ހަބަރު

"ބަޔަކު ސްމާޓް ވިޔަސް، އަނިޔާ ލިބޭ ގޮތަށް މެންބަރުން ނޫޅޭތި"

އެހެން ބަޔަކު ސްމާޓް ނިންމުންތައް ނިންމި ނަމަވެސް މެންބަރުން އަމިއްލަ ނަފްސަށް އަނިޔާ ލިބޭ ގޮތަށް އުޅުން ރަނގަޅެއް ނުވާނެ ކަމަށް ރައްޔިތުން މަޖިިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ ނިންމާލުމުގެ ކުރިން މެންބަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން މަސީހު ވިދާޅުވީ، ޑިމޮކްރަސީގައި ކާމިޔާބުވާން ޖެހޭނީ އަނގަބަހުން ކުރި ހޯދައިގެން ކަމަށާއި އަތްފައި އިސްކޮށްގެން ނޫން ކަމަށެވެ. އަދި އެހެން ބަޔަކު ސްމާޓް ނިންމުމެއް ނިންމި ނަމަވެސް އެއްވެސް މެންބަރަކު މާޔޫސްވެވަޑައިގަންނާކަށް ނުޖެހޭ ކަމަށެވެ. އަމިއްލަ ނަފްސަށް އަނިޔާ ލިބޭ ގޮތަށް އުޅުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

"ގަބޫލު ކުރަން ޖެހޭ ހަގީގަތުގައި ޑިމޮކްރަސީގައި އަބަދުވެސް ވޯޓަކަށް ދާއިރު ނިމޭނީ ގިނަ މީހުން ތާއީދު ކުރާ އަގުލަބިއްޔަތަކަށް، އަދި ވެރިކަމަށް އަންނަ އިރު އިލެކްޝަންތަކުގައި ވެސް ކަންކަން ނިމޭނީ ހަމަ އެގޮތަށް، އެހެންވީމަ ބައެއް ފަހަރު ވާދަވެރިވެގެން ދާއިރު ހިތް ނޭދޭ ގޮތަށް ވެސް ނިމިދާނެ، ނަމަވެސް އަޅުގަނޑުމެން އުޅެން ޖެހޭނީ ހެޔޮ ގޮތުގައި އަނިޔާ ނުވާ ގޮތަށް،" މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ މި އަހަރުގެ ތެރޭގައި ވެސް ސަރުކާރު މެންބަރުން މަސައްކަތް ކުރެއްވީ ރައްޔިތުންގެ ހައްގުގައި އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެގޮތުގައި ދެމި ހުންނަން ޖެހޭ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

މި އަހަރަށް މަޖިލީހުގެ މަސައްކަތްތައް ނިންމާލައި އުފެއްދުންތެރިކަމުގެ މިންވަރަށް 95.7 ޕަސަންޓު މަސީހު ދެއްވާފައިވާއިރު މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. މިރޭ ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރިވެފައެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތަކުގައި އިހުތިޖާޖްކޮށްފައިވަނީ ޖަލްސާތައް ބާއްވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ބުނެ އެވެ. އިދިކޮޅު ފަރާތްތަކުންވަނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 45 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ ވަނީ މަޖިލިސް ތަޅުމުން ބޭރުކޮށްލާފަ އެވެ.

މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވަނީ ޗައިނާ އާއި ރާއްޖެ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މަޖިލީހުން ރުހުން ދީ އަދި ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ރައީސްގެ މުސާރަ މިނިވަން އެެހެން މުއައްސަސާތަކުގެ ރައީސްގެ މުސާރަ އާ އެއް ހަމައަކަށް ގެންނަން ފާސްކޮށްފަ އެވެ.