހަރު އޮޑިޓް އޮފީސް އޮޑިޓް ކުރާނެ މިނިވަން މުސްތަގިއްލު އޮޑިޓަރުން ހޯދަން މަޖިލީހުގެ އިދާރާ އާ ހަވާލުކޮށްފި އެވެ.
މިއަދު މެންދުރުފަހު ބޭއްވި މާލިއްޔަތު ކޮމެޓީގައި ބައްދަލުވުމެއްގައި މެންބަރުން ނިންމީ މިދިޔަ އަހަރެކޭ އެއްގޮތަށް އޮޑިޓް އޮފީސް އޮޑިޓް ކުރާނެ މިނިވަން އޮޑިޓަރުން ހޯދުމަށެވެ. އަދި އެންމެ ފުރަތަމަ އޮޑިޓް އޮފީހުގެ ރިވިއުއެއް ހޯދުމަށްފަހު އެރިވިއުގެ މައްޗަށް ބިނާކޮށް އޮޑިޓަރުން ހޯދުމަށެވެ.
އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލްގަފޫރު މޫސާ ވިދާޅުވީ އޮޑިޓް އޮފީހުގެ ރިވިއުއެއް ހޯދުމަށްފަހު އެރިވިއުގެ މައްޗަށް ބިނާކޮށް އޮޑިޓަރުން ހޯދައިގެން ނޫނީ އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވޭނެ ކަމަށެވެ. ގަފޫރުގެ ހިޔާލަށް ކޮމެޓީގެ އެހެން މެންބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެން މަނިކުވަނީ އަންނަ މަހު އެކެއްގައި މަޖިލީސް ޗުއްޓީއަށް ގޮސް އެނބުރި އައުމަށްފަހު މަސައްކަތްތައް ފެށެންވާއިރަށް އޮޑިޓަރުން ހޯދުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ނިންމަން ހަވާލުކޮށްފަ އެވެ.
ނިހާން ވިދާޅުވީ މަޖިލީސް ޗުއްޓީއަށް ދިއުމުން އެ މަސައްކަތް ކުރަން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އަހަރު ނިމުމުގެ ކުރިން އޮޑިޓް އޮފީސް އޮޑިޓްކުރާނެ ގޮތް ނިންމަން ޖެހެ އެވެ.
އޮޑިޓް އޮފީސް މި އަހަރު އޮޑިޓް ކުރުމާ ބެހޭގޮތުން މަޖިލީހުންވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ހުށަހެޅި ފަރާތައް ވަނީ އެ މަސައްކަތް ހަވާލުކޮށްފަ އެވެ.