ކުޅިވަރު

ފުރަތަމަ ސެމީގައި ޓީސީ އާ ދެކޮޅަށް މާޒިޔާ

Nov 29, 2017

ކްއާޓާ ފައިނަލުގައި މުއިވެޔޮ ފްރެންޑްސްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް މާޒިޔާ ދަތުރު ކޮށްފި އެވެ. ސެމީގައި މާޒިޔާ ނިކުންނާނީ ސެމީ ފައިނަލަށް ސީޑް ކޮށްފައިވާ ޓީސީއާ ދެކޮޅަށެވެ.

ފުރަތަމަ ޑިވިޝަންގެ ކުލަބުތައް، އެފްއޭކަޕް ފަށަނީ ކްއާޓާ ފައިނަލާ ހިސާބުން ނެވެ. މުބާރާތުގެ ގުރުލިރު ޓީސީ އަށް ލައްވާލީ މެޗެއް ނުކުޅެ ސެމީގައި ވާދަ ކުރާ ށެވެ. އެއީ މުބާރާތުގައި ބައިވެރިވި ޓީމުތައް މަދު ކަމުން ގުރުލައިގެން ލައްވާލި ގޮތެވެ.

މިފަހަރު މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ތެރެއިން ބައިވެރިވީ ފަސް ޓީމެވެ. އެއީ ދިވެހި ލީގްގައި ކުޅުނު ހަތަރު ޓީމާއި ކުލަބު އީގަލްސް އެވެ. ޓީސީއަކީ، މުބާރާތުގެ އެންމެ ފަހުގެ ރަނަރަފެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި، މާޒިޔާގެ ލަނޑުތައް ކާމިޔާބު ކުރީ އަހްމަދު އިމާޒު (އާއްކޮ) އާއި އަސްހަދު އަލީ (އަޑޭ) އަދި ސަމޫހް އަލީ އެވެ.

މިދިޔަ އަހަރު އެފްއޭކަޕްގެ ސެމީއިން މާޒިޔާ އަށް ފުރުސަތު ނުލިބުނެވެ. ކްއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެ ޓީމު ބަލިވީ ޔުނައިޓަޑް ވިކްޓަރީ އަތުންނެވެ. އޭރު މާޒިޔާ ކަޓުވާލުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭރު ޔޫވީ އަށް ކުޅުނު މާޒިޔާގެ މިހާރުގެ ކީޕަރު މަހްމޫދު އަލް ޔޫސުފް އެވެ. އޭނާ ވަނީ މާޒިޔާއިން ޖެހި ދެ ޕެނަލްޓީ މަތަކޮށް ޕެނަލްޓީ ކާމިޔާބުވެސް ކޮށްފަ އެވެ.

ޓީސީ އާއި މާޒިޔާ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ. ކްއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި، މިރޭ ވާދަ ކުރާނީ އީގަލްސް އާއި ނިއު ރޭޑިއަންޓެވެ. އީގަލްސް މުބާރާތުގައި ވާދަ ކުރަނީ ޒަުވާން ޓީމަކާ އެކު އެވެ.

ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބުމުން، އީގަލްސްގެ ތިބި ކީ ކުޅުންތެރިން އެ ޓީމުން އެހެން ޓީމުތަކަށް ދާން ދޫކޮށްލި އެވެ. ގިނަ ކުޅުންތެރިން ދިޔައީ ގދ. ތިނަދޫ ޓީމަށެވެ. ތިނަދޫ ވަނީ ގަދަ ހަތަރެއްގައި ހިމެނިގެން ޕްރެޒިޑެންޓް ކަޕުން ޖާގަ ހޯދާފަ އެވެ.