ހަބަރު

ޗައިނާއާއެކު ސޮއިކުރާ އެއްބަސްވުން ވަނީ ސިއްރުކޮށްފައި: އިދިކޮޅު

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކުރަން ކެބިނެޓުން ނިންމާފައިވާ ފްރީޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)އަށް މަޖިލީހުން ރުހުންދިނުމުގެ މަސައްކަތްތައް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ގޮތާ ދޭތެރޭ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން މިއަދު ކުނޫޒުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތާ ދޭތެރޭ ހާއްސަ ސަމާލުކަމެއް ދީ އެކަން ބަލަން ޖެހޭ ކަމަށެވެ.

"ފްރީ ޓްރޭޑް އެގްރީމަންޓް ސަރުކާރުން ސިއްރު ކުރަމުން ދިޔަ މިންވަރަކީ އިދިކޮޅު ގިނަ މެންބަރުންނަށް ޖަލްސާއަށް އަންނަން ނޯޓިސްވެސް ނުދޭ، އަނެއްކާ އެ އެއްބަސްވުން ކޮމެޓީން ފާސްކުރީ 10 މިނެޓަށްވެސް ނުދާ ބައްދަލުވުމެއްގައި، އެ އެއްބަސްވުން ކިޔާލާނެ ފުރުސަތެއްވެސް ނުދޭ، މި ކަންކަމަށް ސަމާލުވާން ޖެހޭ، މިކަންކަން ބަލަންޖެހޭ،" އިންތި ވިދާޅުވި އެވެ.

އެގްރީމަންޓެއް ގާއިމް ކުރުމަށް ނިންމާ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އަދި އެ އެއްބަސްވުން ގައުމީ ސަލާމަތުގެ ކޮމިޓީންވެސް މިއަދުވަނީ ފާސްކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން އިންތި ވިދާޅުވީ އެ އެ އެއްބަސްވުން ކިޔާލާ އޭގަ އޮތް އެއްޗެއް ބެލުމުގެ ފުރުސަތުވެސް އިދިކޮޅު މެންބަރުންނަށް ނުލިބޭ ކަމަށެވެ.

އެ އެއްބަސްވުން ފާސްކުރުމާ ގުޅޭގޮތުން ގައުމީ ސަލާމަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް މިއަދު އަވަސް އަށް ވިދާޅުވީ، ރާއްޖެއިން ޗައިނާއާ އެކު ސޮއިކުރާ ފްރީ ޓްރޭޑް އެއްބަސްވުން ކޮމިޓީއަށް ހޯދަން ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެއްބަސްވުމަށް ރުހުންދޭން ފާސްކުރީ އެއްބަސްވުން ނުހޯދާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޓީއަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަޑައިގަތް އެއްބަސްވުމުގެ ތަފްސީލީ މައުލޫމާތެއް ނުދެއްވާ ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިމުމާ އެކު މައްސަލައަށް ކޮމިޓީގައި ވޯޓަށް އަހާ މައްސަލަ ފާސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު ގިނަ މެންބަރުންނަށް ނޯޓިސް ނުދޭ ކަމަށްވެސް އިންތި ވިދާޅުވި އެވެ. އަދި މިރޭ އޮންނަ ޖަލްސާއަށްވެސް އިދިކޮޅު މެންބަރުންނަށް ނޯޓިސް ނުދޭ ކަމަށެވެ.

"މިއަދުގެ ޖަލްސާއަށް އިދިކޮޅު ގިނަ މެންބަރުންނަށް ނޯޓިސް ނުދޭ، ނޯޓިސް ފޮނުވި ގިނަ މެންބަރުންނަށްވެސް މެސެޖު އައިއިރު 2:38 ހިނގައިފި،" އިންތި ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އަދި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ ޕީޕީއެމް އިން ވަކިކޮށް ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރި ނަމަވެސް އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެ މެންބަރުން އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގައި ނޫން ކަމަށާއި އެހެންވުމުން އެ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ ހާއްސަ ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުންވަނީ އިއުލާނު ކޮށްފަ އެވެ.