ހަބަރު

މި ދައުރުގެ އުފެއްދުންތެރިކަމުގެ މިންވަރު 95.7 ޕަސެންޓުގަ

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ އުފެއްދުންތެރިކަމުގެ މިންވަރު ހުރީ 95.7 ޕަސަންޓުގަ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން މަސީހު ވިދާޅުވީ، މަޖިލީހުގެ މި އަހަރު ތިން ދައުރުގެ ތެރޭގައި ޖުމްލަ 45 މައްސަލައެއް މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ޖުމްލަ 45 މައްސަލައެއް މަޖިލީހުން ނިންމާފައި، އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 95.7 ޕަސަންޓު،" މަސީހު ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް ތަފާސް ހިސާބުތައް އިއުލާން ކުރައްވަމުން މަސީހު ވިދާޅުވީ، 18 ވަނަ މަޖިލީހުގެ މި ދައުުރުގެ ނިޔަލަށް ޖުމްލަ 421 މައްސަލަ ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި 141 ބިލުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މަސީހު ވިދާޅުވީ މި ދައުރުގެ ނިޔަލަށް މަޖިލީހުގެ އުފެއްދުންތެރިކަމުގެ މިންވަރަކީ 98.6 ޕަސަންޓު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަސީހު ވިދާޅުވީ، މި އަހަރުގެ ތެރޭގައި ވެސް ސަރުކާރު މެންބަރުން މަސައްކަތް ކުރެއްވީ ރައްޔިތުންގެ ހައްގުގައި އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެގޮތުގައި ދެމި ހުންނަން ޖެހޭ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

ޑިމޮކްރަސީގެ ތެރެއިން ބަޔަކު ސްމާޓް ނިންމުމެއް ނިންމި ނަމަވެސް މެންބަރުން އަމިއްލަ ނަފްސަށް އަނިޔާ ލިބޭ ގޮތަށް އުޅުން ރަނގަޅެއް ނުވާނެ ކަމަށެވެ. މަސީހު ވިދާޅުވީ، ޑިމޮކްރަސީގައި ކާމިޔާބުވާން ޖެހޭނީ އަނގަބަހުން ކުރި ހޯދައިގެން ކަމަށާއި އަތްފައި އިސްކޮށްގެން ނޫން ކަމަށެވެ. އަދި އެހެން ބަޔަކު ސްމާޓް ނިންމުމެއް ނިންމި ނަމަވެސް އެއްވެސް މެންބަރަކު މާޔޫސްވެވަޑައިގަންނާކަށް ނުޖެހޭ ކަމަށެވެ. އަމިއްލަ ނަފްސަށް އަނިޔާ ލިބޭ ގޮތަށް އުޅުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް މަސީހު ވިދާޅުވި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. މިރޭ ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރިވެފައެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތަކުގައި އިހުތިޖާޖްކޮށްފައިވަނީ ޖަލްސާތައް ބާއްވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ބުނެ އެވެ. އިދިކޮޅު ފަރާތްތަކުންވަނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 45 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ ވަނީ މަޖިލިސް ތަޅުމުން ބޭރުކޮށްލާފަ އެވެ.

މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވަނީ ޗައިނާ އާއި ރާއްޖެ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މަޖިލީހުން ރުހުން ދީ އަދި ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ރައީސްގެ މުސާރަ މިނިވަން އެެހެން މުއައްސަސާތަކުގެ ރައީސްގެ މުސާރަ އާ އެއް ހަމައަކަށް ގެންނަން ފާސްކޮށްފަ އެވެ.