ހަބަރު

އަހަރަށް މަޖިލިސް ނިންމައި، ޗުއްޓީއަށް

މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާނުކޮށްފައިވަނީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހެވެ.

މަސައްކަތްތައް ނިންމާލާ އުފެއްދުންތެރިކަމުގެ މިންވަރަށް 95.7 ޕަސަންޓު ދީފައިވާއިރު މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. މިރޭ ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރިވެފައެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތަކުގައި އިހުތިޖާޖްކޮށްފައިވަނީ ޖަލްސާތައް ބާއްވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ބުނެ އެވެ. އިދިކޮޅު ފަރާތްތަކުންވަނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 45 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ ވަނީ މަޖިލިސް ތަޅުމުން ބޭރުކޮށްލާފަ އެވެ.

މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވަނީ ޗައިނާ އާއި ރާއްޖެ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މަޖިލީހުން ރުހުން ދީ އަދި ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ރައީސްގެ މުސާރަ މިނިވަން އެެހެން މުއައްސަސާތަކުގެ ރައީސްގެ މުސާރަ އާ އެއް ހަމައަކަށް ގެންނަން ފާސްކޮށްފަ އެވެ.