ބޮލީވުޑް

ޖާންވީ އާއި އިޝާން "ދަޅަކް" ގެ ޝޫޓިން ފަށައިފި

Nov 30, 2017

ޖާންވީ ކަޕޫރާއި އިޝާން ކައްތަރު ބޮލީވުޑަށް ނިކުންނަ ފިލްމު "ދަޅަކް" ގެ ޝޫޓިން ފަށައިފި އެވެ. މުޅިން އަލަށް ބޮލީވުޑަށް ނިކުންނަ ޖާންވީ އާއި އިޝާންގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށާފައިވަނީ އުދެއިޕޫރްގައި އިއްޔެ އެވެ.

ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ އާއި ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކުޅޭ ފުރަތަމަ ފިލްމު "ދަޅަކް" އަކީ މިދިޔަ އަހަރު ނިކުތް މަރާޓީ ބްލޮކްބާސްޓް ފިލްމު "ސައިރަތް" ގެ ހިންދީ ރިމޭކެވެ. ޝަޝަންކް ކައިތާން ޑައިރެކްޓްކުރާ އެ ފިލްމުގެ ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރެވެ.

"ދަޅަކް" ގެ ޝޫޓިން އުދެއްޕޫރްގައި އިއްޔެ ފަށާފައިވާކަން ފިލްމުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ. ޝަޝަންކް ލިޔެ ޑައިރެކްޓްކުރާ މި ފިލްމަކީ އޭނާ މިފަހުން އުފެއްދި "ބަދްރިނާތްކީ ދުލްހަނިޔާ" ކަހަލަ ޒަމާނީ ރަހަތަކަށް ހެޔޮވަރުކޮށް އުފައްދާ ލޯބީގެ ފިލްމެކެވެ.

ކަރަންގެ ބެލުމުގެ ދަށުން އިޝާން އާއި ޖާންވީ އަށް ބޮލީވުޑަށް ނިކުންނަން ފުރުސަތު ލިބުމަކީ އެ ދެމީހުންނަށް ލިބުނު ވަރަށް ބޮޑު ރަނުގެ ފުރުސަތެކެވެ. ސަބަބަކީ ކަރަން އެންމެފަހުން ފިލްމީ ދާއިރާ އަށް ނެރުނު ތިން ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ އަކީ މިހާރު ބޮލީވުޑްގައި އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ޒުވާން ތިން ތަރިންނެވެ.

"ސައިރަތް" ބިނާކޮށްފައިވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާ އަކަށް ނަމަވެސް "ދަޅަކް" ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ. މިހާރު އާންމުކޮށްފައިވާ ތިން ޕޯސްޓަރުގެ ބެކްގްރައުންޑުން ރާޖަސްތާންގެ ހަނަފަސް ސަހަރާ ފެނިގެންދެ އެވެ.

ދަރްމާ ޕްރޮޑަކްޝަނާއި ޒީ ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމުގައި ވާހަކަ ބިނާކޮށްފައިވަނީ ރާޖަސްތާނުގައި އޮންނަ ގްރޫޕްތަކަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ ހަލަބޮލިކަމާއި އާއިލާގެ ނަމަށް ހުތުރުކަމެއް ގެންނަ ފަދަ އަމަލެއް ކުރުމުން މަރާލުން އެ މުޖުތަމައުގެ ތެރޭގައި އޮންނަ ގޮތުގެ މައްޗަށެވެ.

މި މަހުގެ 15 ވަނަ ދުވަހު ކަރަން ވަނީ ފިލްމުގެ ތިން ޕޯސްޓަރެއް އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ގިނަބަޔަކު އަންނަނީ ޖާންވީ އާއި އިޝާންގެ ފުރަތަމަ ފިލްމަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވިފައިވަނީ އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހު އެވެ.